ހަބަރު

ހެލްތު މިނިސްޓްރީ ހިންގުން އަސްލަމާ ހަވާލު ކުރައްވައިފި

Aug 18, 2020
4

ކޮވިޑް-19 އާ ގުޅިގެން ރާއްޖެއަށް ބޭނުންވެފައިވާ ވެންޓިލޭޓަރުތަކެއް ގަތުމުގައި ބޮޑެތި ގޯސްތަކެއް ހަދާފައިވާ ކަމަށް އޮޑިޓު ރިޕޯޓަކުން ހާމަކުރުމާ ގުޅިގެން، ހެލްތު މިނިސްޓަރު އަބްދުﷲ އަމީން އަމިއްލަފުޅަށް މަސައްކަތުން ދުރަށް ވަޑައިގެންފައިވާއިރު، އެ މިނިސްޓްރީގެ ހިންގުން ވަގުތީ ގޮތުން ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމާ ހަވާލު ކުރައްވައިފި އެވެ.

ކޮވިޑް-19 އާއި ގުޅިގެން ހެލްތް މިނިސްޓްރީން ކުރި ހަރަދުގެ ކޮމްޕްލަޔަންސް އޮޑިޓެއް ހަދާ އެ އޮޑިޓާ ގުޅޭ ގޮތުން އޮޑިޓަރު ޖެެނެރަލް އާންމު ކުރެއްވި ރިޕޯޓުގައި އެ މިނިސްޓްރީން ހިޔާނާތަށް މަގުފަހިވާ ގޮތަށް މަސައްކަތްކޮށްފައިވާ ކަމަށް ވަނީ ވިދާޅުވެފަ އެވެ.

އެކަމާ ގުޅިގެން، މިނިސްޓަރު އަމީން ސޮއި ކުރައްވައި، ރައީސް ސޯލިހަށް އިއްޔެ ފޮނުއްވި ސިޓީއެއްގައި ވިދާޅުވީ އެ ރިޕޯޓާ ގުޅިގެން ކަމާ ގުޅޭ މުއައްސަސާތަކުން މައްސަލަ ތަހުގީގުކޮށް ގޮތެއް ނިންމަންދެން ނުވަތަ ރައީސް ވަކި ގޮތެއް އަންގަވަންދެން ހެލްތު މިނިސްޓްރީގެ މަސައްކަތްތަކުން އެކަހެރިވުމަށް ގަސްތު ކުރައްވާ ކަމަށެވެ.

އޮޑިޓާ ޖެނެރަލް ނެެރެފައިވާ ރިޕޯޓްގައި ބުނެފައިވަނީ ދުބާއީ ކުންފުންޏަށް 75 ވެންޓިލޭޓަރު ގެނައުމަށް ހަވާލުކުރިއިރު އެ ކުންފުނީގެ މާލީ އަދި ފަންނީ ގާބިލުކަން ބަލާފައި ނުވާ ކަމަށެވެ. އެ ކުންފުންޏާއި 75 ވެންޓިލޭޓަރު ގެނައުމަށް ހަވާލުކުރީ 34,502,250 ރުފިޔާއަށް ކަމަށާ މިފަދަ ބޮޑު މަޝްރޫއެއް ކުންފުންޏަކާއި ހަވާލުކުރާއިރު އެކަން ކުރެވޭނެ މާލީ އަދި ފަންނީ ގާބިލްކަން ލިބިފައިވާ ކުންފުންޏެއްކަން ބަލަން ޖެހުނު ނަމަވެސް އެކަން ކޮށްފައިނުވާ ކަމަށް ވަނީ ބުނެފައެވެ. އަދި މި ކުންފުންޏަކީ މީގެ ކުރިން ދިވެހި ސަރުކާރާއެކު އެއްވެސް ވަރަކަށް މުއާމަލާތެއްވެސް ކޮށްފައިނުވާ ކުންފުންޏެއްކަން ފާހަގަކޮށްފައިއެވެ.

މީގެ އިތުރުން އެގްޒެކިއުޓާސް ޖެނެރަލް ޓްރޭޑިންއަށް މި މަސައްކަތް ހަވާލުކޮށްފައިވަނީ ދުނިޔޭގެ ސިއްހަތު ޖަމިއްޔާގެ ރިކޮމެންޑެޑް ސަޕްލަޔަރަކަށް ވާތީކަން ދޭހަވާގޮތަށް މިނިސްޓްރީގެ ލިޔެކިޔުންތަކުގައި ބަޔާންކޮށްފައިވާ ކަމަށާ ނަމަވެސް އެ ކުންފުންޏަކީ ޑަބްލިއުއެޗްއޯގެ ރިކޮމެންޑެޑް ސަޕްލަޔަރެއް ނޫންކަމަށްވެސް ރިޕޯޓްގައިވެ އެވެ.

އެގްޒެކިއުޓާސް ޖެނެރަލް ޓްރޭޑިން އަކީ ޑަބްލިއުއެޗްއޯއާއެކު އެއްވެސް މުއާމަލާތެއް ކޮށްފައިވާ ކުންފުންޏެއް ނޫން ކަމަށާއި އެ ކުންފުންޏަކީ ޑަބްލިއުއެޗްއޯގެ ރިކޮމެންޑެޑް ސަޕްލަޔަރަކަށް ނުވާއިރު ޑަބްލިއުއެޗްއޯ އިން ގަބޫލުކުރާ ވެންޓިލޭޓަރު ސަޕްލައިކުރާ ކުންފުނިތަކުގެ ލިސްޓެއް އެ ޖަމާއަތުން ހެލްތް މިނިސްޓްރީއާއި ހިއްސާކޮށްފައިވެސް ނުވާކަމަށް ޑަބްލިއުއެޗްއޯއިން މައުލޫމާތު ދީފައިވާ ކަމަށްވެސް އޮޑިޓް ރިޕޯޓްގައިވެއެވެ.