ޑރ. މުހައްމަދު ޖަމީލް އަހުމަދު

ޖަމީލް، ޖޭޕީން ވަކިވެ ވަޑައިގެންފި

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ ޕޮލިޓިކަލް އެޑްވައިޒަރެއްގެ ގޮތުގައި ހުންނެވި ކުރީގެ ނާއިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު އެ ޕާޓީން ވަކިވެވަޑައިގެންފި އެވެ.

ޖަމީލް ޖުމްހޫރީ ޕާޓީން ވަކިވެވަޑައިގެންފައި ވަނީ އިއްޔެ އެވެ.

އަވަސްއާ ވާހަކަ ދައްކަވަމުން ޖަމީލް ވިދާޅުވީ ޖޭޕީން ވަކިވީ މިވަގުތު އެ ޕާޓީގައި އޭނާގެ ވިސްނުމާ އެއްގޮތަށް ކުރިއަށް ދިއުމުގެ ފުރުސަތު ވަރަށް ހަނި ކަމަށް ގަބޫލު ކުރެވޭތީ ކަމަށެވެ.

"މިވަގުތު އެންމެ ރަނގަޅަކީ ޖޭޕީއާ ދުރަށް ޖެހިލުން ކަމަށް ފެންނާތީ މި ނިންމުން ނިންމީ،" ޖަމީލު ވިދާޅުވި އެވެ.

ޖުމްހޫރީ ޕާޓީން ޖަމީލް ވަކިވެވަޑައިގެންފައިވާއިރު ރައީސް އަބްދުﷲ ޔާމީންގެ ގާނޫނީ ޓީމުގައި އެންމެ އިސްކޮށް ހަރަކާތްތެރިވެ ވަޑައިގަންނަވަނީ ވެސް އެމަނިކުފާނެވެ. އަދި ރައީސް ޔާމީން ޖަލަށް ލެއްވުމުގެ ކުރިން އަތޮޅުތަކަށް ކުރެއްވި ބައެއް ދަތުރުތަކުގައި ވެސް ޖަމީލް ބައިވެރިވެވަޑައިގެންނެވި އެވެ.

އެކަމާ ގުޅިގެން ޖަމީލް މަގާމުން ވަކިކޮށް، މައްސަލަ ބެލުމަށް ޖޭޕީގެ ބައެއް ކައުންސިލް މެންބަރުން ގޮވާލި އެވެ. ނަމަވެސް އެކަމާ ގުޅޭގޮތުން ގާސިމް ވަކި އެއްޗެއް އޭރު ވިދާޅެއް ނުވެއެވެ.

މީގެ ކުރިން ގާސިމްގެ ޕޮލިޓިކަލް އެޑްވައިޒަރެއްގެ ގޮތުގައި ހުންނެވި ކުރީގެ ޑިފެން މިނިސްޓަރު އަދި މަޖިލީސް މެންބަރު މުހައްމަދު ނާޒިމް ވެސް ވަނީ އެ މަގާމުން އިސްތިއުފާ ދެއްވާފަ އެވެ.

ކުރިން ރައީސް ޔާމީން އަރިހުގައި މަސައްކަތްކުރެއްވި ގިނަ ބޭފުޅުންތަކެއް ޖުމްހޫރީ ޕާޓީއާއި ގުޅިވަޑައިގަތުމުން އެ ޕާޓީގައި ކުރިން އިސްކޮށް ތިއްބެވި ގިނަ ބޭފުޅުން ވަނީ ޕާޓީއާ ފެޔަށް ވަޑައިގެންފަ އެވެ.