ލޯކަލް ކައުންސިލްތަކުގެ އިންތިހާބު

ކައުންސިލް އިންތިހާބު: އަދި ހުށައެޅީ 141 ފޯމް

ލޯކަލް ކައުންސިލް އިންތިހާބަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާފައިވާއިރު މިހާތަނަށް ހުށައަޅާފައިވަނީ 141 ފޯމް ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފި އެވެ.

ކައުންސިލް އިންތިހާބާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީތަކުގެ އިންތިހާބަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާފައިވަނީ މިމަހުގެ ހަތަރުވަނަ ދުވަހުގެ ރެއެވެ. ފުރުސަތު ހުޅުވާލާފައި އޮންނާނީ މިމަހުގެ 20 ވަަނަ ދުވަހުގެ ނިޔަލަށެވެ.

އިލެކްޝަންސް ކޮމިޝަންގެ ނާއިބް ރައީސް އަހުމަދު އަކްރަމް ވިދާޅުވީ މިހާތަނަށް ކައުންސިލް އިންތިހާބަށް ހުށައަޅާފައިވަނީ 141 ފޯމް ކަމަށެވެ. އަދި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީތަކުގެ އިންތިހާބުގައި ވާދަކުރުމަށް 50 ފަރާތަކުން ފޯމް ހުށައަޅާފައިވާ ކަމަށެވެ.

އަންނަ އޭޕްރީލް މަހުގެ ހަތަރުވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ކައުންސިލް އިންތިހާބަށް މިހާތަނަށް ސިޔާސީ ޕާޓީތަކުން ވާދަކުރާނެ ކެންޑިޑޭޓުންގެ ފޯމްތައް ހުށައެއް ނާޅައެވެ. ނަމަވެސް އެމްޑީޕީ، ޕީޕީއެމް އަދި ޖޭޕީން ވަނީ ޓިކެޓް ދޭނެ ކެންޑިޑޭޓުން ކަނޑައެޅުމަށް ޕްރައިމަރީ ބާއްވާފައެވެ.

ކައުންސިލް އިންތިހާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީތަކުގެ އިންތިހާބުގައި 6000 ކެންޑިޑޭޓުން ވާދަކުރާނެ ކަމަށް ބެލެވޭ ކަމަށް އަކްރަމް ވިދާޅުވިއެވެ. މިއީ ރާއްޖޭގައި މިހާތަނަށް ބޭއްވޭ އިންތިހާބެއްގައި އެންމެ ގިނަ ކެންޑިޑޭޓުން ވާދަކުރާނެ އިންތިހާބެވެ.

މިފަހަރުގެ އިންތިހާބުގައި 2،69562 މީހުންނަށް ވޯޓްލުމުގެ ހައްގު ލިބޭނެއެވެ.