ވާހަކަ

ދާނޭހެ ޔާދުން ހިތާއޭ

(13 ފެބްރުއަރީ 2020 އާ ގުޅޭ)

"ރަނގަޅުވާނެ... ﷲ އިރާދަކުރެއްވިއްޔާ ރަނގަޅުވާނެ..." ބަދިގެއަށް ވަދެގެން އައި ރިޒްވާނުގެ މޫނުގައިވީ ހިތްހަމަޖެހިފައި ހުރިކަމަގެ ހިނިތުންވުމެކެވެ. ސާއިރާއަކަށް ނުވިސްނުނެވެ. އެހެންވިޔަސް އޭނާއަށް އެނގޭކަމަކީ ހޭޒަލް ގާތު ނަމާދުކުރުމަށް ބުނުމަށްފަހު ރިޒްވާނު ވެސް އެ ނަމާދު ކުރާކަމެވެ. އަދި މީގެ ދެރޭ ކުރީން އޭނާ ވަނީ ސާއިރާ ގާތު ހަމަ އެފަދައިން ބުނެފައެވެ.

ރިޒްވާނު އައިސް ހޭޒަލްއާއި ސާއިރާ ކައިރިން އުސްގޮނޑިއެއްގައި އިށީނދެއްޖެއެވެ. ސާއިރާގެ ސަމާލުކަން އަނެއްކާ ވެސް ދަރިފުޅަށް ދެވުނެވެ. އޭނާ ހޭޒަލްގެ ކޮނޑުގައި ފިރުމާލިއެވެ. ދަރިފުޅަށް ހިތްވަރާއި ކެތްތެރިކަން ދެއްވުމަށް ސާއިރާއަށް ހިތާހިތުން އެދެވުނެވެ.

"ފެނުނީ ކޮންއެއްޗެއް؟" ސާއިރާ ދަރިފުޅާ ސުވާލުކުރިއެވެ. އޭނާ ހަށިފުރާ ނޭވާއެއްލިއެވެ. މަންމަގެ މޫނަށް ބަލާލިއެވެ. މަޑުމަޑުން އެ މޫނާ ނަޒަރު ވަކިކޮށްލައި ދެއަތްތިލައިގެ ތެރޭ ފިނިވަމުން ދިޔަ ސައިތަށްޓަށް ނަޒަރު ހުއްޓާލިއެވެ. މަޑުފެހި ކުލައެއްގައި ހުރި އެ ސައިފަތުފެނުގެ ތެރެއިން ހޭޒަލްއަށް މަންޒަރުތައް ފެނިފެނި ހުއްޓެވެ. ހަނދާންނެތޭވަރަށްވުރެ ގަދަ ބާރަކުން އެ ސިކުނޑީގައި މަންޒަރުތައް ބިންވަޅުނެގިފައި ހުރި ކަހަލައެވެ. އެކަމަށްވުރެ މުހިންމު އެހެންކަމެއް ނުވާކަހަލައެވެ.

"ނިދެނީކަން ނޭނގި ނިދެނީ... ހޭލެވުނީމަ އެނގެނީ ނިދުނީކަން، އޭރު އޮވެވުނީ ސަޖިދައިގަ... އެކަމަކު ސަޖިދައަށް ތިރިވި ހަނދާނެއް ނުހުރޭ، ހަނދާނުގައި ނެތީ ހަމައެކަނި އެކަން، ނިދުނު ގޮތަކާއި ސަޖިދައަށް ތިރިވެވުނު ގޮތެއް" ޤަބޫލުކުރަން އުނދަގޫވި ހަޤީޤަތް ހޭޒަލް ހާމަކުރަން ފެށިއެވެ. ސާއިރާއަށް ދަރިފުޅު ބުނި އެއްޗެއް ދޭހައެއްނުވިއެވެ.

"އެއީ ކޮންއިރަކު؟ ޒެއްލު ނިދަން އެނދަށް އެރީމަތަ" ސާއިރާގެ ސުވާލުތައްވީ އިތުރެވެ. އެހެންނަމަވެސް ދަރިފުޅަށް އޭނާގެ ސުވާލުތަކެއް ބުރަކަމެއްލިބޭކަށް ނޭދެއެވެ. ހުރިހާ ސުވާލެއްގެ ތެރެއިން އޭނާގެ ޟަމީރު އިސްކުރި ސުވާލު ހާމަކުރީ އެވެ.

"ނޫން... އޭރު އަދި އިނީ މުސައްލަމަތީ... ދުޢާކޮށް ނުނިމޭ، ނިދީގެ އަސަރާއި ވަރުބަލިކަމެއް އިޙްސާސްވުމެއްނެތި ވީނުވީއެއް ނޭނގޭ، ހިމޭންކަމުގެ ތެރެއިން ލޮލަށް ފެނުނީ އިރުއަރާތަން، އެ އަލިކަމުގެ ތެރޭގައި ހުރެވުނުތަން ފާޅުވެ ފެންނަންފެށި، މަންމާ، އުމްރާ ގޮސް ތިބިއިރު ގެފުޅު ފެންނަ ހިސާބުގައި އެއްދުވަހު މަޑުކުރީމެންނު، އަހަރެމެންގެ ގާތަށް ބައްޕަ އަންނަންދެން، އެތަނުގައި އަޅުގަނޑަށް ހުރެވުނީ... އެއްވެސް މީހަކުނެތް، އެކަމަކު އިޙްސާސް ކުރެވެނީ މީހަކަށް މަޑުކޮށްގެންނޭ އަޅުގަނޑު ހުރީ، އެހެން ހިތަށް އަރާއިރަށް އިވުނީ ހޭޒަލްއޭ ކިޔާ ފިރިހެނަކު ގޮވާލިއަޑު، ކައިރީގަ އެމީހަކު ހުރީ... އެ އަޑަކީ ކާކުގެ އަޑެއްކަން އަޅުގަނޑަށް އެނގޭ، އެ އަޑު ޔަގީންވެ ހުރެ އޭނާއާ ދިމާއަށް ބަލާލުމުގެ ކުރީން އޭނާ ދިއްކޮށްގެން ހުރި އަތްތިލަ ފުރަތަމަ ފެނުނީ، އެ އަތުގައި ހިފާށޭ އޭނާ ބުނާހެން ހީވަނީ، އެހެން އޭނާ ނުއެއްބުނޭ... އެކަމަކު އަޅުގަނޑުގެ ހިތާއި ޟަމީރު ބުނަނީ އެހެން... ހިފަން ހިތަށްއަރާފަ ޔަގީންނުވެގެން ހުއްޓަ ދެންވީ ކިހިނެއްކަމެއްނޭނގެ، ލޯހުޅުވާލެވުނުއިރު މުސައްލަ މަތީ އޮވެވުނީ ސަޖިދައިގަ... ކޮންމެ ރެއަކު އެހެންކަންތައްވަމުން އައިސް ރޭގަ ތަފާތުވެއްޖެ" ހޭޒަލްގެ ދެއަތްތިލަ ޖޯޑުގެ ވަށައިގެން ބާރުކޮށްލީ ހާމަކުރަން އޮތް ހަޤީޤަތުގެ މައްޗަށް އޭނާގެ ބާރެއްނެތީމައެވެ. އެއީ އޭނާ އޮޅުވާލައިގެން ދައްކާ ވާހަކަތަކެއް ނޫނެވެ. އަދި އެއީ އޭނާ ބޭނުންވެގެން ބެލި މަންޒަރުތަކެއްނޫނެވެ. ވީކަމެއްވީ އޭނާގެ އެއްވެސް އިޚްތިޔާރެއްނެތް ފަދައިންނެވެ. އެއީ ވަސްވާހެއްނޫންކަން ޔަގީނެވެ.

"ދާރިއަންގެ އަޑުތަ އިވުނީ" ރިޒްވާނު އެއްސެވެ. އެހިނދު ހޭޒަލް ސުކޫތުކޮޅަށްފަހު ބޯޖަހާލީ ޖަވާބުދިނުމަށެވެ.

"ރޭގައިވީ ކިހިނެއް؟" ސާއިރާ ސުވާލުކުރިއެވެ.

"އަޅުގަނޑުގެ ނަމުން ގޮވާލައި އަތުގައި ނުހިފުމުން ދާރިއަން ކުރިއަށްޖެހި އަޅުގަނޑުގެ އަތުގައި ހިފީ، ދެން ގެފުޅާ ދިމާއަށް ހިނގައިގަންނަމުން ބުނީ ﷲއަށް ވަކީލުކުރާށޭ، އެކަލާނގެ ބަލައްވާވޮޑިގެންވެޔޭ، ދެރަވެގެން ރޮވެންފެށުނީ ކީއްވެކަމެއްނޭނގެ، ލޯހުޅުވުނުއިރު އޮވެވުނީ ސަޖިދާގަ، ހަޤީޤަތުގަ ވެސް އަޅުގަނޑަށް ރޮވެނީ... އެކަމަކު ރުއިން ހުއްޓާލެވުނުއިރު ކުރިން އިޙްސާސް ކުރެވޭ ރިހުމުގެ އަސަރެއް ހަށިގަނޑަކުނުވޭ، ސިކުނޑީގައި ހުރި ބަރުކަން ފިލައިގެން ހިނގައްޖެ... މަންމާ، އެއީ ކީއްވެތަ އެހެންއެވީ" ހޭޒަލްގެ ނަޒަރު ސާއިރާއާ އަމާޒުވިއެވެ.

ހޭޒަލްއަށް ފެނުނީ މަންމަގެ ދެ ލޮލުން ކަރުނަ އޮހޭތިއެވެ. ސާއިރާ އިނީ ދަރިފުޅާ އަނގައިން ބުނެވޭ ހާލަތެއްގައެއް ނޫނެވެ. ރިޒްވާނު ވާހަކަދައްކަންފެށިއެވެ.

"ދަރިފުޅަށް ހުރިހާކަމެއް ސާފުކޮށް ފެނުނީމާ ވެސް ސުވާލުކުރަނީތަ؟... ދަރިފުޅަށް ހުރެވުނީ މިބިންމަތީ ﷲ އެންމެ މާތްކުރެއްވި ބިމުގައި، ކުރިމަތީގައި ހުރީ އެންމެހާ މުސްލިމުންގެ ޤިބްލަ، ތިއަތުގައި ހިފީ ﷲގެ ކާމިޔާބާއި ރުހުން ލިބިގެންވީ އަތަކުންކަން ޔަގީން..." ރިޒްވާނުގެ މޫނުގައިވީ ހިތްހަމަޖެހުމުގެ ހިނިތުންވުމެކެވެ.

"ދާރިއަންއާ މެރީކުރާށޭތަ ތިބުނަނީ" ހޭޒަލް ބުނެވުނެވެ.

"ﷲއަށް ވަކީލުކުރާށޭ ނުބުނޭތަ؟..." ރިޒްވާނު ހަނދާންކޮށްދިނެވެ. އެއާއެކު ހޭޒަލް ބޯޖަހާލިއެވެ.

"ޒެއްލުއަށް ފެނުނު ގޮތަށް ޢަމަލުކުރޭ... ﷲ އިރާދަކުރެއްވިއްޔާ އެކަމުގައި ގެއްލުމެއްނެތް، ހިތްތަކުގައި ވާހާ އެއްޗެއް އެކަލާނގެ މޮޅަށް ދެނެވޮޑިގެންވޭ" ދަރިފުޅުގެ ކޯތާފަތުގައި ދެއަތްތިލަ ސާއިރާ ޖައްސާލިއެވެ. ކުލުންވެރިކަމާއެކު ދަރިފުޅުގެ މޫނު ގެނެސް ނިތުގައި އޭނާ ބޮސްދިނެވެ. ދަރިފުޅު މެދުކުރައްވާ ލިބުނު ޚަބާރަށް ސާއިރާގެ ހިތް އިމާންކަމާއި ޝުކުރުން ފުރިއްޖެއެވެ. ހިތަށް އޮބިނޯވެގެން ކަހަލަ ގޮތަކަށް ދަރިފުޅުގެ ގައިގާ އޭނާ ބައްދާލައިފިއެވެ. ގަޔާ ދުރުކޮށްލައި މާނަވީ ބެލުމަކުން ދަރިފުޅުގެ މޫނަށް ސާއިރާ ބަލާލިއެވެ. އެ ދެމައިންނަށް ބަލަން އިން ރިޒްވާނުގެ ހިނިތުންވުން ފުޅާވެލިއެވެ.

"ބައްޕަ ވާހަކަދައްކަންވީނު ދާރިއަންއާ" ރިޒްވާނަށް ބަލާލައި ހޭޒަލް ބުންޏެވެ.

"ދަރިފުޅު އޭނާއާ ގުޅޭނަންތަ؟" ރިޒްވާނު ސުވާލުކުރިއެވެ.

"އޭނާއާއެކު އުޅޭނޭ ގޮތެއް ނުވިސްނޭ، ނަފްސު ތައްޔާރެއްނޫން... އެކަމަކު އަޅުގަނޑަށް އެގޮތް ހެޔޮކަން ބޮޑުވެގެންވޭ، އެހެންނު ބައްޕާ!... ދެން އޮތީ ﷲއަށް ވަކީލުކުރުން" ހޭޒަލް ބުންޏެވެ.

"ބައްޕަ ވާހަކަދައްކާނަން، އެކަމަކު ރަނގަޅު ގޮތަކީ ދާރިއަން ގުޅައިފިނަމަ ދަރިފުޅު އޭނާއަށް ފުރަތަމަ ޖަވާބުދިނުން، އެއަށްފަހު ބައްޕަ އޭނާއާ ވާހަކަދައްކާނަން" ރިޒްވާނުގެ ވާހަކައަށް ހޭޒަލް ބޯޖަހާލިއެވެ.

* * * * *

އޮފީސް ގަޑި ނިމި ގެއަށްދާން ޒުކަން ކެބިންއިން ނިކުތެވެ. ހެނދުނު އޮފީހަށް ދާރިއަން އައީ ޒުކަންއާއެކުއެއްނޫނެވެ. އޭނާއަށްވުރެ މާކުރިން ދާރިއަން ގެއިން ނުކުމެއްޖެއެވެ. މެންދުރު އޮތް ދެ ބައްދަލުވުމެއްގައި ޒުކަންއަށް ދަރިފުޅު ފެނުނެވެ. އެހެންނަމަވެސް ވާހަކަދައްކާލާނޭ ފުރުޞަތެއް ނުލިބެއެވެ. އެހެންވެ ޒުކަން ގަސްދުކުރީ ދާރިއަންގެ ކެބިންއަށް ވަދެ އޭނާ ގޮވައިގެން ގެއަށްދާށެވެ. ދާމަގުމަތީ ދަރިފުޅާ ވާހަކަދައްކައި ކައިވެންޏާމެދު ވަކިގޮތެއް ނިންމާނީ ކަމުގައި ޒުކަން ވިސްނިއެވެ.

ދާރިއަންގެ ކެބިންއަށް ޒުކަން ވަންއިރު އެތަނުގައި ދަރިފުޅެއްނެތެވެ. އިރުކޮޅަކު އޭނާއަށް މަޑުކޮށްލެވުނީ ދާރިއަން ގެއަށް ދިޔައީބާއޭ ހިތަށް އަރާފައެވެ. ކެބިންގެ ދޮރު ފަހަތުން ލައްޕާލައި އޮފީހުން ނުކުންނަން ޒުކަން ހިނގައިގަތެވެ. ފަޓުލޫނު ޖީބުގައި އޮތް ފޯނު ނަގައި ދާރިއަންއަށް ޒުކަން ގުޅިއެވެ. ނަމަވެސް ދާރިއަން ފޯނަށް ޖަވާބެއްނުދެއެވެ. ރިންގުވެފައި ކޯލު ކެނޑެނީއެވެ. އޮފީސް އިމާރާތުން ނިކުމެ ކާރާ ހަމައަށް ދެވެންދެން ދަރިފުޅުގެ ފޯނަށް ޒުކަން ގުޅިއެވެ.

"މާބޮޑަށް ހިތްހަމަނުޖެހުނީކަންނޭނގެ، ދާރިއަން އަންހެންކުއްޖާ ބައްދަލުކުރޭ... އެ ފިނިފެންމާ... އެއީ ދާރިއަންގެ ގޮތެއްނޫން، އޭނާއަކީ މާ ގެންގުޅޭ ކުއްޖެއްނޫން، އޭނާ އެކުރާކަމެއް އަހަރެމެން ގާތު އަދިބުނަން ބޭނުންނޫނީ ކަންނޭނގެ، އައިކުއަށް އެނގޭބާ؟... އޭނާއަށް އެނގޭނަމަ އެވާހަކަނުދައްކައެއް ނުހުންނާނެ... ދާރިއަން ގުޅުމެއްފަށައިގެން އުޅެނިކޮށް އަހަރެމެން ކައިވެނީގެ ވާހަކަދައްކާތީ ކަންނޭނގެ އެހާ ހިތްހަމަނުޖެހެނީ... ގޭގަ ހުރެއްޖެނަމަ އޭނާ ގޮވައިގެން ބޭރަށް ނުކުމެލާނީ، ދާރިއަންއާ ތަންކޮޅެއް ރަނގަޅަށް ވާހަކަދައްކާލެވިއްޖެއްޔާ އޭނާ އަހަންނަށް ކިޔައިދޭނެ" ކާރު ދުއްވަމުންދިޔަ ޒުކަންގެ ޚިޔާލުތައް ހުރީ ހަގުދަރިފުޅާ ގުޅިފައެވެ.

* * * * *

"ކީކޭ ދެން ބުނީ..." ދާރިއަން ސުވާލުކުރިއެވެ. އޭނާ އޮތީ އިޝްވާގެ އޮފީހުގައި ހުރި ދިގު ސޯފާގައި އުއްޑުން އޮށޯވެލައިގެންނެވެ. ބޯދަށަށް ކުޑަބާލީހެއް ލައްވާލައި ބަނޑުމަތީ އޮތް ކުޑަބާލީސްމަތީ ދެއަތް ޖޯޑުކޮށްލައިގެންނެވެ.

"ހޭޒަލްއެއްނޫން ކިޔާދިނީ، އޭނާގެ ބައްޕަ ކިޔާދިނީ... ދެންބުނެބަލަ... މިރޭ ހޭޒަލް ނޫނެކޭ ބުނެފިއްޔާ އަސްލުވެސް އޭނާގެ މަތިން ހަނދާންނައްތާލާނީތަ؟" އިޝްވާ އަހާލިއެވެ. ދާރިއަން ލުއި ގޮތަކަށް ހީނލިއެވެ.

"އަހަރެން ބުނިންތަ ހޭޒަލްގެ މަތިން ހަނދާންނައްތާލާ ވާހަކަ... މިހާ ދުވަހުވެސް ހިތުގައި ލޯބި އޮވެ އެގޮތުގައި ހުރީނު، ދެން ވެސް ހަމަ އެގޮތް އޮންނާނެއެއްނު" ދާރިއަން ބުންޏެވެ.

"ތިބުނީ ހޭޒަލްނުލިބިއްޖެއްޔާ އުމުރު ހޭދަކޮށްލާނީ އެކަނިހުރެއޭތަ؟" އިޝްވާ އެނގެން ބޭނުންވިއެވެ.

"ބޭކާރުގޮތުގައި ހަޔާތްވޭތިއެއްނުކުރާނަން، ރަނގަޅު ކުއްޖަކާ ބައްދަލުވެއްޖެއްޔާ ކައިވެނިކުރާނަން، އަހަރެންގެ ހިތުން ހޭޒަލްގެ އިޙްސާސްތައް ފިލައިގެން ނުދިޔަނަމަވެސް އެ އިޙްސާސްތަކުން އަހަރެންގެ ހަޔާތަށް އަންނަ ބައިވެރިޔާގެ ހިތަކު ނުޖައްސާނަން، ހުރިހާކަމެއް ހާމަކުރާކަށް ނުޖެހެއެއްނު، އަހަންނާއި އަހަރެންގެ ވެރިފަރާތާ ދެމެދު އެ ސިއްރު ކަފުންކުރާނަން... އިރާދަކުރެއްވިއްޔާ ރީތި ދިރިއުޅުމެއް އުޅޭނީ" ހިތުގެ އެދުންތައް ހާސިލުނުވިޔަސް މުސްތަޤުބަލް ބައްޓަންކުރާނޭ ގޮތް ދާރިއަން ކިޔާދިނެވެ. އޭނާގެ ކެތްތެރިކަމާއި ހަރުދަނާ ވިސްނުމުގެ ސަބަބުން އިޝްވާއަށް ބުނާނޭ އެއްޗެއް ދުލަކަށް ނައެވެ.

"ހޭޒަލް އާނއެކޭ ބުނެފިއްޔާ" އިރުކޮޅަކު ހިމޭނުން އިނދެފައި އިޝްވާ ބުންޏެވެ.

"ﷲއަށް ޝުކުރުގެ ސަޖިދަ ޖަހާނަން، އަވަހަށް ކައިވެނީގެ ކަންކަން ހަމަޖައްސާނީ، މަންމަ ކައިރީ ބުނާނަން މީ އޭ އަހަރެން ޚިޔާރުކުރި ކުއްޖަކީ، އުމުރުގެ ބާކީބައި ހޭދަކުރާނީ އޭނާއާއެކުއޭ... އަހަރެން އެދުން ފުރިހަމަވެއްޖެނަމަ ވަރަށް އުފާވާނެ، ވަރަށް ބޮޑަށް އުފާވާނެ" ދާރިއަންގެ މޫނުން ވެސް އެވަގުތު އުފާވެރިކަން ފާޅުވިއެވެ.

"ހޭޒަލް ގާތު ދާރިއަން ބުނާނަންތަ އަހަންނަކީ ކާކުކަން... އަހަރެން ބޭނުން ބުނަން" އިޝްވާ ބުންޏެވެ.

"ބުނާނަން... އިޝްއެއްނޫން، އަހަރެން ކިޔާދޭނީ، ކައިވެންޏެއް ނުކުރާނަން އެއްވެސް ކަމެއްގައި އޮޅުވައިލައިގެން ހުރެ، އެކަމަކު އެއީ ހޭޒަލް އަހަންނާ ރުހިއްޖެނަމަ، އެހެންނޫނީ ކަންތައްވާގޮތެއް ބަލަން އަދި މަޑުކުރާނީ" ދާރިއަން ބުންޏެވެ.

"އަހަރެންގެ މަންމަ ބުނި ދާރިއަން ގާތު ބުނެބަލާށޯ އާދެބަލާށޯ، އަސްލު ވީގޮތަކީ އަހަންނާ ދާރިއަން ބައްދަލުކުރަން އަންނަ ވާހަކަ މަންމަ ގާތު ބުނެވުނީ... އެހެންނުވާނީ، ބަލިމީހުންނަށްވުރެ ގިނައިން މިތަނުގައި އަޅާފަ އޮންނަ މީހަކީ ތީވިއްޔަ... ހިނގާބަލަ އެއްދުވަހު އަހަރެމެން ގެއަށް، މިހާރު މިވަގުތު ވެސް އޯކޭ... އަހަރެން މިއިނީ ނިމިފަ..." އިޝްވާ ބުންޏެވެ.

"ގެއަށް ދާހިތެއްނެތް، އަހަރެން ދާނޭ އިތުރުތަނެއް ވެސް ނެތް، ހިނގާ... އިޝްއާއެކު ހިނގައިދާނަން" ދާރިއަން ސޯފާގައި އިށީނެވެ. އިޝްވާ ނިކަން ފުޅާ ހިނިތުންވުމެއް ބަދަލުކޮށްލިއެވެ. ދާރިއަން ކައިރީ ހުރި ގޮނޑީން އިޝްވާ ތެދުވެ މޭޒު ކައިރިއަށް އައެވެ. ދާރިއަން ގޮވައިގެން އިޝްވާގެ ގެއަށްދާން އޭނާ ދަބަސްތައްޔާރު ކުރަންފެށިއެވެ.

* * * * *

އިޝާ ނަމާދުން ފޭބީސުރެން ހޭޒަލްއަށް ފޯނަށް ބެލެނީއެވެ. އެ ފޯނު ރިންގުވާނޭ އިރެއް ނޭނގެއެވެ. މޭގައި ފޮރުވިފައި އޮތް ހިތުގެ ތެޅުންވަނީ އަވަސްވެފައެވެ. އެ ކޯލަށް ޖަވާބު ދިނުމާއެކު ދެންވާނީ ކިހިނެއްބާއޭ ހޭޒަލްގެ ހިތަށް އަރަނީ އެ ސުވާލުގެ ޖަވާބު ނޭނގޭތީއެއްނޫނެވެ. އެހެންނަމަވެސް ހަޤީޤަތާ ކުރިމަތިލާން ޖެހިލުންވާލެއް ބޮޑުކަމުންނެވެ.

* * * * *

އިޝްވާގެ ޢާއިލާއެކު ރޭގަނޑުގެ ކެއުން ނިންމާ ދާރިއަން އެމީހުންނާ ވަކިވިއެވެ. އޭނާ ކާރަށް އަރައި ދުއްވާލިއެވެ. އެގެއާ ދުރަށް ދެވުމުން ކާރު މަޑުކޮށްލާނޭ ދިމާއެއް ހޯދައި އެތަނުގައި ޕާކުކުރިއެވެ. ޖީބުން ފޯނު ނަގައި ބަލާލިއެވެ. ޒުކަންގެ މިސްކޯލުތައް ފެނުނެވެ. ގުޅާފައި ހުރި ގަޑިތަކަށް ސަމާލުކަމެއް ނުދީ ދާރިއަން ނިންމީ އެ ގުޅަނީ ސާރާ އައިސް އިނީމާ މަންމަ ބުނެގެންކަމަށެވެ. ފޯނުގެ އިސްކުރީނުން ކޯލުތައް ދުއްވާލިއެވެ. ފުންނޭވާއެއް ލައި ނަފްސު ތައްޔާރުކޮށްލުމަށްފަހު ހޭޒަލްގެ ނަންބަރަށް ދާރިއަން ގުޅިއެވެ. ކޯލު ހުރީ ގުޅިފައިކަން އެނގުމުން ދާރިއަންގެ ހިތް އަވަސްވިއެވެ.

"ހެލޯ..." ހޭޒަލްގެ އަޑު ދާރިއަންގެ ކަންފަތުގައި ޖެހުނެވެ.

"ކިހިނެއްތަ؟" ދާރިއަން އަހާލިއެވެ.

"ރަނގަޅު" ހޭޒަލްގެ އަޑުގައި ހުރި ޖެހިލުންވުން ދާރިއަންއަށް އިޙްސާސް ކުރެވުނެވެ.

"އެއްވެސް ވަރަކަށް ނުގުޅީ ހޭޒަލްއަށް ޕްރެޝާ ނުކުރަންވެގެން، ވަރަށް އުނދަގޫވި ހާލު ބަލާނުލައި ހުންނަން... އެކަނިތަ ތިހުރީ؟" ދާރިއަން ބޭނުންވި ޖަވާބު ނުލިބިދާނޭތީ އޭނާ ޖެހިލުންވަނީއެވެ. އިތުރު ވާހަކަތައް އޭނާ ދެއްކީ އެހެންވެއެވެ.

ހޭޒަލް ހުރީ ކޮޓަރީގައިކަން ބުނެފައި ދާރިއަންއަށް ދޭނޭ ޖަވާބެއް އޮތްކަން އޭނާ ހާމަކުރިއެވެ. އެހެންނަމަވެސް އޭނާ ހިމޭނުން ހުރީ ދާރިއަން އެއްޗެކޭ ނުބުނީމައެވެ. އޭނާއެކޭ އެއްވަރަށް ދާރިއަން ވެސް އެވަގުތު އެހުރީ ހިތްއަވަސްވެ ޖެހިލުންވެފައިކަމެއް ހޭޒަލް ނުދެނަހުއްޓެވެ.

"އަހަންނާ ކައިވެނި ކޮށްފާނަންތަ" ވިސްނަވިސްނާފައި ދާރިއަން ސުވާލުކުރިއެވެ. ސުކޫތުކޮޅަކަށްފަހު ހޭޒަލް ހޫންލައްވާލި އަޑު އިވުނެވެ. ދާރިއަންއަށް ހީވީ ހިނދުކޮޅަކަށް އޭނާގެ ހިތް ހުއްޓުނުހެންނެވެ. މީހާ ގަނޑުވީ ފަދައެވެ. ހޭޒަލް އެއްބަސްވީތޯ އަމިއްލަ ޟަމިރާ އޭނާއަށް ސުވާލުކޮށްލެވުނެވެ. ބުއްދިއާއި ހިތް މަސައްކަތްކުރަން ފެށުމުން ދާރިއަން އަލުން ވާހަކަދައްކަން ފެށިއެވެ.

"ތިބުނީ އަހަންނާ އިންނާނަމޭތަ؟... ހަމަ ޔަގީންތަ؟..." ދާރިއަންއަށް އަހާލެވުނެވެ.

"އާން!... ދާރިއަންގެ ހުށަހެޅުން ޤަބޫލުކޮށްފިން" ހޭޒަލްގެ އަޑުގައި ހުރި ތުރުތުރުލުން ދާރިއަންއަށް ފާހަގަވިއެވެ. އެހެންވިޔަސް އޭނާއަށް ލިބުނު އުފާވެރިކަމެއްގެ ސަބަބުން ނަފްސު މައިތިރިއެއް ނުކުރެވުނެވެ. ޖަޒުބާތުތައް އުތުރިއަރަނީއެވެ. މިރެއިން މިރެއަށް ކައިވެނިކޮށް ނިންމާލެވޭނެނަމައޭ ވެސް ހިތަށް އަރަނީއެވެ.
"ބައްދަލުވެދާނެތަ؟" ކެތްނުވެގެން ދާރިއަންއަށް އެހުނެވެ.

"މިރެއަކުނޫން..." ހޭޒަލްއަށް ނިކަން އަވަހަށް ބުނެލެވުނެވެ. ދާރިއަންއަށް ޖަވާބުދިންތާ ގިނައިރެއްނުވެ އޭނާއާ ކުރިމަތިލުން ފަސޭހަކަމަކަށް ހޭޒަލްއަށް ނުވީއެވެ. އާނއެކޭބުނެފައި ގަޔާނުވާކަމުގެ ސިފަ ދެއްކިދާނެތީ ހޭޒަލް ބިރުގަތީއެވެ. ދާރިއަން ބޭނުންނުވިޔަސް ހޭޒަލްގެ އަމިއްލަ ނަފްސަށް އަދި ވަގުތު ބޭނުންވެއެވެ.

"އަހަރެންގެ ޢާއިލާ މީހުން ކައިރީ ބުންޏަސް އެންމެ ރަނގަޅުތަ... އަހަރެން ބޭނުންވަނީ ވީހާ ވެސް އަވަހަށް އެމީހުންނަށް އަންގަން" ދާރިއަން ބުންޏެވެ.

"އެންމެ ރަނގަޅު" ހޭޒަލް ބެލީ ދާރިއަންގެ އެއްވެސް އެދުމަކަށް ނޫނެކޭ ނުބުނެވޭތޯއެވެ.

"ތެންކިއު... އަހަންނަށް ޓްރަސްޓް ކުރީތީ... ﷲ އިރާދަކުރެއްވިއްޔާ ޒެލްގެ ހިތުގައިޖެހޭވަރުކަމެއް އަހަރެން ނުކުރާނަން، މާދަމާ އަހަރެން ގުޅާނަން، ހެނދުނު ގުޅާނީ... މިވަގުތު ޒެލް ބުނަން ބޭނުން ވާހަކައެއް އެބައޮތްތަ؟" ކޯލުކަނޑާލުމުގެ ކުރީން ދާރިއަން ބުނެލިއެވެ.

"މިވަގުތަކުނޫން... ހެނދުނުން ވާހަކަދައްކާނީ" ހޭޒަލް ވެސް ހުރީ ފޯނުކޯލު ކުރުކޮށްލަން ބޭނުންވެފައި ކަހަލައެވެ.

"އޯކޭ... ގުޑްނައިޓް..." ދާރިއަން ފޯނުކޯލު ކަނޑާލިއެވެ. ދަތްތައް ފެންނަވަރަށް އޭނާ އިނީ ހިނިތުންވެފައެވެ. ފޯނަށް އިރުކޮޅަކު ބަލަން އިނދެފައި މެސެޖުބައި ހުޅުވާލިއެވެ. "އައި ލަވް ޔޫ" ލިޔެލާ ހޭޒަލްއަށް މެސެޖު ފޮނުވާލިއެވެ. ފޯނުކޯލު ނިންމާލި ވަގުތު ލޯބިވާ ވާހަކަ ބުނަން ދާރިއަން ބޭނުންވިއެވެ. އެހެންވިޔަސް އޭނާއަށް ނުކެރުނީއެވެ. ފޮނުވި މެސެޖެއް ޖަވާބެއް ނައެވެ. އެހެންނަމަވެސް އޭނާއަށް ވިސްނުނެވެ.

މިސްކިތުން ފައިބައިގެން ދާރިއަން އައިސް ގެއަށް ވަނެވެ. އޭރު ދިހައެއް ޖަހައިފިއެވެ. މީހާ ހުރީ ވަރަށް ހަމަޖެހިފައެވެ. އޭނާއަށް ވަދެވުނީ ސިޓިންރޫމުގައި ތިބި ޢާއިލާގެ ކުރިމައްޗަށެވެ. އިބާގެ މޫނުން ފާޅުވާ ނުރުހުމުގެ އަސްލަކީ ކޮބާކަން ދާރިއަން ދެނަހުއްޓެވެ. ޒުކަން ފެންނަނީ ކަންބޮޑުވެފައި އިންތަނެވެ. ދާރިއަން ފެންނައިރަށް "ހާއި ބްރޯ" އޭ އައިކު ގޮވާލިއެވެ. އޭނާއަށް ޖަވާބެއް ދާރިއަން ދިނީ ބޮލުންކޮށްލި އިޝާރާތަކުންނެވެ.

"އަންނަން އެނގިއްޖެ... ކޮބާ ފޯނު... ކޮންތާކުން ތިއައީ... އޮފީހަށް ދިޔަމީހާ އަދިކިރިޔާ ތިދައްކާލީ" އިބާއަށް ދޫހިމޭނަކުން ނުބޭއްވުނެވެ. އެއަށްވުރެ އޭނާ އެއިނީ ރުޅިއައިސްފައެވެ.

"ދާރިއަން..." ދަރިފުޅު ހިމޭނުން ހުރުމުން ޒުކަން ގޮވާލިއެވެ. ހީވީ މަންމަގެ ސުވާލުތަކަށް ޖަވާބުދޭށޭ ބުނާ ހެންނެވެ. ދާރިއަން އައިސް އިބާ ގާތު އިށީނެވެ. އުނގުގައި އޮތް ކުޝަންގައި ހިފަހައްޓާލައިގެން އިން އިބާގެ އަތުގައި ދާރިއަން ހިފިއެވެ. ދަރިފުޅުގެ އެ ޢަމަލުން އިބާ ހައިރާންވިއެވެ. ކުއްލިއަކަށް އައިސްފައި ހުރި ރުޅިން ބައެއް މަޑުވީ ކަހަލައެވެ.

"ސޮރީ މަންމާ... ކައިވެނި ކުރާނޭ ކުއްޖަކު އަޅުގަނޑުވާނީ ޚިޔާރުކޮށްފައި، ފެމެލީއާ ބައްދަލުކޮށްދޭން އޭނާ ގެންނަން ވެސް ބޭނުން، ސާރާއާ އިންނަން ބޭނުންނުވަނީ އެހެންވެ... ސާރާއަށް ވެސް އެނގޭނެ އަޅުނގަޑަށް އޭނާ ކަމުނުދާކަން"

ދާރިއަން ދެއްކި ވާހަކަ އިބާއަށް އިނީ ޤަބޫލުނުކުރެވިފައެވެ. ޒުކަންގެ ތުންފަތަށް ވެރިވީ ލުއި ހިނިތުންވުމެކެވެ. އިހަކަށް ރެއަކު ފެނުނު ފިނިފެންމަލުގެ ހަޤީޤަތަކީ މިއީތާއޭ ޒުކަން ހިތަށް އެރިއެވެ. އަޖައިބުވެފައި އިން މީހަކުހެން އައިކު ފެށީ ހޭށެވެ. ކޮއްކޮއާ ދިމާކޮށްލާފަދަ އަޑެއް އޭނާ ލައްވާލިއެވެ.

"އިބާ، އެ ސޮރު އެބުނީނު އިންނާނޭ ކުއްޖަކު އެބަހުއްޓޭ، ދެން ތިކުރަން އުޅޭކަމެއް ހުއްޓާލަން މަށަށް ފެންނަނީ" ތަހުމީނާ ބުންޏެވެ. އޭނާ ގާތު ދާރިއަން ދެއްކި ވާހަކަތައް މަތިން ތަހުމީނާ ހަނދާންހުއްޓެވެ. އެތުންފަތުގައި ހިނިތުންވުމެއްވީ އެހެންވެއެވެ. ދާރިއަން އެ އައީ އެބުނާ އަންހެންކުއްޖަކު ފަރާތުން ޖަވާބު ހޯދައިގެންކަން އޭނާއަށް ޔަގީންވެއްޖެއެވެ.

"ކާކު އެއީ..." އިބާއަށް އަހާލެވުނެވެ.

"ހޭޒަލް ކިޔަނީ..." ދާރިއަން ބުންޏެވެ. އެއާއެކު ޒުކަންގެ ހަނދާނަށް އެ ނަން އައެވެ. ދާރިއަންގެ ފޯނުން ހޭޒަލްގެ ނަން ޒުކަން ދުށްޓެވެ. އެކަމަކު އެއީ މީގެ އަހަރަކަށް ވެސް ކުރީންނެވެ. އޭނާ އަޖައިބުވީ ދެނެވެ. ދާރިއަން އެ އަންހެންކުއްޖާ ރައްޓެހިވެގެން އުޅޭތާ އެހާ ދުވަސްވެއްޖެބާއޭ ޒުކަންގެ ހިތަށް އެރިއެވެ.

"ކޮންގެއަކު ކުއްޖެއް... މާލެތަ؟" އިބާ ސުވާލުކުރިއެވެ. އޭނާގެ ދަރިފުޅަށް އިބާ ޚިޔާރުކުރީ ހުރިހާ ގޮތަކުން ސާރާ ކަމުގޮސްގެންނެވެ. އެހެންވެ ސާރާއާ އެ އަންހެންކުއްޖާ އަޅާކިޔެންހުރި ގޮތަކަށް އޭނާ އަޅާކިޔާނޭކަން ޔަގީނެވެ.

(ނުނިމޭ)