ބޮލީވުޑް

ވިދްޔާ ބާލަންގެ އާ ފިލްމަކީ "ޝޭރްނީ"

ވިދްޔާ ބާލަން ކުޅެން ފަށާ އާ ފިލްމެއް މިދިޔަ ބުރާސްފަތި ދުވަހު އިއުލާން ކޮށްފި އެވެ. އިންސްޓަގްރާމްގައި ލިޔުނު މެސެޖެއްގައި ވިދްޔާ ބުނެފައި ވަނީ އޭނާ ކުޅޭ އާ ފިލްމުގެ ނަމަކީ "ޝޭރްނީ" ކަމަށެވެ. މި ފިލްމު ޑައިރެކްޓް ކުރަނީ އަމިތު މަސުރްކަރް ކަމަށާއި ޕްރޮޑިއުސްކުރަނީ ބޫޝަން ކުމާރާއި އިތުރު ބައެއް ޕްރޮޑިއުސަރުން ގުޅިގެން ކަމަށް ވެސް އޭނާ ބުންޏެވެ.

ވިދްޔާ، މިހާރު ކުޅެމުންދަނީ "ޝަކުންތަލާ" ކިޔާ ފިލްމެކެވެ. އަނޫ މެނަން ޑައިރެކްޓްކުރާ މި ފިލްމުގައި ވިދްޔާ ކުޅެނީ އިންސާނީ ކޮމްޕިއުޓަރުގެ ނަމުން މަޝްހޫރުވެފައިވާ ޝަކުންތަލާ ދޭވީ ނަމަކަށް ކިޔާ މީހެއްގެ ރޯލެވެ. ވިދްޔާ އާއެކު މި ފިލްމުން ފެންނާނީ ސާންޔާ މަލްހޯތުރާ އާއި ޖިޝޫ ސެންގުޕްތާ އެވެ.

އަނޫ މެނޮން ޑައިރެކްޓްކޮށްފައިވާ މި ފިލްމުން ފެންނާނީ އިނގިލިތަކުގެ ބޭނުންކޮށްގެން ވަރަށް ބޮޑެތި ހިސާބު ނަންބަރުތައް ބަސް ބުނާހާ ހިނދުކޮޅެއްގެ ތެރޭގައި ޝަކުންތަލާ ފުރިހަމަކޮށްލާ ގޮތެވެ. ޝަކުންތަލާގެ ހިސާބުގެ ހުނަރު ކަލްކިއުލޭޓަރަށް ވުރެ ވެސް އަވަސްވެފައި ފުރިހަމަ ކަމަށް ވެއެވެ.

"މެންޓަލް ކަލްކިއުލޭޓާ"ގެ ނަމުން ގިނަ ބަޔަކު ދަންނަ ޝަކުންތަލާގެ މި އާދަޔާޚިލާފު ހުނަރު ފާހަގަވާން ފެށީ އުމުރުން އެންމެ ފަސް އަހަރުގައި 18 އަހަރުގެ ކިޔަވާ ކުއްޖެއްގެ ހިސާބު ނަންބަރުތައް ބުނެދިން ހިސާބުންނެވެ.
"ޝަކުންތަލާ ދޭވީ – ހިއުމަން ކޮމްޕިއުޓާ" ރިލީޒްކުރަން ހަމަޖެހިފައިވަނީ މިއަހަރުގެ މޭ މަހުގެ 8 ވަނަ ދުވަހު އެވެ.