ބޮލީވުޑް

ޕުލްކިތު އާއި ކްރީތީއަށް ސަލްމާންގެ ފިލްމެއް

ޕުލްކިތު ސަމްރާޓު އާއި ކްރީތީ ކަރްބަންޑާގެ ލޯބީގެ ގުޅުން މިހާރު ވަނީ ވަރަށް ބޮޑަށް ބަދަހިވެފަ އެވެ. އަދި ސަލްމާން ޚާނާއި ޕުލްކިތުގެ މެދުގައި ޖެހުނު މައްސަލަ ހައްލުވެފައި ވާތީ ޕުލްކިތު ހުރީ މިކަމާ ވެސް ވަރަށް ހިތްހަމަޖެހިފަ އެވެ. ޕުލްކިތު ކުރިން ކައިވެނި ކޮށްގެން އުޅުނީ ސަލްމާން ރާކީ ބަނދެގެން ކޮއްކޮއަކަށް ހަދާފައިވާ ޝްވޭތާ ރޮހިރާ އާއެވެ. ސަލްމާނާއި އޭނާގެ އާއިލާ އާއެކު ޕުލްކީތުގެ ގުޅުން ގޯސްވީ ޝްވޭތާ ވަރިކުރި ދުވަސްވަރު އެމީހުންގެ މެދުގައި ދިމާވި މައްސަލަތަކުގެ ސަބަބުންނެވެ.

ނަމަވެސް ފަހުން ސަލްމާނާ ގުޅުން ރަނގަޅުވެ ޕުލްކިތު ވަނީ ސަލްމާނާއި އޭނާގެ ޅިޔަނު އަތުލް އަގްނިހޯތުރީ ޕްރޮޑިއުސްކުރި "އޮއި ތެރީ"ގެ އައިޓަމް ލަވައެއްގައި ސަލްމާންގެ ލޯބިވެރިޔާ ކަމަށް ބުނެވޭ ޔޫލިއާ ވަންތޫރު އާއެކު ބައިވެރިވެފަ އެވެ.

މިހާރު ސަލްމާންގެ އާއިލީ ޕާޓީތަކުގައި ވެސް ޕުލްކިތު އާއި ކްރީތީ ބައިވެރި ވެއެވެ. އަދި ސަލްމާންގެ ޕްރޮޑިއުސްކުރާ އާ ފިލްމު "ބުލްބުލް މެރިޖް ހޯލް"ގައި ވެސް ޕުލްކިތު އާއެކު މަސައްކަތް ކުރުމުގެ ފުރުސަތު ކްރީތީ އަށް މިހާރު ވަނީ ލިބިފަ އެވެ. މީގެ ކުރިން ޕުލްކިތު އާއި ކްރީތީ ވަނީ "ޕާގަލްޕަންތީ"ގައި އެކުގައި ހަރަކާތްތެރި ވެފަ އެވެ. ދެމީހުންގެ މެދުގައި ލޯބި އުފެދުނީ މި ފިލްމު ކުޅުނު ދުވަސްވަރު އެވެ.

"ބުލްބުލް މެރިޖް ހޯލް" ގެ ބަތަލާއަކަށް ކުރިން ހަމަޖެހިފައި އޮތީ ނުޝްރަތު ބަރޫޗާ އެވެ. ނަމަވެސް ފިލްމުގެ ވާހަކަ ލިޔެފައި އޮތް ގޮތާ ސަލްމާން ހިތްހަމަނުޖެހިގެން އަލުން ވާހަކަ ލިޔަން ރާޖް ޝާންޑިލިޔާ އާ ހަވާލުކުރީ އެވެ. ރާޖް އަކީ އަޔުޝްމާން ކުރާނާގެ "ޑްރީމް ގާލް"ގެ ވާހަކަ ލިޔުނު ލިޔުންތެރިޔާ އެވެ.

މި ސަބަބާ ހެދި ފިލްމު ނުފެށި ގިނަ ދުވަސް ވުމުން ނުޝްރަތު އަށް ފިލްމުގައި ބައިވެރިވެވޭ ގޮތް ނުވުމުން ކްރީތީ އަށް ފިލްމު ލިބޭގޮތް ވީއެވެ.