މާލޭގެ ރައްވެހިންނަށް ހާއްސަކޮށް 3000 ހައުސިން ޔުނިޓް އެޅުމުގެ މަސައްކަތް ކުރިއަށް އޮތް މަސް ދުވަހުގެ ތެރޭގައި ފެށޭނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެ އެވެ.
މާލޭގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީ ކުރުމުގެ މަޝްރޫއު ފެށުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ވިދާޅުވީ މާލޭގެ ރައްޔިތުންނަށްޓަކައި ކޮށްދޭންޖެހިފައި ހުރި މަސައްކަތް ބައިވަރު އެބަހުރި ކަމަށެވެ. އޭގެތެރެއިން އެންމެ މުހިއްމު ކަމަކީ، ބޯހިޔާވަހިކަން ފޯރުކޮށްދިނުން ކަމަށެވެ.
"އަޅުގަނޑުމެން ރިޔާސީ އިންތިހާބުގައި ވައުދުވީން، މާލޭގެ ރައްޔިތުންނަށް، ހަމަ ސީދާ މާލޭގެ ރައްޔިތުންނަށް އަމާޒުކޮށްގެން ހަތަރުހާސް ހައުސިން ޔުނިޓް އަޅައިދޭނެކަމަށް، މިއަދު އަޅުގަނޑުމެން ދިރާސާކޮށް ބަލާއިރުގައި، އެއަށްވުރެ އިތުރަށް ބޭނުންވޭ އެބަ، އެހެންކަމުން، އަޅުގަނޑުމެންގެ އެ ދިރާސާގެ އަލީގައި އެއަށް ބަދަލުގެނެސް، އަޅުގަނޑުމެން މިދަނީ މާލޭގެ ރަށްވެހިންނަށް އިތުރަށް ބޭނުންވާނޭ ބޯހިޔާވަހިކަމުގެ މަސައްކަތްވެސް ކުރުމުގެ މަސައްކަތް ފަށަމުން،" ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ ކުރިއަށް އޮތް މަސް ދުވަހުގެ ތެރޭގައި ފުރަތަމަ އަޅަން ގަސްދުކުރާ 1400 ހައުސިން ޔުނިޓާއި، 1300 ހައުސިން ޔުނިޓް، މުޅިއެކު ތިންހާސް ހައުސިން ޔުނިޓުގެ ބިންގާ އެޅުމުގެ މަސައްކަތް ފަށާނެ ކަމަށެވެ.
އޭގެއިތުރުން، އިތުރު 4000 ހައުސިން ޔުނިޓުގެ މަސައްކަތް މި އަހަރުގެ ތެރޭގައި ފަށާނެ ކަމަށާއި ކުރީގެ ސަރުކާރުތަކުން ވައުދުވެފައިވާ ގޮތަށް، ހިޔާ މަޝްރޫއަށް ކުރިމަތިލާފައި ތިބި ފަރާތްތަކާއި، ވެށިފަހި ޕްރޮގްރާމްގެ ދަށުން ބޯހިޔާވަހިކަން ދިނުމަށް އޭރުގެ ސަރުކާރުން ވައުދުވެ، އެއްބަސްވެފައިވާ ގޮތަށް، އެކަންތައްތައް ލަހެއްނުވެ ކޮށްދެއްވާނެ ކަމަށް ވެސް ރައީސް ސޯލިހު ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ މާލެއަށް ކުރަންހުރި ކަންތައްތަކުގެ ތެރޭގައި، އެންމެ މުހިއްމު އެއްކަމަކީ، މާލޭގެ ޕޯޓް، ގުޅިފަޅަށް ބަދަލުކުރުން ކަމަށެވެ. އެއާއެކީގައި، މުޅި މާލޭގެ މަލަމައްޗަށް ބޮޑު ބަދަލުތަކެއް އަންނަ ތަން ފެނިގެންދާނެ ކަމަށެވެ.
"އިރާދަކުރެއްވިއްޔާ، މިއަހަރުގެ ޖޫން މަހުގެ ކުރިން މާލޭގެ ބަނދަރު، ގުޅިފަޅަށް ބަދަލުކުރުމުގެ މަޝްރޫއާއި، މާލެއާއި ގުޅިފަޅާއި ތިލަފުށި ގުޅައިލުމުގެ ކަނެކްޓިވިޓީ ޕްރޮޖެކްޓްގެ އަމަލީ މަސައްކަތް، އިރާދަކުރެއްވިއްޔާ ފެށިގެންދާނެ،" ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ މާލެއަށް ލުޔެއް ލިބޭނީ، މިނޫން ގޮތެއް މާލެއަށް ހަދައިގެން ކަމަށެވެ. މިނޫން ތަނެއްގައި މީހުންނަށް އުޅެވޭނެ ގޮތެއް ހަދައިގެން ކަމަށެވެ. އެއީ ލާމަރުކަޒީ ނިޒާމުން ރާއްޖެ ތަރައްގީ ކުރުން ކަމަށެވެ. އެކަން ކުރައްވާނެ ކަމަށް ރައީސް ވިދާޅުވި އެވެ.