ކުރިއަށް އޮތް ކައުންސިލް އިންތިހާބަށް ރީ ރަޖިސްޓާވުމަށް ފުރުސަތު ހުޅުވާލައިފި އެވެ.
އިލެކްޝަންސް ކޮމިޝަނުން ބުނީ ކައުންސިލްތަކުގެ އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބު 2020 ރާއްޖެއިން ބޭރުގައި ދިރިއުޅޭ ރައްޔިތުން ވޯޓުލާން ރަޖިސްޓަރީވެފައިވާ ތަން ނޫން އެހެން ތަނެއްގައި ވޯޓުލުމަށްޓަކައި ރަޖިސްޓަރީވުމަށް ހުޅުވާލާފައިވާ ކަމަށެވެ.
އެ ފުރުސަތު މިއަދުންފެށިގެން މިމަހުގެ 27 ވަނަ ދުވަހުގެ ނިޔަލަށް ވަނީ ހުޅުވާލާފައެވެ. އެގޮތުން އިންޑިޔާގެ ޓްރިވެންޑްރަމް އަދި ނިއުދިއްލިން ހޯމަ ދުވަހުން ހުކުރު ދުވަހުގެ ނިޔަލަށް 10:00 ފެށިގެން 15:00 ފޯމް ބަލައިގަންނާނެއެވެ. އެއީ ޓްރިވެންޑްރަމްގެ ކޮންސިއުލޭޓް އޮފީހާއި، ދިވެހިރާއްޖޭގެ ހައިކޮމިޝަނުންނެވެ.
ލަންކާގެ ކޮލަންބޯއިން 9:30 ފެށިގެން 15:30 އަށް، މެލޭޝިއާގެ ކުއަލަލަންޕޫރުން 10:00 ފެށިގެން 15:00 އަށް، އިނގިރޭސިވިލާތުގެ ލަންޑަން އަދި ސިންގަޕޫރުން 10:00 ފެށިގެން 16:00 އަށް އެ ގައުމުތަކުގައިވާ ދިވެހިރާއްޖޭގެ ހައިކޮމިޝަނުން ފޯމް ބަލައިގަންނާނެއެވެ.
އަދި ތައިލެންޑުން 09:00 ފެށިގެން 14:00 އަށް، ބަގްލަދޭސްއިން 10:00 ފެށިގެން 15:00 ހައިކޮމިޝަނުން ފޯމް ބަލައިގަންނާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެއެވެ.
މި މުއްދަތުގެ ތެރޭގައި ރަޖިސްޓަރީވުމަށް އެދި ހުށަހަޅާނީ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު 2019 ގައި ރަޖިސްޓަރީވެފައިވާ ތަން ނޫން އެހެން ތަނަކަށް ނުވަތަ ރަށަކަށް ވޯޓުލުމަށް ރަޖިސްޓަރީވާން އެދޭ ފަރާތްތައް އެކަންޏެވެ. އެހެން ނަމަވެސް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ރިސޯޓެއްގައި ނުވަތަ ސިނާއީ މަސައްކަތްކުރާ ރަށެއްގައި ނުވަތަ ޖަލުގައި ވޯޓުލާން ރަޖިސްޓަރީކޮށްފައިވާ މީހުން މި އިންތިހާބުގައި ވޯޓުދިނުމުގެ ހައްގު ލިބިގެންވާ މީހުންގެ ރަޖިސްޓަރީގައި އެމީހެއްގެ ވޯޓުލާތަންކަމަށް ރަޖިސްޓަރީވެފައިވާނީ އެމީހެއްގެ ދާއިމީ އެޑްރެހަށް ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެއެވެ.