ސަރުކާރުގެ މިނިސްޓްރީތަކުގައި ތިބި ކޯލިޝަންގެ މިނިސްޓަރުންނަށް މަސްއޫލިއްޔަތު އަދާ ނުކުރެވޭ ކަމަށާއި އެ މިނިސްޓްރީތަކާ ކޯލިޝަންގެ ލީޑަރުން ހަވާލުވުން މާ ރަނގަޅު ވާނެ ކަމަށް ބިލެތްދޫ ދާއިރާގެ މެންބަރު އަހުމަދު ހަލީމް (ދޮންބިލަތް) މިއަދު ވިދާޅުވެއްޖެ އެވެ.
މީގެ ކުރިން ވެސް މަޖިލީހުގެ ތަޅުމުގައި ކޯލިޝަންގެ މިނިސްޓަރުންނަށް ފާޑުވިދާޅުވެ އޭނާ ވަނީ ވާހަކަ ދައްކަވައިފަ އެވެ. އަދި ކުރިއަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގެ ފަހުން ހަމައެކަނި އެމްޑީޕީން ސަރުކާރު ހިންގާ ގޮތަށް މިހާރު ތިބި ކޯލިޝަންގެ އެހެން ޕާޓީތަކުގެ މިނިސްޓަރުން ވަކިކުރަން ޖެހޭ ކަމަށް ވެސް އޭނާ ވިދާޅުވެފައިވެ އެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާގައި ހަކަތައިގެ ބިލަށް ބަހުސް ކުރައްވަމުން ހަލީމް ވިދާޅުވީ ސަރުކާރުގެ މަސައްކަތްތައް ލަސްވެގެން އުޅެނީ ވެސް ކޯލިޝަންގެ ސަބަބުން ކަމަށެވެ. ރައީސް މުހައްމަދު ނަޝީދުގެ އަރިސް ބޭފުޅެއް ކަމުގައިވާ ހަލީމް ވިދާޅުވީ ކޯލިޝަނާ ހެދި އެއްވެސް ކަމެއް ސަރުކާރަށް ނުކުރެވޭ ކަމަށެވެ.
އޭނާ ވިދާޅުވީ ކޯލިޝަންގެ އެއް ލީޑަރު، އަދަލާތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ ހޯމް މިނިސްޓަރު ކަމުގައި ހުންނެވިއިރު އޭނާއަށް ވެސް އެއްވެސް މަސައްކަތެއް ރަނގަޅަށް ނުކުރެވޭ ކަމަށެވެ. މަޖިލީހުން ޓެރަރިޒަމްގެ ގާނޫނު ފާސް ކުރިއިރު މިހާތަނަށް އެ ގާނޫނު ވެސް ތަންފީޒު ނުކުރެވޭ ކަމަށް އޭނާ ވިދާޅުވި އެވެ.
މަރުތަކުގެ ހަގީގަތް ހޯދުމަށް ތަހުގީގު ކުރުން ވެސް ލަސް ކަމަށް ވިދާޅުވެ މިނިސްޓަރު އިމްރާނަށް އޭނާ ފާޑުވިދާޅުވި އެވެ. ހަލީމް އެހެން ވިދާޅުވިއިރު 2012 އިން 2018 އާ ހަމައަށް ހިނގި ގޮތް ނޭނގޭ މަރުތައް ބެލުން ވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އުފެއްދެވި ރިޔާސީ ކޮމިޝަނަކާ ހަވާލުކޮށްފަ އެވެ.
"މިހާރު ވެސް ކޯލިޝަންގެ އެއް ލީޑަރަކު ވަރަށް ރަނގަޅު ނަމޫނާއެއް އެބަ ދައްކަވާ. އެއީ ޝައިހް އިމްރާން [އަބްދުﷲ]، އަދާލަތު ޕާޓީގެ ރައީސް، [ޓެރަރިޒަމްގެ] ގާނޫނުން ބާރު ދިނީމަ ވަރަށް ރަނގަޅަށް ގާނޫނު ބަލާފައި ގާނޫނުގެ ތެރެއިން ކުރެވެން ހުރި ހުރިހާ ކަމެއް ނުކުރެވޭނެހާ ގޮތަކަށް ރާވައިގެން ހަމަ އެއް ކަމެއް ވެސް ނުކުރައްވާ އެބަ ހުންނެވި، ހޯމް މިނިސްޓަރު ކަމުގައި،" ހަލީމް ވިދާޅުވި އެވެ.
ހަލީމް ވިދާޅުވީ ކޯލިޝަންގެ އަނެއް ލީޑަރުން ކަމުގައިވާ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް އާއި އެމްއާރުއެމްގެ ރައީސް، ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ވެސް މިނިސްޓްރީތަކާ ހަވާލުވުމުން މިހާރަށްވުރެ ރަނގަޅުވެދާނެ ކަމަށެވެ.
ލީކުވެގެން އުޅޭ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު އާއި ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާގެ އަޑު އިވޭ އޯޑިއޯތަކަށް އިޝާރާތް ކުރައްވައި ހަލީމް ވިދާޅުވީ އެ މިނިސްޓްރީތަކާ ގާސިމް ހަވާލުވުމުން އެފަދަ ކަމެއް ތަކުރާރުވެގެން ނުގޮސްދާނެ ކަމަށެވެ.
"ގާސިމަށް ހަމަ އަޅުގަނޑު ވަރަށް ބޮޑަށް އިލްތިމާސް ކުރަން، މި ޓޫރިޒަމް މިނިސްޓްރީ އާއި ޓްރާންސްޕޯޓް މިނިސްޓްރީއާ ވެސް ހަވާލުވާން. އޭރުން މި އޯޑިއޯތަކެއް ވެސް ރަށު ތެރެއަށް ނުކުމެގެން ނުދާނެ. އޭރުން ނުކުންނަންޏާ ނުކުންނާނީ އެމަނިކުފާނުގެ އަޑުފުޅުންތާ،" ހަލީމް ވިދާޅުވި އެވެ.
މިއީ ލީކުވެގެން އުޅޭ އޯޑިއޯތަކާ ގުޅޭ ގޮތުން މަޖިލީހުގެ ތަޅުގައި މެންބަރަކު ވާހަކަ ދެއްކެވި ފުރަތަމަ ފަހަރެވެ. މިއަދުގެ ޖަލްސާގައި ހަލީމް އޯޑިއޯތަކާ ގުޅޭ ގޮތުން ވާހަކަ ދެއްކެވިއިރު، އެ ކަމާ ގުޅޭ ގޮތުން އެހެން މެންބަރަކު ވާހަކައެއް ނުދައްކަވަ އެވެ.
ޓުއަރިޒަމް މިނިސްޓަރު އަލީ ވަހީދު އާއި ޔޫތް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަދި މަޝްހޫރު ފުޓުބޯޅަ ކުޅުންތެރިޔާ އަސްއަދު އަލީ (އަޑުބަރޭ) އާއި އިތުރު ބަޔަކު ވާހަކަތަކެއް ދައްކާ ކަމަށް ބުނާ އޯޑިއޯތަކެއް ބައިބައިޔަށް ޓުވިޓާގައި ބަޔަކު ވަނީ ލީކް ކޮށްލާފަ އެވެ.
ހެލްތު މިނިސްޓަރު އަބްދުﷲ އަމީން އާއި އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީއާ ގުޅޭ ގޮތުން ވަރަށް ހުތުރުކޮސް އަލީ ވަހީދު ވާހަކަ ދައްކަވާ އަޑު އެ އޯޑިއޯތަކުން އިވެ އެވެ. އަދި މިނިސްޓަރު ނަހުލާއާ ގުޅޭ ގޮތުން ޖިންސީ ފުރައްސާރަކޮށް ވާހަކަ ދައްކަވާ އަޑު އިވެ އެވެ.
އެ އޯޑިއޯތަކާ ގުޅިގެން ސަރުކާރުން މިހާތަނަށް ވެސް ރަސްމީކޮށް އެއްވެސް ބަހެއް ބުނެފައެއް ނުވެ އެވެ. އެ މައްސަލަ ބަލައި ދިނުމަށް އެދިވަޑައިގެން މިނިސްޓަރު ނަހުލާ ވަނީ ރައީސްއަށް ހުށަހަޅުއްވައިފަ އެވެ. އަދި އެ އޯޑިއޯތަކުގައި ޖިނާއީ ކަމެއް އުޅޭ ކަން ފާހަގަ ކުރެވޭތީ ފުލުހުން އެ މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށް ބުނެފައިވެ އެވެ.