ހަބަރު

މަތީ ތައުލީމަށް 550 ލޯނުގެ ފުރުސަތު ހުޅުވާލައިފި

ރާއްޖެ އާއި ރާއްޖޭން ބޭރުން މަތީ ތައުލީމާއި ތަމްރީނު ފުރުސަތު ހޯދުމަށް ހަޔާ އެޑިއުކޭޝަނުން ލޯން ސްކީމެއް ތައާރަފްކޮށް، އެއަށް ކުރިމަތިލުމުގެ ފުރުސަތު މިއަދު ހުޅުވާލައިފި އެވެ.

ހަޔާ އެޑިއުކޭޝަނުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ހަޔާ އެޑިއުކެޝަން މިނިސްޓަރު އިބްރާހިމް ހަސަން ވިދާޅުވީ ލޯން ސްކީމަށް ހުޅުވާލާފައި ވަނީ ރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ފަހަކުން 10 އަކަށް ހިމެނޭ ލޯނު ތަކާއި ލައިސަންސް ނުވަތަ ޕްރޮފެޝަނަލް ޕްރޮގްރާމްތަކުގެ 550 ލޯނަށް ކަމަށެވެ. އަދި މި ލޯނަށް މިނިސްޓްރީން ވަނީ 151 މިލިއަން ރުފިޔާ ކަނޑައަޅާފައިވާ ކަމަށް ވެސް ވިދާޅުވި އެވެ.

އިބްރާހިމް ހަސަން ވިދާޅުވީ މި ލޯނަށް، އަލަށް ކިޔަވަން ފަށާ ދަރިވަރުންނާއި ކިޔަވަމުން އަންނަ ދަރިވަރުންނަށް ވެސް ކުރިމަތިލެވޭނެ ކަމަށެވެ. އަދި ލޯނުގެ ފުރުސަތުތަކާއެކު އެ މިނިސްޓްރީން ލޯނުގެ ގޮތުގައި މާލީ އެހީ ދޭނެ ދަރިވަރުން ކަނޑައެޅުމުގައި ބަލާނެ މިންގަނޑުތަކާއި ލޯނު ދޭނެ ކަންކަމާއި ލޯނުގެ ބޭނުންހިފުމާއި ލޯނު އަނބުރާ ދެއްކުމާއި ލޯނު ބޭނުންކޮށްގެން ކިޔަވައި ނިންމާ ދަރިވަރުން ހިދުމަތްކުރުމުގެ އުސޫލުތައް ވެސް މިހާރު އާންމުކޮށްފައިވާ ކަމަށް ވިދާޅުވި އެވެ.

އެގޮތުން މީގެ ކުރިން ލޯނަށް އެދޭ ކުދިން ލިބިފައިވާ ސަނަދުތަކުގެ އަސްލާ އެއްގޮތްކަމަށް ތައްގަނޑުޖަހަންޖެހޭއިރު މިއަހަރު ލޯނަށް ކުރިމަތިލާ ދަރިވަރުން އެކަން ކުރަން ނުޖެހޭނެ ކަމަށާއި އޭގެ ބަދަލުގައި އޮންލައިންކޮށް ހުރިހާ ސެޓްފިކެޓްތަކާއި ލިޔެކިޔުންތައް ޕޯޓަލް މެދުވެރިކޮށް ހުށަހެޅޭނެ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

"މީގެ ކުރިން ހުށަހަޅާންޖެހޭނެ ތައުލީމީ ސެޓްފިކެޓްތައް އަސްލާ އެއްގޮތްކަމުގެ ތައްގަނޑު ޖަހާފަ. އެކަމަކު މިފަހަރު އަޅުގަނޑުމެން މީނީ އެކަން ފަސޭހަކޮށްލާފަ. ޕޯޓަލް މެދުވެރިކޮށް ހަމަ ނޯމަލް ސެޓްފިކެޓް ހުށަހެޅޭނެ. ލޯނަށް ހޮވިގެން ލިޔުންތަކާ ހަވާލުވާން އަންނަ އިރު ސެޓްފިކެޓްތަކުގެ އަސްލާ އަދި އަސްލާއެއްގިތް ކަމަށް ތައްގަނޑު ޖަހާފަ ހުންނަ ކޮޕީ ގެންނަން މިޖެހެނީ. އެހެންވީމަ އަތޮޅުތަކުން ލޯނަށް ކުރިމަތިލާ ދަރިވަރުންނަށްވެސް އަސްލާ އެއްގޮތް ކަމަށް ތައްގަނޑު ޖަހަން ތަންތަނަށް ދުވާކަށް ނުޖެހޭނެ." އޭނާ ވިދާޅުވި އެވެ.

އިބްރާހިމް ހަސަން ވިދާޅުވީ މި އަހަރުގެ ލޯން ސްކީމްގައި އާ ކެޓަގަރީ އެއް ރާއްޖޭގެ އެކި ސަރަހައްދުތަކަށް ދާއިރާތަކަށް ނިސްބަތްވާ ދަރިވަރުންނަށް ހާއްސަ ކުރެވިފައިވާނެ ކަމަށެވެ. އަދި ވިދާޅުވީ މި ކެޓެގަރީގެ ބޭނުމަކީ މިއަދުގެ ސަރުކާރުން ލާމަރުކަޒީ ނިޒާމަށް ދޭ އަހައްމިއްޔަތާއެކު ރާއްޖޭގެ އެކި ސަރަހައްދުތަކަށް ނިސްބަތްވާ ދަރިވަރުންނަށް ހަމަހަމަ އުސޫލެއްގެ ތެރެއިން މަތީ ތައުލީމަށް ފުރުސަތު ލިބި، އެ ސަރަހައްދެއްގެ ރަށްތަކުގައި ހިދުމަތްކުރާނެ މީހުން ބިނާކުރުން ކަމަށެވެ.

މީގެއިތުރުން އިބްރާހިމް ވިދާޅުވީ ލޯނު ދިނުމުގައި އެންމެ ބޮޑަށް މިފަހަރު އިސްކަން ދިނުމަށް ނިންމާފައި ވަނީ، މާލީ ފުދުންތެރިކަން ނެތް މީހުންނަށް ކަަމަށެވެ. އެގޮތުން ލޯނަށް އެދޭ ކުދިންގެ ތެރެއިން، ޝަރުތުހަމަވާ އެންމެ މާލީ ތަނަވަސްކަމެއް ނެތް ކުދިންނަށް ލޯނު ހަމަޖައްސައިދޭނެ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ލޯނަށް އެދޭތާ ފަސް ދުވަސް ތެރޭގައި އެއްވެސް ލިޔުމެއް ފުރިހަމަ ނުވާނަމަ އެކަން އެ ދަރިވަރަކަށް އަންގާނެ ކަމަށް ވެސް ވިދާޅުވި އެވެ.

މިއަހަރު މަތީތައުލީމަށް ލޯންތައް ދޫކުރާ ދާއިރާތައް:

  • ފުރަތަމަ ޑިގްރީއަށް 252 ފުރުސަތު
  • މާސްޓާސް އަށް 126 ފުރުސަތު
  • ޑިޕްލޮމާ ލެވެލް އަށް 45 ފުރުސަތު
  • ލައިސަންސް ޕްރޮގްރާމްތަކަށް 30 ފުރުސަތު
  • ޕީއެޗްޑީ އަށް 10 ފުރުސަތު
  • އިންތިހާބީ ދާއިރާގެ ރައްޔިތުންނަށް 87 ފުރުސަތު

މީގެ އިތރުން ވެސް ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ވަނީ ލައިސަންސްއިން ދާއިރާތަކަށް ޕައިލެޓް ކޯހުގެ އިތުރުން ވޯޓާ ސްޕޯޓްސް ލައިސަންސްތަކަށް ކިޔެވުމުގެ ފުރުސަތު ވެސް ހުޅުވާލާފަ އެވެ. އަދި ސަރުކާރުގެ އެކި ދާއިރާތަކުގެ މީހުން ބިނާ ކުރުމަށްވެސް ލޯނު ސްކީމަށް އެދުމުގެ ފުރުސަތު ވަނީ ހުޅުވާލާފަ އެވެ. އެގޮތުން ވޯޓާ އެންޑް ސްވަރޭޖް މެނޭޖްމަންޓް ދާއިރާ އާއި ސްވަރޭޖް މެނޭޖްމަންޓް ދާއިރާ އާއި ކްރިއޭޓިވް ޑިޒައިން އާއި އެގްރިކަލްޗާ އަދި ފިޝަރީޒް އެންޑް މެރިން ރިސޯސެސް ދާއިރާއިން ލޯނަށް އެދުމަށް ފުރުސަތު ވަނީ ހުޅުވާލާފަ އެވެ.

މަތީ ތައުލީމް ލޯނު ސްކީމްގެ މިއަހަރުގެ ފުރަތަމަ ބުރުގެ ލޯނަށް އެދުމުގެ ފުރުސަތު މިއަދުން ފެށިގެން އަންނަ މަހުގެ ނުވަ ވަނަ ދުވަހުގެ ނިޔަލަށް ވަނީ ހުޅުވާލާފަ އެވެ.