ހަބަރު

ހަތަރު ވަޒީރަކާއި ޕީޖީ މާލީ ބަޔާން ހުށަނާޅުއްވައި

Aug 11, 2020
1

މާލީ ބަޔާން ހުށަހަޅަން ޖެހޭ މުއްދަތުގައި މިހާރު ކެބިނެޓުގައި ތިއްބެވި ހަތަރު މިނިސްޓަރަކާއި ޕްރޮސެކިއުޓާ ޖެނެރަލް ހުސެއިން ޝަމީމް މާލީ ބަޔާން ހުށަހަޅުއްވާފައި ނުވާކަމަށް އޮޑިޓާ ޖެނެރަލްގެ އޮފީހުން ބުނެފި އެވެ.

ނޮވެމްބަރު 17، 2018 މި ސަރުކާރު އައި ފަހުން އޮޑިޓާ ޖެނެރަލްއަށް މާލީ ބަޔާން ހުށަހަޅަން ޖެހޭ ދައުލަތުގެ މަގާމުތަކުގައި ތިބި ފަރާތްތަކުގެ މައުލޫމާތު އޮޑިޓާ ޖެނަރަލްގެ އޮފީހުން ވަނީ އާއްމުކޮށްފަ އެވެ.

އޮޑިޓް އޮފީހުން ހާމަ ކުރި މައުލޫމާތުތަކުން ދައްކާ ގޮތުގައި، މިހާރު މަގާމުގައި ތިއްބެވި މިނިސްޓަރުންގެ ތެރެއިން ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އާއި ހެލްތު މިނިސްޓަރު އަބްދުﷲ އަމީން މަގާމާ ހަވާލުވެވަޑައިގެންނެވި ފަހުން، އެއްވެސް އަހަރަކު މާލީ ބަޔާން ހުށަހަޅުއްވާފައެއް ނުވެ އެވެ.

އަދި މިހާރު މަގާމުގައި ތިއްބެވި މިނިސްޓަރުންގެ ތެރެއިން ޓްރާންސްޕޯޓު މިނިސްޓަރު އައިޝަތު ނަހުލާ އާއި ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު، 2018 ވަނަ އަހަރު މާލީ ބަޔާން ހުށަހެޅުއްވި ނަމަވެސް، މިދިއަ އަހަރުގެ މާލީ ބަޔާން އަދި މިހާތަނަށް ހުށަހަޅުއްވާފައެއް ނުވެ އެވެ.

މިހާރު މަގާމުގައި ތިއްބެވި މިނިސްޓަރުންގެ އިތުރުން، މި ސަރުކާރުގައި ވަޒީރުކަން ކުރެއްވި ބައެއް ބޭފުޅުންގެ ތެރޭގައި މާލީ ބަޔާން ހުށަނާޅުއްވާކަމަށް އޮޑިޓު އޮފީހުގެ މައުލޫމާތުތަކުން ދައްކަ އެވެ.

މި ގޮތުން، ޖެންޑާ މިނިސްޓަރުކަން ކުރެއްވި ޝިދާތާ ޝަރީފާއި ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު އެއްވެސް ގޮތަކަށް ބަޔާން ހުށަހަޅުއްވާފައިނުވާއިރު، ކުރީގެ ހައުސިން މިނިސްޓަރު އައިމިނަތު އާތިފާ މިދިއަ އަހަރުގެ މާލީ ހިސާބުތައް ހިއްސާކުރައްވާފައެއް ނުވެ އެވެ.

ވަޒީރުންގެ އިތުރުން، މިހާރުގެ ޕްރޮސެކިޔުޓާ ޖެނެރަލް ހުސެއިން ޝަމީމްވެސް އަދި މިހާތަނަށް މާލީ ބަޔާން ހުށަހަޅުއްވާފައިނުވާއިރު، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އުފެއްދެވި ރިޔާސީ ކޮމިޝަނުތަކުގެ މެންބަރުންގެ ތެރެއިން، ބައެއް ބޭފުޅުންވެސް މާލީ ހިސާބުތައް ހިއްސާ ނުކުރައްވާކަމަށް އޮޑިޓު އޮފީހުން ބުންޏެވެ.

އެގޮތުން، މަރާލާފައިވާ މީހުނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ބަލާ ރިޔާސީ ކޮމިޝަނުގެ ތިން މެންބަރަކު އެއްވެސް ގޮތަކަށް މާލީ ބަޔާން ހުށަހަޅުއްވާފައެއް ނުވެ އެވެ. އޭގެ ތެރޭގައި، މިހާރު ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް އައްޔަނުކުރައްވާފައިވާ، ހުސްނުއު ސުއޫދު ވެސް ހިމެނިވަޑައިގަންނަވަ އެވެ.