ރިޕޯޓް

އިންޑިއާގެ ރުބީނާ މަރުގެ ތުހުމަތެއްގައި ރާއްޖޭ ޖަލުގައި ހުންނަތާ ހަތަރު އަހަރު

އިންޑިއާގެ ކެރެލާގެ ފަގީރު އާއިލާއަކަށް ނިސްބަތްވާ ރުބީނާ ބުރުހާނުއްދީން އުމުރުން 26 އަހަރުގައި ދިވެއްސަކާ ކައިވެނިކުރީ އޭނާ އާއި އާއިލާ އަށް ފޯރުންތެރިކަން ލިބޭނެ ކަމުގެ އުންމީދުގަ އެވެ. ޖުލައި 28، 2008 ގައި ކުރި ކައިވެންޏަށް ފަހު ރާއްޖޭގައި ފިރިމީހާއާ އެކު އުޅޭތާ އަހަރުވި އިރު ފިރިހެން ދަރިއަކު ލިބުނެވެ. އޭގެ ދުވަސްކޮޅެއް ފަހުން ދަރިފުޅާއި ފިރިމީހާއާ އެކު އިންޑިއާ އަށް ގޮސް އާއިލާއާ އެކު މި އުފާ ހިއްސާކުރި އެވެ. އެކަމަކު އެނބުރި ރާއްޖެ އައުމާ އެކު ހުރިހާ ކަމެއް ބަދަލުވީ އެވެ. އަހަރު ނުވާ ދަރިފުޅުގެ މަރުގެ ތުހުމަތުގައި ރުބީނާ ހައްޔަރުކުރި އެވެ. ދަރިފުޅު ގެއްލި ދިއުމުގެ އިތުރުން ފިރިމީހާ ވެސް އޭނާ ދޫކޮށްލީ އެވެ. އާއިލާއާ ބައްދަލެއް ނުވެ އެވެ. ހުކުމެއް ކުރާނެ ކަމެއް ވެސް ނޭނގެ އެވެ. ދޫކޮށްލާނެ ނަމަ ދޫކޮށްލާނެ ދުވަހެއް ވެސް ނޭނގެ އެވެ.

އިންޑިއާގެ ޒުވާން، ފަގީރު އަންހެނުންނާ އުމުރުން ދުވަސްވީ ދިވެހި ފިރިހެނުން ކައިވެނިކުރުމުގެ ސަގާފަތުގެ ތެރެއިން ރުބީނާ ކައިވެނިކުރީ ތ.ކިނބިދޫ މީހަކާ އެވެ. ދަ ނިއު އިންޑިއަން އެކްސްޕްރެސް ނޫހުގައި ރުބީނާގެ އާއިލާއާ ހަވާލާދީ ބުނެފައި ވަނީ ކައިވެނީގެ ހަރަދަށް ރުބީނާގެ ފިރިމީހާ 30000 ރުޕީސް ދިން ކަމަށާއި ކައިވެންޏަށް ފަހު އާއިލާގެ ދަރަނިތައް ހަލާސްކޮށްދޭނެ ކަމަށް ވެސް ބުނި ކަމަށެވެ. ނަމަވެސް ރުބީނާގެ މަންމަ ޝަފީގާ އާއި ބައްޕަ ބުރުހާނުއްދީނަށް މިހާރު ޖެހިފައި ވަނީ އެ މީހުންގެ އަންހެން ދަރިފުޅު ސަލާމަތް ކުރުމަށް މަސައްކަތް ކުރާށެވެ. މިކަމުގައި އިންޑިއާ ސަރުކާރު މެދުވެރިކޮށް މިހާރު ނުކުރެވޭ މަސައްކަތެއް ނެތް ކަމަށް އެ ދެމަފިރިން ގަބޫލުކުރެ އެވެ. ހުރިހާ އުންމީދެއް ގެއްލިފައި ވަނިކޮށް އެ ދެމަފިރިންގެ އުންމީދު މިހާރު އާވެފައި ވަނީ ދަރިވަރަކަށް ޖިންސީ ގޯނާކުރި ކަަމުގެ ތުހުމަތުގައި ރާއްޖެ އިން ހައްޔަރުކުރި އިންޑިއާ ޓީޗަރެއް ސަލާމަތް ވެގެން ގައުމަށް ދިޔަ ހަބަރު ލިބުމާ އެކުގަ އެވެ. އިންޑިއާގެ ނޫސްތަކުން ބުނާ ގޮތުގައި ދަރިވަރަކާ ބެހުމުގެ ތުހުމަތަށް ހައްޔަރުކުރި ޖަޔަޗަންދުރަން ދޫކޮށްލީ އިންޑިއާ ސަރުކާރުން މައްސަލައިގެ ތެރެއަށް ވަނުމުންނެވެ. ނަމަވެސް ރާއްޖޭގެ ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުން ބުނަނީ ޖަޔަޗަންދުރަން ދޫކޮށްލީ އެއްވެސް ޕްރެޝަރެއް އޮވެގެން ނޫން ކަމަށެވެ.

އާއިލާ އިން ބުނަނީ ދަރިފުޅުގެ މަރުގެ ތުހުމަތުގައި ރުބީނާ ހައްޔަރުކުރީ ރުބީނާ އާއި އޭނާގެ ފިރިމީހާއާ ދެމެދު މައްސަލަތަކެއް ޖެހުނު ފަހުން ކަމަށެވެ. އެ މައްސަލަ ޖެހުނީ ތުއްތު ދަރިފުޅާ އެކު އިންޑިއާ އަށް ކުރި ދަތުރަށް ފަހު އެވެ. ރުބީނާ ތުހުމަތުކުރަނީ އޭނާގެ ފިރިމީހާ ކެރެލާގެ އެހެން އަންހެނަކާ ގުޅުން ބާއްވާ ކަމަށެވެ.

ރުބީނާގެ ދަރިފުޅު މުހައްމަދު ސޯހިބު މަރުވެގެން ކިނބިދޫ ސިއްހީ މަރުކަޒަށް ގެންދިޔައީ ރުބީނާ ކުރި ރިޕޯޓަކާ ގުޅިގެން ކަމަށް އެ ހާދިސާ ހިނގި ދުވަސްވަރު ރަށުތެރޭގައި ކިޔައި އުޅުނެވެ. އޭރު ފުލުހުން ވެސް ބުނެފައި ވަނީ އެހެންނެވެ. ދަރިފުޅު މަރުވެފައި އޮތް އިރު އެއްވެސް ޒަހަމެއް ފެންނާކަށް ނެތެވެ. އެކަމަކު ސިއްހީ މަރުކަޒުން ބެލުމަށް ފަހު، ޝައްކު އުފެދޭ ކަންތައްތަކެއް ހުރި ކަަމަށް ބުންޏެވެ. ދަރިފުޅުގެ މަރަށް ފަހު ރުބީނާގެ ހާލު ދެރަވެ ވޭމަންޑޫ ހޮސްޕިޓަލުގައި ފަރުވާ ދިނެވެ. އޭރުގެ އާންމުވި ފޮޓޯތަކުން ފެންނަ ގޮތުގައި ރުބީނާގެ ކޮޓަރީގެ ފަންކާއެއްގައި ބެޑްޝީޓެއް އައްސައި "ދަންޖެހެން" މަސައްކަތް ކޮށްފައިވެ އެވެ. އަދި ރުބީނާ ބޭސްތަކެއް ކާލައިގެން ހުރި ކަމަށް ވެސް ޑޮކްޓަރުންނަށް ފާހަގަވި އެވެ. ރުބީނާގެ ކަރުގައި ވެސް ރަތްވެފައި ހުރި ތަންތަން ހުއްޓެވެ. ހޮސްޕިޓަލުން ރުބީނާ ދޫކޮށްލުމާ އެކު 27 ޖޫން 2008 ގައި ރުބީނާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ ފަހުން އާއިލާ އަށް އޭނާއާ ބައްދަލުވަނީ ފޯނުން އެކަންޏެވެ.

"ދެ ހަފުތާއިން އެއް ފަހަރު ފަސް މިނެޓް ވަންދެން ވާހަކަ ދައްކަން އެ މީހުން ފުރުސަތު ދޭ. އަހަރެންގެ ދަރިފުޅު ހުރީ ހުރިހާ އުންމީދެއް ގެއްލިފައި. އެކަމަކު އުމުރުގެ ބާކީ ބައި އެގޮތަށް ހޭދަކޮށް ނިމިގެން ދާން ދޫކޮށްލާނީ ކިހިނެއް؟ އެތަނުން އަހަރެމެންނަށް ގާނޫނީ އެހީތެރިކަމެއް ނުލިބޭ. މައްސަލަ ނިމި ހުކުމް ކުރާނެ ގޮތެއް ނޭނގެ،" ރުބީނާގެ މަންމަ ބުނެފައިވެ އެވެ.

ރުބީނާގެ މައްސަލަ ކުރިއަށް ނުގެންދެވި މިހާ ގިނަ ދުވަސްވީ އޭނާ އަށް ވަކީލަކު ހަމަނުޖެހިގެންނެވެ. ވަކީލަކާ ނުލައި މައްސަލަ ކުރިއަށް ގެންދިޔަ ކަމުގައި ވިޔަސް މައްސަލައެއް ނެތް ކަމަށް ރުބީނާ ޝަރީއަތުގައި ބުނެފައިވެ އެވެ. ނަމަވެސް ރުބީނާ އަކީ އަޅާލާނެ މީހަކު ނެތް ބިދޭސީއަކަށް ވުމާއި ތުހުމަތު ކުރަނީ މަރުގެ މައްސަލައެއްގައި ކަމުން ގާޒީ ވަނީ ވަކީލަކާ ނުލައި މައްސަލަ ކުރިއަށް ގެންދަން ބާރުނާޅުއްވާ ކަމަށް ވިދާޅުވެފަ އެވެ. މިއަދާ ހަމަޔަށް ވެސް ވަކީލަކު ހަމަޖެހުނު ކަމެއް އެނގިފައެއް ނުވެ އެވެ. ރުބީނާގެ އާއިލާއަށް އަދިވެސް އޮތީ އިންތިޒާރު ކުރުމެވެ.

ރުބީނާގެ މައްސަލަ މިގޮތަށް ދިގުލައިގެން ގޮސްފައި ވާއިރު މަރުގެ ބައެއް މައްސަލަތަކުގައި ބައެއް ދިވެހިން ވެސް ހަައްޔަރުކޮށްފައި ތިބޭތާ ވަރަށް ގިނަ ދުވަސް ވެފައިވެ އެވެ. މަރުވެ ކުނިވެފައި އޮއްވައި 2010 ވަނަ އަހަރު ފެނުނު މަރިޔަމް ޝީރީންގެ މަރުގެ މައްސަލާގައި ހައްޔަރުކޮށްފައިވާ މުހައްމަދު ނަޖާހް ވެސް އަދިވެސް ހުރީ ޝަރީއަތް ނުނިމޭތީ ބަންދުގަ އެވެ.