ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް އޮންނަ ހުޅުލޭގައި މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އިން ހަދާ ސީޕްލޭން ޓާމިނަލް އޮޕަރޭޓަރުންނަށް ދޫކުރުމުގައި ގޯސް ހަދަމުންދާ ފަރާތްތަކާ ގާނޫނު އަރާ ހަމަކުރާނެ ދުވަސް އަންނާނެ ކަމަށް ކުރީގެ ނާއިބް ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެ އެވެ.
އެމްއޭސީއެލް އިން 26 މިލިއަން ޑޮލަރު އިންވެސްޓް ކޮށްގެން ހަދާ ސީޕްލޭން ޓާމިނަލް އެއްކޮށް ދޭން އުޅޭ ކަމުގެ އަޑުތަކެއް ފެންމަތިވެފައި ވަނިކޮށް، ސަރުކާރުން ވަނީ ޓީއެމްއޭ އަށް ބިން ދޫކޮށްފައިވާ އަގަށް ކުރިއަށް އޮތް ދެ އަހަރަށް އާ ސީޕްލޭން ޓާމިނަލް އިން ބޮޑު ޖާގައެއް ދޭން ނިންމާފަ އެވެ.
ނަމަވެސް މާލިއްޔަތު ކޮމެޓީގައި އެ ކުންފުނީގެ ސީއީއޯ އެމްޔޫއެމް ފައުޒީ ވިދާޅުވީ އާ ސީޕްލޭން ޓާމިނަލުން 19،000 އަކަ މީޓަރުގެ ބިމުގެ ޖާގައެއް 15 އަހަރު ދުވަހުގެ މުއްދަތަށް އެ އެއާލައިނަށް އަކަފޫޓެއް 10.35 ޑޮލަރުގެ ރޭޓުން ދޭން އެމްއޭސީއެލް އިން އެއްބަސްވެފައިވާ ކަމަށެވެ. އެހެން ކަމުން އެގޮތަށް އަމަލުކޮށް ދިނުމަށެވެ.
އާ ސީޕްލޭން ޓާމިނަލް ކުއްްޔަށް ދޫކުރުމުގައި ވަކި އޮޕަރޭޓަރަކަށް ނުވަތަ އޮޕަރޭޓަރުންތަކަކަށް ނާޖައިޒު ފައިދާ ހޯދައިދޭން މަސައްކަތް ކޮށްފައިވާ ކަމަށް ތުހުމަތު ކުރެވޭތީ އެ މައްސަލައިގެ ޖިނާއީ ތަހުގީގެއް އޭސީސީން ވަނީ ފަށާފައެވެ.
މި މައްސަލާގައި ސަރުކާރުގެ ބައެއް އިސްވެރިން ތަފާތު ވާހަކަތައް ދައްކަމުންދާއިރު މިކަމުގައި ބޮޑެތި ގޯސްތަކެއް ހަދާފައިވާކަން މިހާރުވަނީ ޔަގީން ކުރެވިފައެވެ.
އެކަމަށް އިޝާރާތްކުރައްވާ ކުރީގެ ނާއިބް ރައީސް ވިދާޅުވީ ޓީއެމްއޭއާ އެމްއޭސީއެލްއާ ދެމެދު ކޮންޓްރެކްޓެއް ނެތް ކަމަށެވެ. ކޮންޓްރެކްޓެއް އޮތް ކަމަށް ބުނަމުންދަނީ ރައީސް ނަޝީދާއި، އެމްޑީޕީގެ ވިސްނުމަކަށް ކަމަށް ޖަމީލް ވިދާޅުވިއެވެ.
"ނަޝީދުގެ ވަކީލުންގެ ގޮތުގައި ކުރީގައި މަސައްކަތް ކުރެއްވި ބޭފުޅުން ޓީއެމްއޭގައި އަދި ސަރުކާރު ފަޅީގައި ތިބީ. މިއީ މަގާމުގެ ބޭނުންކޮށްގެން ރައްޔިތުންގެ ހަޒާނާއިން މުއްސަދިވުން." ޖަމީލް ވިދާޅުވިއެވެ.
ޖަމީލް ވިދާޅުވީ ގާނޫނުގެ ދިގު އަތް މި މައްސަލާގައި ބައިވެރިވާ ފަރާތްތަކާ ހަމައަށްވެސް ފޯރާނެ ކަމަށެވެ.
މި މައްސަލައާއި ގުޅިގެން އޭސީސީން ބުނެފައިވަނީ އާ ސީޕްލޭން ޓާމިނަލް ޖާގަ ދޫކުރުމުގައި އަކަމީޓަރެއް 10.35 ޑޮލަރަށް ކުއްޔަށް ދޫކުރަން އެމްއޭސީއެލްގެ ޑިރެކްޓަރުންގެ ބޯޑްގެ ބައްދަލްވުމެއްގައި ނޮވެންބަރު 28، 2017 ގައި މަޝްވަރާ ކޮށްފައިވާ ކަމަށެވެ. ބޯޑްގައި ކުރިން ތިއްބެވި ފަރާތްތަކާއި، އެމްއޭސީއެލްގެ ޑިރެކްޓަރުންގެ ބޯޑްގައި މިހާރު ތިބި ފަރާތްތަކާއި، ވީއައިއޭގައި މިހާރު ސީޕްލޭން އޮޕަރޭޓްކުރާ ތިން ފަރާތުގެ ތެރެެއިން އަމިއްލަ ދެ ކުންފުނި ކަމަށްވާ ޓީއެމްއޭ އަދި މަންތާ އެއާ އާ ދެމެދު އާއިލީ އަދި ވިޔަފާރީގެ ގުޅުން އޮންނައިރު، އެމްއޭސީއެލްގެ ބޯޑްގައި ކުރިން ތިއްބެވި ފަރާތްތަކާއި، އެމްއޭސީއެލްގެ ޑިރެކްޓަރުންގެ ބޯޑްގައި މިހާރު ތިއްބެވި ފަރާތްތަކުގެ މަސްލަހަތު އެ ދެ ކުންފުނީގައި އޮންނަކަން ފާހަގަކުރެވިފައިވާ ކަމަށެވެ.
"... އެ ފަރާތްތަކުގެ މަސްލަހަތު އޮންނަ މިފަދަ ކުންފުނިތަކާއި އެމްއޭސީއެލްއާ ދެމެދު ވެވޭ އެންމެހާ އެއްބަސްވުންތަކާއި ގުޅޭ ނިންމުންތައް ނިންމާއިރު އެ ފަރާތްތަކުގެ މަސްލަހަތު ފުށުއަރާކަން މި ކޮމިޝަން [އޭސީސީ] ގެ ތަހުގީގަށް ފާހަގަ ކުރެވިފައިވެ އެވެ." ބަޔާނުގައި ވެއެވެ.
އޭސީސީން ބުނީ އެ ކޮމިޝަނުން ކުރި ތަހުގީގުން ފާހަގަ ކުރެވުނު ވަރަށް ގިނަ ކަންތައްތައް ރަނގަޅު ކުރުމަށް އެމްއޭސީއެލްއަށް އަންގާފައިވާ ކަމަށާއި މި މައްސަލާގައި ވަކި އޮޕަރޭޓަރަކަށް ނުވަތަ އޮޕަރޭޓަރުންތަކަކަށް ނާޖައިޒު ފައިދާ ހޯދައިދޭން މަސައްކަތް ކޮށްފައިވާ ކަމަށް ތުހުމަތު ކުރެވޭތީ މި މައްސަލައިގެ ޖިނާއީ ތަހުގީގެއް ވަކި މައްސަލައެއްގެ ގޮތުގައި ތަހުގީގު ކުރަމުންދާ ކަމަށެވެ.
މީގެ އިތުރުން އާ ސީޕްލޭން ޓާމިނަލްއާ ގުޅޭ ގޮތުން އޮޕަރޭޓަރުންނާއެކު މަޝްވަރާކުރި ނަމަވެސް އެއްވެސް ފަރާތަކާއެކު އެއްބަސްވުމެއް ހަދާފައިނުވާކަމަށްވެސް އޭސީސީން ބުންޏެވެ.
މި މައްސަލަގެ ބަހުސް ވަރަށް ބޮޑުވެފައި ވަނިކޮށް ކުރީގެ ރައީސް ނަޝީދު ވެސް ވަނީ މައްސަލައާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވާފަ އެވެ. ޓީއެމްއޭ އާއި ސަރުކާރާ ދެމެދު އެއްބަސްވުމަކަށް އައުން މުހިންމު ކަމަށާއި އެކަމަށް ގޮތެއް ނުހޯދިއްޖެ ނަމަ އެ ކުންފުންޏަށް ބަދަލު ދޭން ޖެހުން ވަރަށް ގާތް ކަމަށް ނަޝީދު ވަނީ ވިދާޅުވެފަ އެވެ.
އާ ސީޕްލޭން ޓާމިނަލްއާ ގުޅިގެން މިހާތަނަށް އެއްވެސް ކުންފުންޏަކާއެކު އެއްބަސްވުމެއް ހަދާފައި ނެތް ކަމަށް އޭސީސީން ވަނީ ބުނެފަ އެވެ. ނަމަވެސް ކުއްލިއަކަށް އެއްބަސްވުމެއްގެ ވާހަކަ ވިދާޅުވެ، ގެއްލުމުގެ ބަދަލު ދޭން ޖެހޭ ވާހަކަ ރައީސް ނަޝީދު ވިދާޅުވުމުން އެއީ ސުވާލު އުފެދޭ ކަމެއް ކަމަށް ގިނަ ބަޔަކު ބުނަމުން ދެއެވެ.
އަދި ނަޝީދު އެ މޭރުމުން ވާހަކަފުޅު ދެއްކެވީ ޓީއެމްއޭގެ މައި ކުންފުނީގެ ވަކީލެއްގެ ގޮތުގައި ނަޝީދުގެ ކުރީގެ ވަކީލް ޖެރަޑް ޖެންސާ ހިމެނިވަޑައިގަންނަ ވާތީ ކަމަށް ވެސް ބައެއް މީހުން ދަނީ ބުނަމުންނެވެ. އެ މައްސަލަ ބޮޑުވުމުން ޖެރަޑް ޖެންސާ ވަނީ އޭނާއަކީ މިހާރު ނަޝީދުގެ ވަކީލެއް ނޫން ކަމަށް ވިދާޅުވެފަ އެވެ.