މެންޗެސްޓާ ސިޓީ

ގާޑިއޯލާ ދަނީ އުނދަގޫ ތަހަންމަލު ކުރަމުން: އާޓެޓާ

ޔޫރަޕްގެ މުބާރާތްތަކުގައި ދެ އަހަރު ވަންދެން ވާދަ ނުކުރެވޭ ގޮތަށް، ޔޫއެފާއިން މެންޗެސްޓާ ސިޓީ އާ ދެކޮޅަށް އެޅި އަދަބުގެ ސަބަބުން އެ ޓީމާއި ކޯޗް ޕެޕް ގާޑިއޯލާ ދަނީ ވަރަށް އުނދަގޫ ހާލަތެއް ތަހަންމަލު ކުރަމުން ކަމަށް އާސެނަލްގެ ކޯޗް މިކަލް އާޓެޓާ ބުނެފި އެވެ.

ސިޓީގައި ގާޑީއޯލާގެ އެސިސްޓެންޓެއްގެ ގޮތުގައި ތިން އަހަރު ވަންދެން މަސައްކަތް ކުރުމަށް ފަހު، ޑިސެމްބަރު މަހު އާސެނަލްގެ ކޯޗް ކަމާ ހަވާލުވި އާޓެޓާ ބުނީ، ސިޓީއަށް ޔޫއެފާއިން އެޅީ ޓްރާންސްފާ ބޭންގެ ސަބަބުން އެ ޓީމުގެ ކުޅުންތެރިންނަށްވެސް އަސަރު ކުރާނެ ކަމަށެވެ. އާޓެޓާ ބުނީ އޭނާއަށްވެސް ލިބުނީ ހައިރާން ކަމެއް ކަމަށެވެ.

"ޕެޕް އާއި ގާތް ގުޅުމެއް އޮވެ. އަދި އެ ކުލަބުގައި މަސައްކަތް ކުރަން ތިބި މީހުންނާ ގާތް ގުޅުމެއް އޮތީމަ އަހަންނަށް ވަރަށް ރަނގަޅަށް އެނގޭ އެ ޓީމުގެ ހާލަތު،" ނިއުކާސަލްގެ މައްޗަށް 4-0 މޮޅުވި މެޗަށް ފަހު ވާހަކަ ދައްކަމުން އާޓެޓާ ބުންޏެވެ. "އަހަރެން އެމީހުންނާ މެދު ހަމްދަރުދީވަން ސަބަބަކީ އަހަންނަށް އެނގޭ އެމީހުން އެދަނީ ވަރަށް އުނދަގޫ ހާލަތެއް ތަހަންމަލް ކުރަމުން ކަން، އަހަރެންގެ އިހްތިރާމްއާއި ގަދަރު ޕެޕް އަށް އޮންނާނެ، އަހަންނަށް އެނގޭ އެމީހުން މަސައްކަތް ކުރާލެ ބުރަކަން، އަހަރެން އުންމީދު ކުރަނީ މިހާލަތުގެ ތެރެއިންވެސް އެޓީމުން ޕޮޒެޓިވް ކަންކަމެއް ފެންނާނެ ކަމަށް."

އާޓެޓާ ބުނީ އޭނާ އަބަދުވެސް އެދެނީ ސިޓީން ރަނގަޅު ކަންކަން ފެނުން ކަމަށާއި އެ ޓީމުގެ ކުޅުންތެރިން ކުރާ ބުރަ މަސައްކަތުން އެކަން ހައްގުވާ ކަމަށެވެ.

ނިއުކާސަލްއާ ދެކޮޅަށް ރޭ ކުޅުނު މެޗުގެ ހަތަރު ލަނޑުވެސް އާސެނަލް ކާމިޔާބު ކުރީ މެޗުގެ ދެ ވަނަ ހާފުގަ އެވެ. ފުރަތަމަ ލަނޑު 54 ވަނަ މިނެޓްގައި ކާމިޔާބު ކުރީ ޕިއާ އެމްރިކް އޮބާމެޔެންގް އެވެ. ދެ ވަނަ ލަނޑު 57 ވަނަ މިނެޓްގައި ޖެހީ ނިކޮލަސް ޕެޕޭ އެވެ. ތިން ވަނަ ލަނޑު މެސްޓް އޮޒިލް ކާމިޔާބު ކުރީ 90 ވަނަ މިނެޓްގަ އެވެ. ހަތަރު ވަނަ ލަނޑު 94 ވަނަ މިނެޓްގައި ކާމިޔާބު ކުރީ އެލެގްޒެންޑާ ލަކެޒެޓް އެވެ.