ސޮވެރިން ޑިވެލޮޕްމަންޓް ފަންޑު

އެސްޑީއެފަށް މިއަހަރު ޖަމާކުރީ 214 މިލިއަން

މި އަހަރުގެ މިހާތަނަށް ސޮވްރިން ޑިވްލޮޕްމަންޓް ފަންޑް (އެސްޑީއެފް) ފަންޑަށް ޖަމާ ކޮށްފައި ވަނީ 214 މިލިއަން ރުފިޔާ އެވެ.

ފިނޭންސް މިނިސްޓްރީން އެންމެ ފަހުން ނެރުނު މާލީ ރިޕޯޓުގައިވާ ގޮތުން މިމަހު 19 އިގެ ނިޔަލަށް އެސްޑީއެފް ފަންޑުގެ ޖަމާއަކީ 214 މިލިއަން ރުފިޔާ އެވެ. ނަމަވެސް މިދިޔަ އަހަރުގެ މި މުއްދަތާހަމައަށް ބަލާނަމަ އެސްޑީއެފް ފަންޑަށް ޖަމާކުރި އަދަދަކީ 449.8 މިލިއަން ރުފިޔާ އެވެ.

އެ މިނިސްޓްރީގެ ރިޕޯޓުގައިވާ ގޮތުން އެސްޑީއެފް ފަންޑުގެ ބޭންކް ބެލެންސުގައި ހުރީ 841.1 މިލިއަން ރުފިޔާ އެވެ. އަދި މި ފަންޑުގެ ސައިޒެއް ކަމަށް އެ މިނިސްޓްރީގެ ބުނެފައިވަނީ 3.4 ބިލިއަން ރުފިޔާ އެވެ.

އެސްޑީއެފް ފަންޑަކީ ކުއްލި ހާލަތުގައި ކުރިމަތި ވެދާނެ ކަމަކަށްޓަކައި އަދި ތަރައްގީގެ އެކި މަޝްރޫއުތައް ހިންގަން ނަގާ ބޮޑެތި ލޯނުތައް އަނބުރާ ދެއްކުމުގައި އިގުތިސޯދަށް އަތުވެދާނެ ލޮޅުމަކުން ލިބޭ ގެއްލުން ފޫބެއްދުމަށް ސަރުކާރުން އުފައްދާފައިވާ ހާއްސަ ފަންޑެކެވެ. އެސްޑީއެފް އުފެއްދީ 2017 ވަނަ އަހަރު އެވެ. މި ފައިސާ ޖަމާ ކުރަނީ 2017 ވަނަ އަހަރުން ފެށިގެން ނަގަމުން އަންނަ ވީއައިއޭ އިން ދޭ ހިދުމަތްތަކުގެ އަގަށް ބަދަލު ގެނެސްގެން އިތުރުވާ ފައިސާ އެވެ. ނަމަވެސް، އެސްޑީއެފް ފަންޑަށް އެކަށީގެންވާ ގޮތެއްގައި ފައިސާ ޖަމާ ނުކުރުމުގެ ޝަކުވާ ތަކެއް މަރުކަޒީ ބޭންކް (އެމްއެމްއޭ) ގެ ގަވަރުނަރު އަލީ ހާޝިމް ވަނީ ފާޅު ކުރައްވާފަ އެވެ.