ސާފް ސުޒުކީ ކަޕް

ސާފް ޗެމްޕިއަންޝިޕަކީ ބޭކާރު މުބާރާތެއް: އިންޑިޔާ

Sep 3, 2015
2

ޑިސެމްބަރު މަހު އިންޑިޔާގައި ބާއްވާ ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތް އިންޑިޔާއަށް މުހިންމު ނޫން ކަމަށާއި އެ މުބާރާތަށް ފޮނުވަން ފެންނަނީ 19 އަހަރުން ދަށުގެ ޓީމު ކަމަށް ގައުމީ ކޯޗު ސްޓެފަން ކޮންސްޓަންޓެއިން ބުނެފި އެވެ.

މި މަހުގެ 17 ވަނަ ދުވަހު ގުރު ނަގާ ދެކުނު އޭޝިޔާގެ އެންމެ ބޮޑު މުބާރާތާމެދު އޭނާ ވަނީ ވަރަށް ބޮޑަށް ހިތްހަމަނުޖެހުން ފާޅުކޮށްފަ އެވެ.

"އަހަރުމެންނަށް ސާފް [ޗެމްޕިއަންޝިޕް] ކަޕަކީ މުހިންމު އެއްޗެއްނޫން މިހާރު އޮންނަގޮތުން. ސާފުގެ މައްސަލައަކީ އެ މުބާރާތް ބާއްވާ ދުވަސްވަރު. ގުއާމާއެކު ކުޅުނު މެޗަށް ފަހު އަހަރެން ބުނިން އެ މުބާރާތް ޖޫންގައި ބާއްވަން. އެއިރު ކުޅުންތެރިން ތިބީ އެކުގައި،" ކޯޗު ބުންޏެވެ.

"އަހަންނަށް ޗޮއިސް އެއް އޮތްނަމަ އަހަރެން ސާފް އަށް ފޮނުވާނީ 19 އަހަރުން ދަށުގެ ޓީމު. އަހަރުމެން އެބަޖެހޭ އަހަރުމެންގެ ޒުވާން ގައުމީ ޓީމުތައް ތަރައްގީކުރަން. އަހަރުމެން ދަތުރުކޮށްފިން [ސާފް ޗެމްޕިއަންޝިޕުގެ 16 އަހަރުން ދަށާއި 19 އަހަރުން ދަށުގެ މުބާރާތުގެ] ފައިނަލަށް މިދިޔަ ހަފުތާގައި. 19 އަހަރުން ދަށުގެ ޓީމުގައި އެބަތިބި ނުވަ ކުޅުންތެރިން 17 އަހަރުން ދަށުގެ. އޭގެ ތެރެއިން ހަތަރު ކުޅުންތެރިން މޮޅަށް ކުޅުނު. އަހަރުމެން ބަލިވީ ޕެނަލްޓީ ޖަހައިގެން. ކުޅުންތެރިން ހުނަރު އެބަހުރި. އަހަންނަށް ޔަގީން އެމީހުން 23 އަހަރަށް ދާއިރު ވަރަށް މޮޅުވާނެކަން،" ކޯޗު ބުންޏެވެ.

ސާފް ޗެމްޕިއަންޝިޕް ފަށާނީ ޑިސެމްބަރު މަހުގެ 23 ގަ އެވެ. ނިންމާނީ އަންނަ އަހަރުގެ ޖެނުއަރީ ދެ ވަނަ ދުވަހު އެވެ. އިންޑިޔާ ކޯޗުގެ އެންމެ ބޮޑު އެއް މައްސަލައަކީ ޑިސެމްބަރު 20 ގައި ނިމޭ އިންޑިއަން ސުޕަ ލީގު މުބާރާތަށް ފަހު ގައުމީ ޓީމު އެކުލަވާލަން ވަގުތު ނެތުމެވެ.

"ޑިސެމްބަރު 20 އެއީ އިންޑިއަން ސުޕަ ލީގުގެ ފައިނަލް ކުޅޭ ދުވަސް. އެހެންވީމަ އަހަންނަކަށް ފުރުސަތެއް ނުލިބޭނެ މުބާރާތުގެ ސެމީ ފައިނަލް ކުޅޭ ހަތަރު ޓީމުގެ ކުޅުންތެރިން ގައުމީ ޓީމަށް ނަގަން. މިކަން އަހަރެން ޖެހޭނެ ޓީމުގެ ފަރިތަކުރުންތައް ފެށުމުގެ ކުރިން ނިންމަން. އަހަންނަށް ސާފް (ޗެމްޕިއަންޝިޕް) އެއީ ބޭކާރު މުބާރާތެއް،" ކޯޗު ބުންޏެވެ.

ކޮންމެ ދެ އަހަރަކުން ބާއްވާ ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގައި މިހާތަނަށް އެންމެ ކާމިޔާބު ޓީމަކީ ވެސް އިންޑިޔާ އެވެ. 2008 ވަނަ އަހަރު ދިވެހިރާއްޖެ އަދި އެންމެ ފަހު މުބާރާތް އަފްގާނިސްތާން ކާމިޔާބުކޮށްފައިވާއިރު އެހެން ހުރިހާ މުބާރާތެއް ކާމިޔާބު ކުރީ އިންޑިޔާ އެވެ. އެގައުމުން ވަނީ 2009 ވަނަ އަހަރު 23 އަހަރުން ދަށުގެ ޓީމާ ބައިވެރިކޮށްގެން ވެސް މި މުބާރާތް ކާމިޔާބުކޮށްފަ އެވެ. އެއީ ފައިނަލުގައި ރާއްޖެއާ ވާދަކޮށް ޕެނަލްޓީ ޖަހައިގެންނެވެ.