ޗެމްޕިއަންސް ލީގް

ސިޓީ ސަސްޕެންޑް، ފަސްވަނަ މަގާމަށް ފޯރި ގަދަވެއްޖެ

ކުރިއަށް އޮތް ދެ ސީޒަނަށް ޔޫރަޕްގެ މުބާރާތްތަކުން، އިނގިރޭސި ޗެމްޕިއަން މެންޗެސްޓާ ސިޓީ ސަސްޕެންޑް ކުރުމުން ލީގްގެ ފަސް ވަނަ މަގާމުގެ ރޭސް ފޯރި ގަދަ ވެއްޖެ އެވެ.

އިނގިރޭސި ލީގުން، ޗެމްޕިއަންސް ލީގްގެ ޖާގަ ލިބެނީ ގަދަ ހަތަރު ޓީމަށެވެ. ސިޓީ ސަސްޕެންޑް ކުރުމުން ޗެމްޕިއަންސް ލީގްގެ ޕްލޭއޮފް ޖާގަ ލިބޭނީ ފަސް ވަނަ ޓީމަށެވެ. ފަސް ވަނަ މަގާމަށް އެންމެ ބޮޑު ފުރުސަތެއް އޮތް ވާދަވެރިންނަކީ ޕްރިމިއާ ލީގްގައި މެދުކެނޑުމަކަށް ފަހު ވާދަ ކުރާ ޝެފީލްޑް ޔުނައިޓަޑާއި، ޓޮޓެންހަމް ހޮޓްސްޕާސް، ވޯލްވްސްގެ އިތުރުން އެވަޓަން އަދި މެންޗެސްޓާ ޔުނައިޓެޑެވެ.

ޔޫއެފްއާގެ ކުލަބު ލައިސެންސިން އަދި ފައިންނޭޝިއަލް ކޮންޓްރޯލް ބޮޑން، ސިޓީއާ ދެކޮޅަށް ފިޔަވަޅު އެޅި، އެ ޓީމުގެ ސްޕޮންސާޝިޕް އާމެދު އުފެދިފައިވާ ސުވާލާއެކު އެވެ. ސިޓީގެ މެއިން ސްޕޮންސަރަކީ، އިއްތިހާދު އެއާވޭޒް އެވެ. އެ ކުންފުނީގެ ވެރިންނަކީ ސިޓީގެ އޯނާޝިޕް އޮންނަ ފަރާތް ވެސް މެ އެވެ. ޓީމުގެ ޖޯޒީގަ އާއި ސްޓޭޑިއަމްގެ ނަންވެސް ގުޅުވާފައި ވަނީ އެ ކުންފުންޏާ އެވެ. އެ ސްޕޮންސާޝިޕްގެ ދަށުން 75 މިލިއަން ޔޫރޯގެ މޫނު މަތީގެ އަގެއްގެ ގޮތުގައި ކަނޑައަޅާފައިވީ ނަމަވެސް އޭގެ ވެލިއު 10 މިލިއަންނަށް ވެސް ނާރަ އެވެ.

ޔޫއެފްއާގެ ގަވައިދު ބުނާ ގޮތުން ކުލަބަށް ވަންނަ ސްޕޮންސާޝިޕްގެ އަދަދަށްވުރެ އިތުރަށް ޓްރާންސްފާގައި ކުޅުންތެރިން ގަތުމަށް ހޭދަ ކުރުމަކީ ގާނޫނީ ކުށެކެވެ.

މިފަދަ މައްސަލަތައް ތުހުމަތު ކުރެވޭ އަނެއް ކުލަބަކީ، ޕީއެސްޖީ އެވެ. ޔޫއެފާއިން ދަނީ ޕީއެސްޖީގެ ހަލާތު ގަތުން ބަލަމުންނެވެ. މިކަމުގައި ސިޓީއަށް އަދި އިސްތިއުނާފްގެ މަރުހަލާ އެބައޮތެވެ. އިސްތިއުނާފަށް ހުށަހެޅޭނީ ސްވިޒަލޭންޑްގެ ލުޒާންގައި ހުންނަ ކުޅިވަރުގެ އާބިޓްރޭޝަން ކޯޓަށެވެ. އެ ކޯޓުން ވަނީ ޗެލްސީއާ ދެކޮޅަށް ޔޫއެފާއިން އަޅާފައިވާ ޓްރާންސްފާގެ ބޭންގެ އަދަބު ވެސް ދާދި ފަހުން ކުޑަ ކޮށްދީފަ އެވެ.