ހަބަރު

މާދަމާއިން ފެށިގެން ހުޅުމާލެ ބާބަކިޔު އޭރިއާ ބަންދު

އާންމުން ގިނަ އަދަދަކަށް ގޮސްއުޅޭ ހުޅުމާލޭ ބާބަކިޔު އޭރިއާ މާދަމާއިން ފެށިގެން ބަންދުކުރުމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ނިންމައިފި އެވެ.

އެޗްޑީސީން ކުރި އިއުލާނެއްގައި ބުނެފައިވަނީ ހުޅުމާލޭ ދެވަނަ ފިޔަވައްސާއި ފުރަތަމަ ފިޔަވަހި ގުޅޭ ސަރަހައްދު ތަރައްގީކުރުމަށް ބާބަކިޔު އޭރިޔާ ހުސްކުރަންޖެހޭތީ މާދަމާއިން ފެށިގެން ބަންދުކުރުމަށް ނިންމާފައިވާ ކަމަށެވެ.

އިއުލާނުގައި ބުނެފައިވަނީ ހުޅުމާލޭގެ ބާބަކިއު އޭރިއާ ބަންދުކޮށް އެތަނުގައި ހުރި ބާބަކިއު ޕިޓް، މޭޒާއި ގޮނޑިފަދަ ތަކެތި އެތަނުން ނަގާ ތަން ހުސްކުރުމުގެ މަސައްކަތް ކުރާނެ ކަމަށެވެ.

ހުޅުމާލެ ބާބަކިޔު އޭރިއާ އަކީ ޗުއްޓީ އާއި ހަފްތާ ބަންދުގައި އާއިލާތަކާއި އޮފީސްތަކުގެ މީހުން ގިނަ އަދަދަކަށް ގޮސް އުޅޭ ތަނެކެވެ. މި އޭރިއާ ބަންދުކުރަން ނިންމާފައިވާއިރު ދެން ހުޅުމާލޭގައި އާންމުން ބާބަކިޔު ހަދަން ދާނެ ތަނެއް އެޗްޑީސީން ކަނޑައަޅާފައެއް އަދި ނުވެ އެވެ.