ޕެޕް ގާޑިއޯލާ

ހާލަތުގެ ގޮތުން ސިޓީއަށް ތައްޔާރު ނުވެވޭ: ގާޑިއޯލާ

ކޮވިޑް-19 އިގެ ހާލަތުގެ ސަބަބުން އެދެވޭ ގޮތުގައި މެންޗެސްޓާ ސިޓީއަށް ތައްޔާރު ނުވެވޭ ކަމަށް، އެ ޓީމުގެ ކޯޗް ޕެޕް ގާޑިއޯލާ ބުނެފި އެވެ.

ކޮރޯނާ ވައިރަސް އާ ގުޅިގެން ގާތްގަނޑަކަށް ތިން މަސް ދުވަހަށް ލީގް މެދުކަނޑަލާމުމަށް ފަހު ޕްރިމިއާ ލީގް މިއަދު ފަށާނެ އެވެ. މިއަދުގެ ދެ ވަނަ މެޗުގައި އިއްތިހާދު ސްޓޭޑިއަމްގައި ސިޓީ ނުކުންނާނީ އާސެނަލް އާ ދެކޮޅަށެވެ.

ގާޑިއޯލާ ބުނީ ނުކުޅެ ދިގު މުއްދަތެއް ދިޔައިރު ތައްޔާރުވާން ލިބުނު ވަގުތަކީ އެކަށީގެންވާ ވަގުތެއް ނޫން ކަމަށެވެ.

"އަހަރެމެންގެ ތައްޔާރީތައް ދިޔައީ ޖަރުމަނާއި ސްޕެއިންގައި ދިޔަ ހެނެއް ނޫން، އެ ގައުމުތަކުގައި ޓީމުތަކަށް ތައްޔާރު ވާން ފަހެއް ނުވަތަ ހަ ހަފުތާ ލިބުނު،" ގާޑިއޯލާ ބުންޏެވެ. "ޕްރިމިއާ ލީގްގެ ހުރިހާ ޓީމުތަކަށް މި ލިބުނީ ތިން ހަފުތާ، އަހަރެމެން އެންމެންނަށް ވެސް އެނގޭ އެއީ އެކަށީގެންވާ ވަގުތެއް ނޫން ކަން، ނަމަވެސް އެކަން އެގޮތަށް އެއޮތީ ހަމަޖެހިފަ."

އޭނާ ބުނީ މި ވަގުތު ޓީމުގެ ހާލަތު ކިހިނެއްހޭ އަހައިފިނަމަ އޭނާ ބުނަން އޮތީ ނޭނގޭ ކަމަށެވެ. ޓީމުގެ ހާލަތާ ބެހޭ ގޮތުން އެއްޗެއް ބުނަން އެނގޭނީ މިރޭ އާސެނަލްއާ ދެކޮޅަށް ކުޅޭ މެޗަށް ފަހުގައި ކަމަށެވެ.

"މެޗުގައި އެނގޭނެ ޓީމުގެ ހާލަތަކީ ކޮބައިކަން އެއަށް ފަހު އަހަރެން އަންގާނަން ރަނގަޅު ކުރަންޖެހޭ ކަންތައްތަކަކީ ކޮބައިކަން." ގާޑިއޯލާ ބުންޏެވެ.

ކޮރޯނާ ވައިރަސްގެ ހަލާތު ވޭތުވެގެން ދިޔައީ ގާޑިއޯލާއަށް ހިތްދަތި ދުވަސްވަރެއްގެ ގޮތުގަ އެވެ. އެ ބަލި ޖެހިގެން އޭނާގެ މަންމަ ޑޮލޯސް ވަނީ ދުނިޔެ ދޫކޮށްފަ އެވެ. އޭނާ ބުނީ ގެއްލިގެން ދިޔަ ކޮންމެ މީހަކީ ކޮންމެ އާއިލާއަކަށް ވެސް މުހިންމު މީހެއް ކަމަށެެވެ.

މިރޭގެ މެޗަކީ، އާސެނަލްގެ ކޯޗް ކަމާ މިދިޔަ ޑިސެމްބަރު މަހު، ސިޓީގެ ކުރީގެ އެސިސްޓެންޓް ކޯޗް މިކަލް އާޓޭޓާ ހަވާލުވި ފަހުން ސިޓީއާ ދެކޮޅަށް ނުކުންނަ ފުރަތަމަ މެޗެވެ. ގާޑިއޯލާގެ ކުރީގެ އެސިސްޓެންޓް ކޯޗަށް އޭނާ ވަނީ ހެޔޮ އެދުންތައް ފޮނުވާފަ އެވެ.

ސިޓީ އާއި އާސެނަލް ބައްދަލު ކުރާ މެޗު ފަށާނީ ރާއްޖޭގަޑިން ދަންވަރު 12:15 ގަ އެވެ. ފުރަތަމަ މެޗުގައި ނުކުންނާނީ އެސްޓަން ވިލާ އާއި ޝެފީލްޑް ޔުނައިޓަޑެވެ. އެ މެޗު ފަށީ މިރޭ 10:00 ޖަހާއިރު އެވެ.