ހަބަރު

ޔާމީނާއެކު ޖަމީލް ވަޑައިގަތުމުން ޖޭޕީ ހިތްހަމަނުޖެހިއްޖެ

ކުރީގެ ރައީސް އަދި އިދިކޮޅު ލީޑަރު، އަބްދުﷲ ޔާމީން އަބްދުލްގައްޔޫމާއި އެ މަނިކުފާނުގެ އެންމެ ފުރަތަމަ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލު އަހުމަދު އެކުގައި ކެމްޕޭން ކުރައްވާ ތާއީދު ހޯއްދެވުމަށް އދ. އަތޮޅުގެ ބައެއް ރަށްރަށަށް ކުރައްވާ ދަތުރުފުޅެއްގައި ފުރާވަޑައިގަތުމުން، ޖަމީލް ނިސްބަތްވާ ޖުމްހޫރީ ޕާޓީން ކަންބޮޑުވުން ފާޅުކޮށްފި އެވެ.

އިދިކޮޅު ޕީޕީއެމް / ކޮންގްރެސްގެ ދަތުރެއްގައި ޖަމީލް ބައިވެރިވެވަޑައިގަތުމާއި ގުޅިގެން ޖުމްހޫރީ ޕާޓީގެ ތަރުޖަމާނު ވިދާޅުވީ ޖަމީލަކީ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ އެޑްވައިޒަރު ކަމަށެވެ. ނަމަވެސް އިދިކޮޅު ދެ ޕާޓީ އާއި އިދިކޮޅު ލީޑަރު، ކުރީގެ ރައީސް ޔާމީނާއެކު ޖަމީލް ފެއްޓެވި ދަތުރަކީ އެ ޕާޓީއަށް އެނގިގެން ކުރާ ދަތުރެއް ނޫން ކަމަށެވެ.

ޖަމީލްގެ އެ އަމަލަކީ ޖުމްހޫރީ ޕާޓީގެ ސުލޫކާ ޚިލާފު އަމަލެއް ކަމަށް ވެސް އޭނާ ވިދާޅު ވިއެވެ.

އޭނާ ވިދާޅުވީ ޖަމީލްގެ މައްސަލައާއި ގުޅިގެން އެޕާޓީގެ ކައުންސިލްގައި ހިމެނޭ ވަރަށް ގިނަ މެންބަރުން ހިތްހަމަނުޖެހުން ފާޅު ކުރަމުން ގެންދާ ކަމަށެވެ. އަދި ޖަމީލާމެދު ފިޔަވަޅު އަޅައިދިނުމަށް ވެސް އެދެމުންދާ ކަމަށެވެ.

ޖަމީލާ މެދު ޖުމްހޫރީ ޕާޓީން އަދި އެއްވެސް ފިޔަވަޅެއް އަޅާފައިނުވާ ނަމަވެސް، ސުލޫކީ މައްސަލަ ހުށައެޅުމުގެ ފުރުސަތު މެންބަރުންނަށް އޮންނާނެ ކަަމަށާއި އަދި އެފަދަ މައްސަލަތައް ހަމަޖެހިފައިވާ އުސޫލުން ބަލާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ޖަމީލް، ރައީސް ޔާމީނާއެކު ކެންޕޭން ދަތުރުފުޅެއް މިއަދު ފެއްޓެވީ ގިނަ ދުވަސްތަކަކަށްފަހު ދެ ބޭފުޅުންގެ ގުޅުން އަލުން ބަދަހިވެފައި ވަނިކޮށެވެ.

ކުރީން 2013 ވަނަ އަހަރު ރައީސް ޔާމީން ވެރިކަމަށް ގެނައުމަށް ޖަމީލުވަނީ ވަރަށް ބުރަކޮށް މަސައްކަތް ކުރައްވާފަ އެވެ. ޔާމީންގެ ރަނިންމޭޓަކަށް ހުންނަވާ ޖަމީލް ވަނީ ރާއްޖޭގެ ހުރިހާ ރަށަކަށް ވަޑައިގެން ވަރުގަދަ ކެންޕޭނެއް ވެސް ކުރައްވާފަ އެވެ. ނަމަވެސް ވެރި ކަމަށް އަހަރު ދުވަސް ވުމަށްފަހު ޖަމީލާއި ރައީސް ޔާމީންގެ ގުޅުން ގޯސްވެ އެންމެ ފަހުން އިތުބާރު ނެތްކަމުގެ ވޯޓެއް ނަގާ މަގާމުން ދުރުކުރީ އެވެ. އޭގެ ފަހުން ރާއްޖެއިން ބޭރުގައި ހުންނަވައިގެން ޖަމީލް ވަނީ މިހާރު އޮތް ސަރުކާރު ގެނައުމަށް ގިނަ މަސައްކަތްތަކެއް ކުރައްވާފަ އެވެ.

ޖަމީލް މިއަދު ވިދާޅުވީ ބަދަލަކަށް ގެނައި ބަދަލުން ރައްޔިތުންނަށް ގޮތް ހުސްވެއްޖެ ކަމަށެވެ.

ޖަމީލަކީ ސަރުކާރު ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީއަށް ނިސްބަތްވާ މެންބަރަކަށްވާއިރު މިހާރު ހުންނެވީ ރައީސް ޔާމީނާއެކު ޕީޕީއެމްގައިތޯ ސުވާލު ދެންނެވުމުން ޖަމީލް ވިދާޅުވީ "އަޅުގަނޑު މިހުރީ ހަމަ، ތި ބޭފުޅުންނަށް ފެނިވަޑައިގަންނަވާ ނޫންތޯ؟" އެހެނެވެ.

ޖަމީލް މައްސަލާގައި ޖޭޕީ ކަންބޮޑުވި އިރު ޕީޕީއެމާއި ކޮންގްރެސްގެ އިސް ލީޑަރުންގެ ގޮތުގައި މަސައްކަތް ކުރެއްވި ގިނަ ބަޔަކު މީގެ ހަފުތާއެއްހާ ދުވަސް ކުރިން ވަނީ ޖޭޕީއަށް ބަދަލުވެފަ އެވެ.