އޯޑިއޯތަކެއް ލީކުވި މައްސަލައިގެ ތަހުގީގެއް ހިންގަން އެދި ވަޑައިގަންނަވާ ކަމަށާއި ފުރިހަމަ ތަހުގީގަކުން ހަގީގަތް ސާފުވާނެ ކަމަށް ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވެއްޖެ އެވެ.
އަލީ ވަހީދާއި ޔޫތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އައްސަދު އަލީ (އަޑުބަރޭ) އަދި ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާގެ ފޯން ކޯލް އޯޑިއޯތަކެއް ސޯޝަލް މީޑިއާގައި ވަނީ ލީކު ކޮށްލައިވާއިރު ގިނަ ބަޔަކު އަންނަނީ އަލީ ވަހީދުގެ އިސްތިއުފާއަށް ގޮވާ ލަމުންނެވެ. މިހާތަނަށް ލީކުކޮށްލި ފަސް އޯޑިއޯގައި ހިޔާނާތުގެ މައްސަލަތަކާއި ހުތުރު ބަސްތައް ބޭނުންކޮށް ފުރައްސާރަ އާއި ޖިންސީ ފުރައްސާރަ ކޮށްފައިވެ އެވެ.
އެކަމުން ދިފާއުވެ ވަޑައިގަންނަވަމުން އަލީ ވަހީދު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ސޯޝަލް މީޑިއާގައި ދައުރު ކުރަމުން ގެންދަނީ ސައްހަ އޯޑިއޯތަކެއް ނޫން ކަމަށާއި އެ އޯޑިއޯތަކަކީ އެކި އަޑު އެކި ގޮތަށް ގެނެސް ރޭވިގެން ހިންގާ ދަށު ދަރަޖައިގެ ހުތުރު ޖަރީމާއެއް ކަމަށެވެ. އެ މައްސަލާގައި ފުރިހަމަ ތަހުގީގެއް ކުރުމުން ހަގީގަތް ސާފުވާނެ ކަމަށާއި އެގޮތުން އޭނާގެ މައްޗަށް ވެސް ތަހުގީގެއް ހިންގަވަން އެދޭ ކަމަށް އަލީ ވަހީދު ވިދާޅުވި އެވެ.
ލީކްކޮށްލާފައިވާ އޯޑިއޯގައި އަޑުބަރޭ ވަނީ ކޮރަޕްޝަން ކަމަށް ތުހުމަތު ކުރެވޭ ވާހަކަތަކެއް ދައްކަވާފަ އެވެ. އަޑުބަރޭ ކަމަށް ބުނާ މީހާ ވަނީ ދަރަނިތަކެއް ދައްކާ ނިންމުމަށް ކޮންމެ ވެސް ކަމަކުން އަށް ލައްކަ ރުފިޔާގެ ކަޓެއް ނެގުމާ ގުޅޭ ވާހަކަތަކެއް ދައްކާފަ އެވެ.
އޯޑިއޯއަކީ ޓްރާންސްޕޯޓް މިނިސްޓްރީގެ ތެރޭގައި ތިބިގެން ދެއްކި ވާހަކަތަކެއްގެ އޯޑިއޯއެއްކަން ދައްކާ ވާހަކަތަކުން އެނގެ އެވެ. މި މައްސަލަތައް ކޮރަޕްޝަނާ ހަމައަށް ގޮސްފައިވާއިރު މިކަން ބެލުމަށް ޓްވިޓާގައި މީހުން ދަނީ ގޮވާލަމުންނެވެ. ނަމަވެސް ސަރުކާރުގެ އެއްވެސް އޮފިޝަލަކު މިހާތަނަށް މިކަމާ ބެހޭ ގޮތުން އެއްވެސް އެއްޗެއް ވިދާޅެއް ނުވެ އެވެ.