ޕްރޮޑިއުސަރު ބޯނީ ކަޕޫރަށް މި ފާއިތުވީ ދެ އަހަރެއްހާ ދުވަހަކީ ވަރަށް ހިތްދަތި ކަންތައްތަކެއް ކުރިމަތިވީ ދުވަސް ތަކެކެވެ. އޭނާގެ އަންހެނުން ޝްރީދޭވީ މަރުވުމުން ބޯނީގެ ހަޔާތަށް ވަނީ ވަރަށް ބޮޑު ހިތްދަތިކަމެއް ވެރިވެފަ އެވެ.
ޝްރީދޭވީ އާއި އޭނާގެ ދޮށީ ދަރިފުޅު ޖާންވީ ކަޕޫރު ފިލްމީ މައިދާނަށް ނުކުމެ ރަނގަޅު ނަތީޖާތަކެއް ނެރެމުންދާތީ ބޯނީގެ މޫނަށް ހިނިތުންވުން ވެރިވިޔަސް ޝްރީދޭވީ ނެތުމުގެ ހިތާމަ އޭނާގެ ހިތުން ފިލުވާލަން ވަރަށް ދަތިވާނެ އެވެ.
ބޯނީގެ ހިތްދަތިކަން އިތުރުވެފައިވާ އަނެއް ސަބަބަކީ އޭނާއާ ގާތް ގުޅުމެއް ބާއްވަމުން ދިޔަ ސަލްމާން ޚާން އާ ގުޅުން ކުޑަވުމެވެ. ނުވަތަ ސަލްމާނާ އޮތް ގުޅުން މުޅިން ނެތިގެން ދިއުމެވެ. ނަމަވެސް މިއީ ބޯނީ ކުރި ކަމަކުން ދިމާވި ކަމެއް ނޫނެވެ. ބޯނީގެ ދޮށީ ފިރިހެން ދަރިފުޅު އަރްޖުން ކަޕޫރާއި ސަލްމާންގެ ކޮއްކޮ އަރްބާޒްގެ ކުރީގެ އަނބިމީހާ ރައްޓެހިވުމުން ސަލްމާން ހިތްހަމަ ނުޖެހުނީ އެވެ.
ކުރިން އަރްޖުން އާ ސަލްމާނާ ވެސް އޮތީ ގާތް ގުޅުމެކެވެ. ބޯނީ ބުނި ގޮތުގައި އެކްޓަރަކަށް ވުމުގެ ޚިޔާލު ދީ އެ ރޮނގަށް އޭނާ ނެރެދިނުމަށް އެންމެ ހިތްވަރުދިނީ ސަލްމާނެވެ
.
"އަރްޖުން އަބަދުވެސް ބޭނުންވީ ފިލްމު ޑައިރެކްޓް ކުރަން. އެހެންވެ އަހަރެން ވެސް ހީރޯއެއްގެ ގޮތުގައި އޭނާ ލޯންޗު ކުރުމަށް ނުވިސްނީ. ނަމަވެސް އެއްދުވަހު ސަލްމާން އަހަންނަށް ގުޅާފަ ބުނި އަރްޖުން ކިބައިގައި އެކްޓަރަކަށް ވުމަށް ބޭނުންވާ ހުރިހާ ހުނަރެއް އެބަހުއްޓޭ. އެހެންވީމަ ފިލްމީ އެކްޓަރަށް އޭނާއަށް ވެވޭތޯ ބަލަން ޖެހޭނޭ،" ބޯނީ ކިޔައިދިނެވެ.
އޭގެ ފަހުން އަރްޖުން ގެންގޮސްގެން ފިލްމީ މައިދާނަށް ނުކުތުމަށް އޭނާ ތައްޔާރު ކުރުވީ ވެސް ސަލްމާނު ކަމަށް ބޯނީ ބުންޏެވެ. މިހާރު ގުޅުން ކެނޑިފައި ވިޔަސް އެކްޓަރެއްގެ ގޮތުން އަރްޖުން އަށް ލިބޭ ކޮންމެ ކާމިޔާބީއެއްގައި ސަލްމާންގެ ހިއްސާ އޮންނާނެ ކަމަށް ބޯނީ ބުންޏެވެ.
އިންޑިޔާގެ ބައެއް ނޫސްތަކުން ބުނެފައިވާ ގޮތުގައި މަލައިކާ އާއި އަރްޖުންގެ ގުޅުން ބަދަހިވެ ސިއްރު ލޯބީގެ ގުޅުމެއް ފެށުނީ ސަލްމާން ހޯދަން އެ ގެޔަށް ގޮސް އުޅުމުގެ ތެރޭގަ އެވެ. އެހާ ބޮޑަށް އަރްޖުން އާއި އޭނާގެ އާއިލާގެ މީހުން ދެކެ ސަލްމާން ރުޅި އަންނަނީ އެހެންވެ އެވެ.
އަރްބާޒް އާއި މަލައިކާގެ ޒަމާންވީ ކައިވެނި އެންމެ ފަހުން ރޫޅުމާއެކު އަރްޖުން އާއި މަލައިކާ ވަނީ ވަރަށް ހާމަކަން ބޮޑު ގޮތެއްގައި އެމީހުންގެ ލޯބީގެ ވާހަކަތައް ދުނިޔެއަށް އިއުލާން ކޮށްފަ އެވެ.