މަރުގެ އިންޒާރު

ފޯމު ހުށަހަޅަން ދިޔަ މީހަކު އީސީގެ މުވައްޒަފުންނަށް ބިރު ދައްކައިފި

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ކޮމިޓީގެ އިންތިހާބަށް ކުރިމަތިލާން ފޯމު ހުށަހަޅަން އައި މީހަކު އިލެކްޝަންސް ކޮމިޝަން (އީސީ) ގެ މުވައްޒަފުންނަށް ބިރު ދައްކައި އިންޒާރު ދީފައިވާ ކަމަށް އެ ކޮމިޝަނުން މިއަދު ބުނެފި އެވެ.

އީސީގެ ނައިބު ރަައީސް އަަހްމަދު އަކްރަމް ވިދާޅުވީ ކައުންސިލް އިންތިހާބަށް އެޕްލިކޭޝަން ފޯމު ހުށަހަޅަން އިއްޔެ އާއި މިއަދު ދިޔަ އާންމު ފަރާތަކުން އެ ކޮމިޝަންގެ މުވައްޒަފުންނަށް ބިރު ދައްކައި އިންޒާރު ދީފައިވާ ކަމަށެވެ. އިންތހާބުގެ މަސައްކަތްތަކުގައި ހަރަކާތްތެރިވާ މުވައްޒަފުންނަށް އިންޒާރު ދިނުމަކީ އެ ކޮމިޝަނުން ނުހަނު ކަންބޮޑުވާ ކަމެއް ކަމަށެވެ.

އަކްރަމް ވިދާޅުވީ، ކަމާ ބެހޭ މުއައްސަސާތަކަށް އެ މައްސަލަތައް ހުށަހަޅާނެ ކަމަށާއި އެފަދަ އަމަލުތައް ހިންގާ މީހުނާ މެދު ގާނޫނީ ގޮތުން އެޅެން ހުރިހާ ފިޔަވަޅެއް އެ ކޮމިޝަނުން އަޅާނެ ކަމަށެވެ. އަަދި ވިދާޅުވީ، އަންނަ ކައުންސިލް އިންތިހާބުގެ ކަންކަން އަމާންކޮށް ގެންދިއުމަށް ކޮމިޝަނުން މަސައްކަތް ކުރަމުން ގެންދާ ކަމަށެވެ.

އީސީގެ ނައިބު ރައީސް އަހްމަދު އަކްރަމް ކުރެއްވި ޓްވީޓް

އޭޕްރީލް މަހުގެ ހަތަރުވަނަ ދުވަހު ބާއްވާ ކައުންސިލް އިންތިހާބާއި އަންހެނުންގެ ކޮމިޓީތަކުގެ އިންތިހާބަށް ކުރިމަތިލާން އެ ކޮމިޝަނުން ވަނީ ހުޅުވާލާފަ އެވެ. އެ އިންތިހާބުގައި ވާދަކުރާނެ ކެންޑިޑޭޓުން ކަނޑައަޅަން އެންމެ ބޮޑު ތިން ޕާޓީ ކަމުގައިވާ އެމްޑީޕީ އާއި ޕީޕީއެމް އަދި ޖޭޕީން ވަނީ އެ ޕާޓީތަކުގެ އެތެރޭގެ ޕްރައިމަރީ ވެސް މިހާރު ބާއްވަފަ އެވެ.

އީސީގެ މުވައްޒަފުންނަށް ބިރު ދައްކާފައިވާއިރު، 2018 ވަނަ އަހަރު ބޭއްވި ރިޔާސީ އިންތިހާބުގެ ނަތީޖާގެ ފަހުން ހިނގާ ދިޔަ ކަންތައްތަކުގައި ވެސް އީސީގެ މެންބަރުންނަށާއި މުވައްޒަފުންނަށް ބިރު ދައްކައި އިންޒާރު ދިނުމުގެ މައްސަލަތަކެއް ފެންމަތިވި އެވެ.

އެ އިންތިހާބުގައި ބަލިވި ޕީޕީއެމް އިން އޭރު ތުހުމަތު ކޮށްފައި ވަނީ އީސީގެ މެންބަރުން ވެގެން އިންތިހާބުގެ ނަތީޖާ އޮޅުވާލާފައިވާ ކަމަށެވެ. އެކަމަކު އީސީގެ މެންބަރުން ވަނީ އެ ތުހުމަތުތައް ދޮގު ކުރައްވާފަ އެވެ. އިންތިހާބު ބާތިލުކޮށްދިނުމަށް ސުޕްރީމް ކޯޓަށް ވެސް މައްސަލައެއް ވެއްދިއިރު، އެ ކޯޓުން ހުކުމް ކުރީ އިންތިހާބު ބާތިލް ކުރަން ޖެހޭ ސަބަބެއް ނެތް ކަމަށެވެ.