ހަބަރު

މެންބަރުންގެ އިތުބާރު ނެތްކަމުގެ ވޯޓަށް އުޝާމްގެ ތާއީދު

ދައުރުގެ މެދު ތެރެއިިން ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ އިތުބާރު ނެތް ކަމުގެ ވޯޓެއް ރައްޔިތުންނަށް ނެގޭ ގޮތަށް ބޭއްވުމަށް ތާއިދު ކުރައްވާކަން ހާމަ ކުރައްވައި ބިލް ހުށަހަޅުއްވަން ތައްޔާރަށް ހުންނެވި ކަމަށް ވިލިމާލެ ދާއިރާގެ މެންބަރު އަހުމަދު އުޝާމް ވިދާޅުވެއްޖެ އެވެ.

މެންބަރުންގެ އިތުބާރު ނެތް ކަމުގެ ވޯޓެއް ގާނޫނު އަސާސީގައި ހިމެނުމަށް މަޖިލީހުގެ މިދިޔަ އިންތިހާބުގައި ވެސް އެ އަޑުގަދަ އެވެ. މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ އާ ވާދަކުރައްވައި ގަލޮޅު އުތުރު ދާއިރާއިން ނާކާމިޔާބުވެ ވަޑައިގެންނެވި ގާނޫނީ ވަކީލް ހަމްޒާ ހަލީލަކީ އެ ވާހަކަ އެންމެ ގިނައިން ދެއްކެވި އެކަކެވެ.

އޭނާ އަނެއްކާވެސް ވަނީ އެ ވާހަކައާއެކު ނުކުންނަވާފަ އެވެ. އަދި އެކަމަށް ކެމްޕެއިން ވެސް ދަނީ ކުރައްވަމުންނެވެ. މަޖިލީހަށް އިންތިހާބުވެވަޑައިގަތުމަށް ފަހު، ދައުރުގެ މެދު ތެރެއިން މެންބަރުންގެ އިތުބާރު ނެތް ކަމުގެ ވޯޓެއް ނެގޭނެ ގޮތުގެ އުސޫލެއް އޮންނަން ޖެހޭނެ ކަމަށް އޭނާ ވިދާޅުވެ އެވެ. އޭގެ ބިލެއް އެކުލަވާލާނެ ކަމަށް ވެސް ވިދާޅުވި އެވެ.

ނަމަވެސް އެކަމަށް އެންމެ އެދެވޭ ތާއިދު އާންމުންނާއި މެންބަރުންގެ ފަރާތުން ވެސް ލިބެމުން ނުދާކަން އިއްޔެ ހަމްޒާ ޓްވިޓާގައި ފާހަގަ ކުރެއްވި އެވެ.

އެއާއެކު ވިލިމާލެ ދާއިރާއަށް ނިސްބަތްވާ މީހަކު ވަނީ އެ ދާއިރާގެ މެންބަރު އަހުމަދު އުޝާމްގެ ކިބައިން އެކަމަށް ތާއިދުކޮށް ދިނުމަށް އެދިފަ އެވެ. އެ މީހާއަށް ޖަވާބު ދެއްވަމުން ބަންޑާރަ ނައިބުގެ ނައިބުކަން ކުރައްވާފައިވާ އުޝާމް ވިދާޅުވީ މެންބަރުންގެ އިތުބާރު ނެތް ކަމުގެ ވޯޓެއް ނެގޭ ގޮތަށް އޮތުމަކީ އޭނާ ޔަގީނުން ވެސް ތާއިދު ކުރައްވާނެ ކަމަށެވެ.

"މިވަގުތު ހަމްޒާ ބަލަންވީ އެކަން އޭނާގެ މެންބަރު މެދުވެރިކޮށް މަޖިލީހަށް ވެއްދޭތޯ، އެކަން ކާމިޔާބު ނުވެ ހަމްޒާ އަހަރެންގެ އެހީ ބޭނުންވާނަމަ މިހުރީ ތައްޔާރަށް،" އުޝާމް ވިދާޅުވެފައިވެ އެވެ.

ކެމްޕެއިން ދުވަސްވަރު ބައެއް ބޭފުޅުން މިކަމަށް ތާއިދު ކުރައްވާނެ ކަމަށް ވިދާޅުވިޔަސް މަޖިލީހަށް ވަޑައިގެންނެވުމަށްފަހު މެންބަރުން އެ ވާހަކައެއް ނުދައްކަވަ އެވެ. ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަކީ ހަމައެކަނި މަގާމުން ވަކި ނުކުރެވޭ ގޮތަށް ތިބޭ ބޭފުޅުންނެވެ. ރައިސުލްޖުމްހޫރިއްޔާގެ އިތުބާރު ނެތް ކަމުގެ ވޯޓު ނެގެން އޮންނައިރު ވެސް މެންބަރުންނަށް އެފަދަ ކަމެއް ނޯވެ އެވެ.

ހަމްޒާ ޑްރާފްޓް ކުރައްވާފައިވާ ބިލުގައި ވަނީ ގާނޫނު އަސާސީގެ އެ މައްދާއަށް މެންބަރުން ވަކި ކުރެވޭނެ އިތުރު ގޮތެއް ބަޔާންކޮށްފަ އެވެ. ދައުރުގެ މެދު ތެރެއިން މެންބަރަކު ވަކި ކުރަން ބޭނުންވާނަމަ، އިންތިހާބު ކުރާ ދާއިރާގައި ވޯޓު ދިނުމުގެ ހައްގު ލިބިގެންވާ މީހުންގެ ތެރެއިން މަދުވެގެން ތިންބައިކުޅަ އެއްބައި މީހުން ސޮއި ކޮށްފައިވާ ލިޔުމެއް އިލެކްޝަންސް ކޮމިޝަން (އީސީ) އަށް ހުށަހެޅުމުން، އެ ލިޔުމެއް ހުށަހަޅާތާ 45 ދުވަހުގެ ތެރޭގައި އެ މެންބަރަކު ވަކި ކުރުމަށް ރުހޭތޯ ބަލަން އެ ދާއިރާގެ މީހުންގެ މެދުގައި އާންމު ވޯޓެއް ނަގަން ޖެހޭ ގޮތަށެވެ.