މި އަހަރު ލޯބިވެރިންނަށް އެންމެ ހާއްސަ މަންޒިލުތަކުގެ ތެރެއިން މުޅި ދުނިޔެއިން ހޮވައިލި 10 މަންޒިލުގެ ތެރޭގައި ވާލްޑޮފް އެސްޓޯރިއާ މޯލްޑިވްސް އިތާފުށި ހިމެނިއްޖެ އެވެ.
އަންހެނުންނަށް ހާއްސަކޮށްފައިވާ "ބްރައިޑްސް" މަޖައްލާއިން މި އަހަރަށް އެކުލަވާލި އެންމެ "ސެކްސީ" ޕްރައިވެޓް އައިލެންޑް މަންޒިލުގެ ލިސްޓުގެ އެންމެ ކުރީގައި ހިމަނާފައި ވަނީ އިތާފުއްޓެވެ.
ދެން އެ ލިސްޓުގައި ހިމެނެނީ ފީޖީ، އެންޓީގާ، ސީޝެލްސް، ބަހާމާސް، އިންޑޮނީޝިއާ، މޮންޓެނީގްރޯ، މެޑަގަސްކާ، އަދި ކެމްބޯޑިއާގެ އިތުރުން ޓާކްސް އެންޑް ކައިކޯސް އައިލެންޑްސްގައި ހިމެނޭ ރިސޯޓުތަކެވެ.
އިތާފުއްޓާބެހޭ ގޮތުން، ބްރައިޑްސް އިން ބުނީ އެންމެ ފުރިހަމަ ހިދުމަތްތަކާއެކު ފަރުމާ ކޮށްފައިވާ އެ ރިސޯޓުގައި ޗުއްޓީ ހޭދަކުރާ ފަރާތްތަކަށް ކުރިމަތިވާ އެންމެ ބޮޑު އުނދަގުލަކީ ކާނެ ރެސްޓޯރަންޓެއް ހިޔާރު ކުރުމެވެ.
އޭގެ ތެރޭގައި ދާދި ފަހުން ސީއެންއެން އިން ހޮވި، ދުނިޔޭގެ އެންމެ ފުރިހަމަ ވޯޓާ ޕްރަންޓް ރެސްޓޯރެންޓުގެ ލިސްޓުގައިވާ ޓެރަ ޓްރީޓޮޕް ރެސްޓޯރެންޓު ހިމެނެ އެވެ.
ރަށް މަތިން ފެންނަ ގޮތަށް އުހުގައި ހަދާފައިވާ މި ރެސްޓޯރެންޓަކީ މިގޮތަށް ރާއްޖޭގައި ހަދާފައިވާ އެއް ރެސްޓޯރެންޓެވެ. މިތަން ހާއްސަ ކޮށްފައި ހުންނަނީ ޕްރައިވެޓް ޑިނާ ތަކަށެވެ.
އިތާފުށްޓަކީ ފަޅެއް ހިއްކައިގެން ތިން ރަށް ހިމެނޭ ގޮތަށް ހަދާފައިވާ ރިސޯޓެކެވެ. މި ރިސޯޓުގައި 130 ކޮޓަރި ހުރެ އެވެ. މީގެ އިތުރުން މީގެ ކޮންމެ ތަނެއްގައި 10 ރެސްޓޯރަންޓާއި ކެފޭތައް ހުރެ އެވެ. އަދި މި ރަށުގައި 10 ޓްރީޓްމަންޓް ވިލާގެ ސްޕާއަކާއި މޫދު ކުޅިވަރުގެ ހަރަކާތްތަކާއި ކައިވެންޏާއި ހާއްސަ ރަސްމިއްޔާތު ތަކަށް ހާއްސަކޮށް "ރޮމޭންޓިކް ވެޑިން ޕެވިލިއަން" އެއް ވެސް ހުރެ އެވެ.
ސީއެންއެން އިން ހޮވި ރާއްޖޭގެ އެންމެ ފުރިހަމަ 14 ރިސޯޓުގެ ތެރޭގައި ވެސް އިތާފުށި މީގެ ކުރިން ހިމެނިފައިވެ އެވެ. އަދި ކޮންޑެ ނަސްޓް ޓްރެވަލާ މިޑުލް އީސްޓް މަޖައްލާގެ ބޭރު ގަނޑަށް ވެސް މި ރިސޯޓު މީގެ ކުރިން އަރާފައިވެ އެވެ. މި ރިސޯޓު ތަރައްގީ ކޮށްފައިވަނީ މެދުއިރުމަތީގެ މަހުޖަނަކާއި ހ. ސީސައިޑް މުހައްމަދު އަލީ ޖަނާހު (ޖަނާ) ގުޅިގެންނެވެ.
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) އިން ފުރައިގެން 30 މިނެޓުން ސްޕީޑް ލޯންޗުގައި ދެވޭ ރާސްތާގައި ހުޅުވާ އިތާފުށި ހިންގާ، ހިލްޓަން ބްރޭންޑުން މީގެ ކުރިންވެސް ރާއްޖޭގައި ރިސޯޓު ހިންގި އެވެ. ހިލްޓަންގެ އެންމެ އަގު ބޮޑު އެއް ބްރޭންޑް ކަމަށްވާ ވާލްޑޮފް އެސްޓޯރިއާގެ ބްރޭންޑުގެ ދަށުން ކުރިން ރާއްޖޭގައި މަނަފަރު ރިސޯޓު ވެސް ހިންގި އެވެ.