ހަބަރު

އަނެއްކާވެސް ލީކެއް: ނަހުލާއަށް ތުހުމަތާއި ފުރައްސާރަ

ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު އެހެން ބަޔަކާއެކު ދެއްކެވި ވާހަކަތަކެއް ކަމަށް ބުނާ ވާހަކަތަކެއްގެ އޯޑިއޯ ރެއިން ފެށިގެން ބުރި ބުރިއަށް ލީކް ކުރަމުންދާއިރު މިއަދާއި، މިރޭ ވެސް ވަނީ އޯޑިއޯތަކެއް ލީކް ކޮށްލާފަ އެވެ. މީގެ ކުރިން ލީކް ކޮށްލި އޯޑިއޯތަކާއި ހިލާފަށް މިރޭ ލީކް ކޮށްލި އޯޑިއޯގައި ހުތުރު، ފާހިސް ބައެއް އަމަލުތަކާއި ގުޅޭގޮތުން ވާހަކަ ދައްކާ އަޑު އިވެއެވެ.

ލީކްކޮށްލާފައިވާ އާ އޯޑިއޯގައި އަލީ ވަހީދު ކަމަށް ބުނާ މީހާ ވަނީ ޓްރާސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާއަށް ބޮޑެތި ތުހުމަތުތަކެއް ކޮށްފަ އެވެ. އެގޮތުން ނަހުލާ އޭނާގެ ކިބައިން ޖިންސީ އަމަލަކަށް އެދިފައިވާ ކަމަށާ އިތުރު ބަޔަކާއެކު އެކަން ކުރަން ވެސް އެންމެ ރަނގަޅު ކަމަށް ބުނާ އަޑު އިވެއެވެ.

އެ ވާހަކަތަކަށް ކައިރީގައި ތިބި މީހުން ހީނ، ފުރައްސާރަ ކުރާ އަޑު ވެސް އިވެއެވެ. މީގެ އިތުރުން ދީނުގައި ހުއްދަ ނޫން ބައެއް ކަންކަން ކުރުމަށް ރިސޯޓަކަށް ދާންޖެހޭ ކަމަށް ބުނެފައި ވެއެވެ. -- އޯޑިއޯގެ ގިނަ ވާހަކަތަކަކީ ވަރަށް ހުތުރު އަދި އިސްލާމް ދީނާއި ދިވެހިންގެ ސަގާފަތާއި ބީރައްޓެހި ވާހަކަތަކެއް ކަމުން އެ ވާހަކަތައް ދޫކޮށްލީ އެވެ --

"ލީކްސް"ގެ ނަމުގައި ޓްވިޓާ އެކައުންޓެއް ހަދައި، މިނިސްޓަރެއް ބޭޒާރު ކޮށްލާނެ ކަމުގެ އިންޒާރު މީގެ ދެ ރެއެއް ކުރިން ފެށިގެން ބަަޔަކު ދިޔައީ ދެމުންނެވެ.

"އެޕިސޯޑް 1"ގެ ނަމުގައި ފުރަތަމަ ދޫކޮށްލި އޯޑިއޯއާއެކު އެންމެންގެ ސަމާލުކަން އެކަމަށް ލިބުނެވެ. އެ އޯޑިއޯއަކީ ހެލްތް މިނިސްޓަރު އަބްދުﷲ އަމީނަށް، އަލީ ވަހީދު ކަމަށް އޯޑިއޯގައި ބުނާ ފަރާތް ވަރަށް ބޮޑަށް ފާޑުވިދާޅުވާ އޯޑިއޯއެކެވެ.

މި އޯޑިއޯއަކީ މި މަހުގެ 13 ވަނަ ދުވަހު އަލީ ވަހީދާ، އޭނާގެ އެކުވެރިންތަކެއްގެ މެދުގައި ދެކެވެނު ވާހަކަތަކެއް ކަމަށް ބުނެ އެވެ. އޯޑިއޯގައި ޔޫތް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަދި މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިޔާ އައްސަދު އަލީ، އަޑުބަރޭގެ އަޑު ވެސް އިވޭ ކަމަށްވެ އެވެ. އަޑުބަރޭއަކީ އަލީ ވަހީދުގެ ގާތް އެކުވެރިއެކެވެ.

ފުރަތަމަ އޯޑިއޯގައި އަލީ ވަހީދު ކަމަށް ބުނާ ފަރާތުން ވަނީ މިނިސްޓަރު އަމީންއަށް އެއްވެސް ކަމެއް ނުވާ ކަމަށް ބުނެފަ އެވެ. އަމީންއަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ތައުރީފް ކުރެއްވުމުން އެކަމަށް ވެސް ޖޯކު ޖެހި އެވެ. އެއީ ކްރޯނާ ވައިރަސްއާ ގުޅިގެން ހެލްތް މިނިސްޓްރީއިން ކުރާ މަސައްކަތަކަށެވެ. އަލީ ވަހީދު ކަމަށް ބުނާ ފަރާތުން ބުނާ ގޮތުގައި ހުރިހާ ކަމެއް ހުރީ އޭނާ އެވެ. މާސްކު ގެނައި ވެސް ސެޓެޕް ވެސް ހެދީ އޭނާ ކަމަށެވެ. ދެން ބޭނުން ކުރީ ވަރަށް ހަޑި ލަފުޒުތަކެކެވެ.

މިނިސްޓަރު އަމީންއަކީ އަބަދުވެސް ހެދިކާ ކައިގެން ދެ ފޮޓޯގްރާފަރުން ފަހަތު ލައިގެން މުޅިން ވެސް ޓްވިޓާއަށް ކަންކަން ކުރާ މިނިސްޓަރެއް ކަމަށް އޭނާ ބުނެ އެވެ.

އިރުކޮޅެއް ފަހުން ދެވަނަ އޯޑިއޯ ދޫކޮށްލި އެވެ. އެ އޯޑިއޯގައި އަލީ ވަހީދު ކަމަށް ބުނާ ފަރާތުގެ ހަމަލާތައް ރައްދުވީ އެޑިއުކޭޝަން މިނިސްޓަރު އައިޝަތު އަލީއަށެވެ. އޯޑިއޯގައި އޭނާ ފާޑުކީ އެޑިއުކޭޝަންގެ އުސޫލަކަށެވެ. އެއީ ކުޑަކުދިންގެ ކުޅިވަރާ ގުޅޭ އުސޫލެއް ކަމަށް ބެލެވެ އެވެ. އެޑިއުކޭޝަން މިނިސްޓަރަށް އަމާޒުކޮށް ވެސް ހަޑި ލަފުޒުތަކުގެ ބޭނުން ކޮށްފައިވެ އެވެ.

ދެން އޯޑިއޯގައި އަލީ ވަހީދުގެ އަޑު ކަމަށް ބެލެވޭ ފަރާތް ވަނީ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ފަދައިން ކެބިނެޓްގަ "ހާޑް" ކުރާނެ ކަމަށް ބުނެފަ އެވެ. އަދި، އެޑިއުކޭޝަން މިނިސްޓަރުގެ އުސޫލުތައް ފެއިލްކޮށްލާނެ ކަމަށް ބުނެފަ އެވެ.

އެންމެ ފަހު އޯޑިއޯ، "އެޕިސޯޑް 3"ގެ ނަމުގައި އާންމުކޮށްފައިވާ އޯޑިއޯއަކީ ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާގެ އަޑު ވެސް އިވޭ އޯޑިއޯއެކެވެ

އެކަމަކު، އެއީ ސައްހަ ނޫން އޯޑިއޯއެއް ކަމަށް އަލީ ވަހީދު ވަނީ ވިދާޅުވެފަ އެވެ. އިތުރަށް ވިދާޅުވީ އެއީ އަބުރު ކަތިލުމުގެ އަމަލެއް ކަމަށާއި އަޒުމު ނުގުޑާނެ ކަމަށެވެ.