ހަބަރު

އަސްލާ އެއްގޮތް ތަތްގަނޑު ނުޖަހާ ލޯނަށް އެދެވޭނެ

ރާއްޖެ އާއި ރާއްޖޭން ބޭރުން މަތީ ތައުލީމާއި ތަމްރީނު ފުރުސަތު ހޯދުމަށް ހަޔާ އެޑިއުކޭޝަނުން ދޫކުރާ ލޯނު ސްކީމަށް އެދި ހުށަހަޅާއިރު އަސްލާ އެއްގޮތް ކަމަށް ތަތްގަނޑު ޖަހަން ނުޖެހޭނެ ކަމަށް އެ މިނިސްޓްރީން ބުނެފި އެވެ.

ލޯނު ސްކީމަށް އެދި ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާ ހަޔާ އެޑިއުކޭޝަން މިނިސްޓްރީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން މިނިސްޓަރު އިބްރާހިމް ހަސަން ވިދާޅުވީ މިދިޔަ އަހަރު ފުރަތަމަ ބުރުގެ ލޯނަށް އެދި ހުށަހެޅި ކުދިންތަކުގެ ތެރެއިން ވަރަށް ގިނަ އަދަދެއްގެ ކުދިންތަކެއްގެ ފޯމު ހުށަހަޅާފައިވަނީ އަސްލާ އެއްގޮތް ކަމުގެ ތަތްގަނޑު ނުޖަހާ ކަމަށާއި އެކަމުގެ ސަބަބުން ވަރަށް ގިނަ ދަރިވަރުންނަށް ލޯނު ނުލިބި ބޮޑެތި މައްސަލަތަކެއް ފެންމަތިވި ކަމަށެވެ.

އިބްރާހިމް ހަސަން ވިދާޅުވީ މިއަހަރު ލޯނަށް އެދުމުގެ ފުރުސަތު ހުޅުވާލި އިރު ދަރިވަރުންނަށް ވަރަށް ލުއިފަސޭހަ ގޮތްތަކެއް ހަމަޖައްސާފައިވާނޭ ކަމަށެވެ. އެގޮތުން ލޯނަށް އެދި ފޯމު ހުށަހަޅާއިރު އަސްލާ އެއްގޮތް ކަމުގެ ތަތްގަނޑު ޖަހާކަށް ނުޖެހޭނެ ކަމަށެވެ. އަދި ހުރިހާ ސެޓްފިކެޓެއް ޕޮޓަލް މެދުވެރިކޮށް ހުށަހެޅޭނެ ކަމަށްވެސް ވިދާޅުވި އެވެ.

އޭނާ ވިދާޅޫވީ މިގޮތަށް ލުއި ފަސޭހަ ކޮށްދިނީ ގިނަ ދަރިވަރުންނަށް ފަސޭހަ ގޮތަކަށް ލޯނަށް އެދުމުގެ ފުރުސަތު ހުޅުވާލުމަށް ކަމަށާއި މިގޮތަށް ކަންތައްކުރުމުން ރާއްޖޭގެ ކޮންމެ ހިސާބެއްގައި ހުންނަ ދަރިވަރަކަށްވެސް ފަސޭހަ ކަމާއެކު ލޯނަށް އެދި ހުށަހެޅެނެ ކަމަށެވެ. އަދި އަސްލާ އެއްގޮތް ކަމުގެ ތަތްގަނޑު ޖަހާފައިވާ ސެޓްފިކެޓްތަކާއި އަސްލު ސެޓްފިކެޓް ގެންނަން ޖެހޭނީ ލޯނު ޕްރޮސެސް ނިންމާ ލޯނު ދަރިވަރުންނަށް ލިބޭކަން އެންގުމުން ލޯނާ ހަވާލުވާން އަންނައިރު ކަމަށްވެސް ވިދާޅުވި އެވެ.

މަތީތައުލީމު ލޯން ސްކީމުގެ ފުރަތަމަ ބުރަށް އެދި ފޯމު ހުށަހަޅަން މިއަދުން ފެށިގެން ފުރުސަތު ހުޅުވާލާފައިވާއިރު މި ބުރުގައި ވަނީ 550 ލޯނަށް އެދުމުގެ ފުރުސަތު ހުޅުވާލާފަ އެވެ.