ހަބަރު

ސީޕްލޭން ޓާމިނަލް މައްސަލަ: އެމްއޭސީއެލް ކޮމިޓީއަށް ހާޒިރު ކުރަނީ

ވެލާނާ އިންޓަނޭޝަލް އެއާޕޯޓް (ވީއައިއޭ) ގައި މޯލްޑިވްސް އެއާޕޯޓް ކޮމްޕެނީ (އެމްއޭސީއެލް) އިން ބޮޑު ހޭދައެއް ކޮށްގެން ހަދާފައިވާ ސީޕްލޭން ޓާމިނަލް ކުއްޔަށް ދޫކުރުމުގެ މައްސަލައާ ގުޅިގެން އެ ކުންފުނީގެ އިސް ބޭފުޅުން ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީއަށް ހާޒިރު ކުރަން ނިންމައިފި އެވެ.

ޓީއެމްއޭ އިން ޓާމިނަލްގެ ބޮޑު ބައެއް ހޯދަން އުޅޭ މައްސަލާގައި އެމްއޭސީއެލްގެ ބޭފުޅުން މާލިއްޔަތު ކޮމިޓީއަށް ހާޒިރު ކުރާ ބައްދަލުވުން ތާވަލުކޮށްފައި ވަނީ މިއަދު ހަވީރު 4:00 އަށެވެ. އެ މައްސަލާގައި މަންޓާ އެއާ ވެސް މިއަދު ހެނދުނު 11:00 ގައި މާލިއްޔަތު ކޮމިޓީއަށް ވަނީ ހާޒިރުކޮށްފަ އެވެ.

އެމްއޭސީއެލް އިން 26 މިލިއަން ޑޮލަރު އިންވެސްޓް ކޮށްގެން ހަދާ ސީޕްލޭން ޓާމިނަލް އެއްކޮށް ދޭން އުޅޭ ކަމުގެ އަޑުތަކެއް ފެންމަތިވެފައި ވަނިކޮށް، ސަރުކާރުން ވަނީ ޓީއެމްއޭ އަށް ބިން ދޫކޮށްފައިވާ އަގަށް ކުރިއަށް އޮތް ދެ އަހަރަށް އާ ސީޕްލޭން ޓާމިނަލްގެ 5،000 އަކަމީޓަރު ބިމެއް ދޫކުރަން ނިންމާފަ އެވެ.

ސަރުކާރުން ސީޕްލޭން ޓާމިނަލްގެ 5،000 އަކަމީޓަރުގެ ބިމެއް ޓީއެމްއޭއަށް ދޭން ނިންމީ، އެ ޓާމިނަލްގެ ކޮންޓްރޯލް ޓީއެމްއޭއަށް ދޫކޮށްލަން އުޅޭ ކަމަށް ބުނާ އަޑުތަކާ ގުޅިގެން މަޖިލީހުގެ މާލިއްޔަތު ކޮމިޓީން އަންގައިގެން އޮޑިޓާ ޖެނެރަލް އެކުލަވާލި ހާއްސަ ރިޕޯޓަށް ރިއާޔަތްކޮށްގެންނެވެ.

އެ އޮޑިޓުގައިވާ ގޮތުން މާކެޓް އަގަށް ވުރެ ކުޑަކޮށް ޓީއެމްއޭއަށް ދީފިނަމަ، އަހަރަކު 41 މިލިއަން ޑޮލަރު (632 މިލިއަން ރުފިޔާ) ގެ އާމްދަނީއެއް އެމްއޭސީއެލް އަށް ގެއްލޭނެ އެވެ. ރިޕޯޓް ދެން ވަނީ ޓީއެމްއޭ އިން މިހާރު ހިންގާ ލައުންޖް ތަކަށް އާ ޓާމިނަލުން 5،382 އަކަމީޓަރުގެ ޖާގަ ދެވިދާނެ ކަމަށެވެ. މި އަދަދަށް ޖާގަ ދީފިނަމަ ދައުލަތަށް 33 މިލިއަން ޑޮލަރު (508 މިލިއަން ރުފިޔާ) ލިބޭނެ ކަމަށް އަންދާޒާކޮށްފައިވެ އެވެ.

ނަމަވެސް މާލިއްޔަތު ކޮމިޓީގައި ޓީއެމްއޭގެ ސީއީއޯ އެމްޔޫއެމް ފައުޒީ ވިދާޅުވީ އާ ސީޕްލޭން ޓާމިނަލުން 19،000 އަކަ މީޓަރުގެ ބިމުގެ ޖާގައެއް 15 އަހަރު ދުވަހުގެ މުއްދަތަށް އެ އެއާލައިނަށް އަކަފޫޓެއް 10.35 ޑޮލަރުގެ ރޭޓުން ދޭން އެމްއޭސީއެލް އިން އެއްބަސްވެފައިވާ ކަމަށެވެ. އެހެން ކަމުން އެގޮތަށް އަމަލުކޮށް ދިނުމަށެވެ.

އެހެނަސް، އޮޑިޓާ ޖެނެރަލް ހަސަން ޒިޔަތު ކޮމިޓީގައި ވިދާޅުވެފައި ވަނީ ޓީއެމްއޭ އިން އެ ބުނާ ސިޓީއަށް ބާރު ލިބޭ އެމްއޭސީއެލްގެ ބޯޑުގެ ނިންމުމެއް ވެސް އަދި ރިޒޮލިއުޝަނެއް ވެސް ނެތް ކަމަށެވެ. ޓީއެމްއޭ އިން ވެސް ބުނަނީ އެއްބަސްވުމެއް އޮތަސް އެ އެއްބަސްވުމުގައި އަދި މިހާތަނަށް ދެ ފަރާތުން ކުރެ އެއްވެސް ފަރާތަކުން ސޮއިކޮށްފައި ނުވާ ކަމަށެވެ.

ސީޕްލޭން ޓާމިނަލް ކުއްްޔަށް ދޫކުރުމުގައި ވަކި އޮޕަރޭޓަރަކަށް ނުވަތަ އޮޕަރޭޓަރުންތަކަކަށް ނާޖައިޒު ފައިދާ ހޯދައިދޭން މަސައްކަތް ކޮށްފައިވާ ކަމަށް ތުހުމަތު ކުރެވޭތީ އެ މައްސަލައިގެ ޖިނާއީ ތަހުގީގެއް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ވަނީ ފަށައިފަ އެވެ. އެ ކޮމިޝަނުން ވަނީ ސިއްރު ރިޕޯޓެއްގެ ގޮތުގައި އެ މައްސަލައިގެ ރިޕޯޓެއް ވެސް މަޖިލީހަށް ފޮނުވާފަ އެވެ.