ބޮލީވުޑް

އޮސްކާ ލިބުނު "ޕެރެސައިޓް"އަކީ ތަމަޅަ ފިލްމެއްގެ ކޮޕީއެއްތަ؟

ދާދިފަހުން ބޭއްވި މިއަހަރުގެ އޮސްކާ އެވޯޑުގައި އެންމެ މޮޅު ފިލްމަކަށް ހޮވިފައިވާ ކޮރެއާގެ "ޕެރެސައިޓް" އަކީ 1999 ގައި އިންޑިޔާ މީހަކު އުފެއްދި ތަމަޅަ ފިލްމެއްގެ ކޮޕީއެއް ކަމަށް ފިލްމުގެ ޕްރޮޑިއުސަރު ޕީއެލް ތެނައްޕަން ބުނެފި އެވެ. އޭނާ ބުނާ ގޮތުގައި "ޕެރެސައިޓް" އުފައްދާފައިވަނީ އޭނާ ޕްރޮޑިއުސްކޮށް ވިޖޭ ލީޑް ރޯލު ކުޅުނު "މިންސާރާ ކަންނާ" ކޮޕީ ކޮށްގެންނެވެ. އަދި "ޕެރެސައިޓް" އުފެއްދި ފަރާތާ ދެކޮޅަށް ދައުވާ އުފުލުމަށް ތައްޔާރުވަމުންދާ ކަމަށް ވެސް ޕްރޮޑިއުސަރު ބުންޏެވެ.

އޭނާ ބުނި ގޮތުގައި ހޯމަ، އަންގާރަ ހިސާބުގައި އޭނާ މި މައްސަލަ ބައިނަލްއަގުވާމީ ލޯޔަރެއް މެދުވެރިކޮށް ކޯޓަށް ވައްދާނެ އެވެ. އެމީހުން ނަގާފައިވަނީ އޭނާގެ ފިލްމުގެ ޕްލޮޓް ކަމަށް ޕްރޮޑިއުސަރު ގަބޫލު ކުރެ އެވެ. އިންޑިޔާ އިން އުފައްދާ ބައެއް ފިލްމުތައް ވެސް ކޮރެއާ ފިލްމުތަކުގެ ހާދިސާތަކުން ލިބޭ މައުލޫމާތުގެ އެހީގައި އުފައްދާތީ ކޮރެއާ މީހުން ވެސް މައްސަލަ ޖައްސާ ކަމަށް ވެސް ތަނައްޕަން ބުންޏެވެ.

އޭނާގެ ފިލްމުގައިވާ އައިޑިއާތައް ކޮޕީކޮށްގެން "ޕެރެސައިޓް" އުފައްދާފައިވާތީ ޕްރޮޑީއުސަރުންގެ އަތުން ބަދަލު ހޯދުމަށް މަސައްކަތް ކުރާނެ ކަމަށް ވެސް އޭނާ ބުންޏެވެ.

މިފަހަރުގެ އޮސްކާ އެވޯޑުގައި "ޕެރެސައިޓް"ވަނީ ތާރީޚީ ކާމިޔާބެއް ހޯދާފަ އެވެ. އެންމެ މޮޅު ފިލްމުގެ އެވޯޑު ލިބުނު ފުރަތަމަ ފޮރިން ފިލްމަށް ވުމުންނެވެ. މީގެ އިތުރުން އެންމެ މޮޅު ޑައިރެކްޓަރު، އެންމެ އޮރިޖިނަލް ސްކްރީންޕްލޭ އަދި ބެސްޓް ފޮރިން ފިލްމުގެ އެވޯޑު ވެސް ގެންދިޔައީ "ޕެރެސައިޓް" އެވެ.

"ޕެރެސައިޓް"އަށް އޮސްކާ ލިބުމާއެކު އެއީ "މިންސާރާ ކަންނާ"ގެ ވާހަކަ ކަމަށް ބުނެ ވިޖޭގެ ފޭނުންތައް ސޯޝަލް މީޑިއާގައި ވަރަށް އަޑުގަދަ ކުރި އެވެ. ނަމަވެސް ސޯޝަލް މީޑިއާގައި މި ވާހަކަ ގަބޫލުކުރި މީހުން މަދެވެ. އެންމެންވެސް މަލާމާތްކުރީ މި ވާހަކަތައް ދައްކާ އިންޑިޔާ މީހުންނަށެވެ. ނަމަވެސް ތަމަޅަ ފިލްމުގެ ޕްރޮޑިއުސަރު މިހާޜު މިވަނީ މިކަން ވަރަށް ސީރިއަސްކޮށް ނަގާފަ އެވެ.

މި ވާހަކަތައް ސޯޝަލް މީޑިއާގައި ވަރަށް ހޫނު ބަހުސަކަށް ވީތީ "މިންސާރާ ކަންނާ"ގެ ޑައިރެކްޓަރު ރަވީކުމާރު ހުރީ ވަރަށް އުފަލުންނެވެ. އޭނާގެ ފިލްމު މުޅި ދުނިޔޭގެ އެންމެނަށް މަޝްހޫރު ވެގެން ދިޔައިމަ އެވެ.
ޑައިރެކްޓަރު ބުނީ އޭނާގެ ފިލްމު އިންސްޕިރޭޝަނަކަށް ހަދައިގެން އުފެއްދި ފިލްމަކަށް "ޕެރެސައިޓް" ވިޔަސް އެ ފިލްމަށް އޮސްކާ ލިބުމުން ވަރަށް އުފާވި ކަމަށެވެ. ނަމަވެސް ކޯޓަށް ދިއުމާ ނުދިއުން އެއީ ޕްރޮޑީއުސަރުގެ ކަމެއް ކަމަށް ރަވީކުމާރު ބުންޏެވެ.

"މިންސާރާ ކަންނާ" ގައި ވިޖޭގެ އިތުރުން މޮނިކާ ކަސްޓެލާނޯ އާއި ރާމްބާ އަދި ޚުޝްބޫ ބައިވެރިވެފައި ވެއެވެ. މި ފިލްމުގައި ދައްކަނީ ކާސީ (ވިޖޭ) މުއްސަނދި އަންހެނެއްގެ ގެޔަށް އޭނާގެ ޑްރައިވަރެއްގެ ވަޒީފާއަށް ގޮސް ހުރެގެން އޭނާގެ އާއިލާގެ އެންމެން އެގޭގެ ވަޒީފާތަކަށް ގެންނަ ތަނެވެ. އޭނާ މި މަސައްކަތް ކުރުމުގެ މަގްސަދެއް އޮތެވެ. ކާސީ އާއެކު ވަޒީފާ އަދާކުރަނީ އޭނާގެ އާއިލާގެ ގާތް މީހުންނަށް ވިޔަސް ހުރިހާ މީހުންނަށް ވެސް ފިލްމު ނިމެންދެން ވެސް އުޅެން ޖެހެނީ އޭނާއަކީ ކާކުކަން ފޮރުވައިގެންނެވެ.

"ޕެރެސައިޓް" އާއި ތަމަޅަ ފިލްމުގައި ކުޑަކޮށް އެއްގޮތް ކަމެއް ހުއްޓަސް ހަގީގަތުގައި މި ދެ ފިލްމަކީ ވަރަށް ތަފާތު ދެ ފިލްމެއް ކަމަށާއި "ޕެރެސައިޓް" އާ އެއްގޮތަކަށް ވެސް އަޅާ ކިޔާލެވޭ ވަރުގެ ފެންވަރެއް ވެސް ތަމަޅަ ފިލްމުގައި ނެތްކަމަށް އިންޑިއާގެ ނޫސްތަކުން ބުނެފައި ވެއެވެ.