ހަބަރު

ލީކްވި އޯޑިއޯ: އަލީގެ ހުތުރު ބަސްތަކެއް މިނިސްޓަރުންނަށް

"ލީކްސް"ގެ ނަމުގައި ޓްވިޓާ އެކައުންޓެއް ހަދައި، މިނިސްޓަރެއް ބޭޒާރުކޮށްލާނެ ކަމުގެ އިންޒާރު އިއްޔެ ހެނދުނު ޓްވިޓާގައި އާންމުވި އެވެ. އެ މެސެޖާއެކު އެންމެ ވެސް ތިބީ އެ ޓްވިޓާ ހޭންޑަލް ފްލޯކޮށްލަކޮށްލަ އެވެ. އެހެން ތިއްބާ އާންމުކުރީ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދުގެ އޯޑިއޯއެކެވެ. އޯޑިއޯގައި އިވޭ އަޑަކީ އަލީ ވަހީދުގެ އަޑުކަން ވަރަށް ސާފެވެ.

އެކަމަކު، އެއީ ސައްހަ ނޫން އޯޑިއޯއެއް ކަމަށް އަމާޒުވި ފާޑުކިޔުންތަކަށް އަލީ ވަހީދު މިހާރު އެ ވަނީ ވިދާޅުވެފަ އެވެ. އިތުރަށް ވިދާޅުވީ އެއީ އަބުރު ކަތިލުމުގެ އަމަލެއް ކަމަށާއި އަޒުމު ނުގުޑާނެ ކަމަށެވެ. އާންމުކޮށް މިފަދަ ކަމެއްވާއިރަށް ކޮންމެ ބޭފުޅެއްގެ ވެސް ދުލު ކުރިއަށް އަންނަނީ މިފަދަ ލަފުޒުތަކެކެވެ. -- އެ އޯޑިއޯ ސައްހަ ނޫން ކަމަށް ވިދާޅުވާ ސަބަބުގެ ތަފްސީލަކަށް ނުދެ އެވެ. އަދި އެކަން ސާބިތެއް ވެސް ނުކޮށްދެއްވަ އެވެ.

"އެޕިސޯޑް 1"ގެ ނަމުގައި ފުރަތަމަ ދޫކޮށްލި އޯޑިއޯއާއެކު އެންމެންގެ ސަމާލުކަން ވެސް އެކަމަށް ލިބުނެވެ. އެ އޯޑިއޯއަކީ ހެލްތް މިނިސްޓަރު އަބްދުﷲ އަމީންއަށް އަލީ ވަހީދު ކަމަށް އޯޑިއޯގައި ބުނާ ފަރާތް ވަރަށް ބޮޑަށް ފާޑުވިދާޅުވާ އޯޑިއޯއެކެވެ.

މި އޯޑިއޯއަކީ މި މަހުގެ 13 ވަނަ ދުވަހު އަލީ ވަހީދާ، އޭނާގެ އެކުވެރިންތަކެއްގެ މެދުގައި ދެކެވެނު ވާހަކަތަކެއް ކަމަށް ބުނެ އެވެ. އޯޑިއޯގައި ޔޫތް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަދި މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިޔާ އައްސަދު އަލީ، އަޑުބަރޭގެ އަޑު ވެސް އިވޭ ކަމަށްވެ އެވެ. އަޑުބަރޭއަކީ އަލީ ވަހީދުގެ ގާތް އެކުވެރިއެކެވެ.

ފުރަތަމަ އޯޑިއޯގައި އަލީ ވަހީދު ކަމަށް ބުނާ ފަރާތުން ވަނީ މިނިސްޓަރު އަމީންއަށް އެއްވެސް ކަމެއް ނުވާ ކަމަށް ބުނެފަ އެވެ. އަމީންއަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ތައުރީފް ކުރެއްވުމުން އެކަމަށް ވެސް ޖޯކު ޖެހި އެވެ. އެއީ ކްރޯނާ ވައިރަސްއާ ގުޅިގެން ހެލްތް މިނިސްޓްރީއިން ކުރާ މަސައްކަތަކަށެވެ. އަލީ ވަހީދު ކަމަށް ބުނާ ފަރާތުން ބުނާ ގޮތުގައި ހުރިހާ ކަމެއް ހުރީ އޭނާ އެވެ. މާސްކު ގެނައި ވެސް ސެޓެޕް ވެސް ހެދީ އޭނާ ކަމަށެވެ. ދެން ބޭނުން ކުރީ ވަރަށް ހަޑި ލަފުޒުތަކެކެވެ.

މިނިސްޓަރު އަމީންއަކީ އަބަދުވެސް ހެދިކާ ކައިގެން ދެ ފޮޓޯގްރާފަރުން ފަހަތު ލައިގެން މުޅިން ވެސް ޓްވިޓާއަށް ކަންކަން ކުރާ މިނިސްޓަރެއް ކަމަށް އޭނާ ބުނެ އެވެ.

އިރުކޮޅެއް ފަހުން ދެވަނަ އޯޑިއޯ ދޫކޮށްލި އެވެ. އެ އޯޑިއޯގައި އަލީ ވަހީދު ކަމަށް ބުނާ ފަރާތުގެ ހަމަލާތައް ރައްދުވީ އެޑިއުކޭޝަން މިނިސްޓަރު އައިޝަތު އަލީއަށެވެ. އޯޑިއޯގައި އޭނާ ފާޑުކީ އެޑިއުކޭޝަންގެ އުސޫލަކަށެވެ. އެއީ ކުޑަކުދިންގެ ކުޅިވަރާ ގުޅޭ އުސޫލެއް ކަމަށް ބެލެވެ އެވެ. އެޑިއުކޭޝަން މިނިސްޓަރަށް އަމާޒުކޮށް ވެސް ހަޑި ލަފުޒުތަކުގެ ބޭނުން ކޮށްފައިވެ އެވެ.

ދެން އޯޑިއޯގައި އަލީ ވަހީދުގެ އަޑު ކަމަށް ބެލެވޭ ފަރާތް ވަނީ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ފަދައިން ކެބިނެޓްގަ "ހާޑް" ކުރާނެ ކަމަށް ބުނެފަ އެވެ. އަދި، އެޑިއުކޭޝަން މިނިސްޓަރުގެ އުސޫލުތައް ފެއިލްކޮށްލާނެ ކަމަށް ބުނެފަ އެވެ.

އެންމެ ފަހު އޯޑިއޯ، "އެޕިސޯޑް 3"ގެ ނަމުގައި އާންމުކޮށްފައިވާ އޯޑިއޯއަކީ ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާގެ އަޑު ވެސް އިވޭ އޯޑިއޯއެކެވެ. އެ އަޑަކީ މިނިސްޓަރު ނަހުލާގެ އަޑުކަން ވެސް ސާފެވެ. އެކަމަށް މިނިސްޓަރު ނަހުލާ އަދި އެއްވެސް އެއްޗެއް ވިދާޅުވެފައެއް ވެސް ނުވެ އެވެ.

މި އޯޑިއޯއަކީ މިނިސްޓަރު އަލީ ވަހީދު ކަމަށް ބެލެވޭ މީހާ، މިނިސްޓަރު ނަހުލާއަށް ކުރާ ފޯނު ކޯލެއްގެ އަޑު އިވޭ އޯޑިއޯއެކެވެ. އަލީ ވަހީދު ކަމަށް ބެލެވޭ މީހާ، މިނިސްޓަރު ނަހުލާ ފޯނު ނެއްގެވުމުން ބުނަނީ، "މިސް ވެގެން ހަމަ ގުޅީއޭ" ކަމަށެވެ. ޖަވާބުގައި ނަހުލާ ބުނަނީ، "އެހެންތޯ، މިއަދު ކޮން ކޮޅަކުންތޯ އިރު އެރީ؟" ކަމަށެވެ. އެއަށްފަހު ނަހުލާ ހުންނެވީ އޮފީހުގައިތޯ އަހަ އެވެ. އެއަށްފަހު ޓޫރިޒަމްގެ އޮފީހަށް ވަދެލިއްޔާ ކީއްތޯހޭ ވާނީ އަހަ އެވެ. އޭގެ ފަހުން ވެސް ނަހުލާއާ "ފްލާޓް" ކޮށްފައި ވާހަކަ ދައްކަ އެވެ. ނަހުލާ ފޯނު ކުރުކޮށްލައި ބޭއްވުމުން ކައިރީގައި ތިބި ރައްޓެހިންނާއެކު، ހަޑި ލަފުޒުތައް މިނިސްޓަރު ނަހުލާއާ ގުޅޭ ގޮތުން ވެސް ބޭނުން ކުރި އެވެ.

ޓްވިޓާގައި މިކަމާ ގުޅިގެން ގިނަ ބަޔަކު ފާޑު ކިޔަމުންދާއިރު މިއީ ނުބަލާ ދޫކޮށްލެވޭ ވަރަށްވުރެ ސީރިއަސް ކަމެއް ކަމަށް ދަނީ ބުނަމުންނެވެ. ސަރުކާރުގެ މިނިސްޓަރެއްގެ އޯޑިއޯއެއް ކަމަށް ވަރަށް ބޮޑަށް ބެލެވޭ މި އޯޑިއޯ ލީކްވެފައިވާއިރު އަދި މިހާތަނަށް ސަރުކާރުގެ އޮފިޝަލަކު މިކަމާ ގުޅޭ ގޮތުން އެއްޗެއް ނުބުނެ އެވެ.