ޖުމްހޫރީ ޕާޓީ

ރާއްޖޭގައި އޮތީ ދެ ޕާޓީއެއް ނޫން: ޖޭޕީ

ރާއްޖޭގައި އޮތީ އެންމެ ދެ ސިޔާސީ ޕާޓީ ނޫން ކަމަށާ އެކަން ވަގުތު ޖެހުމުން ރަނގަޅަށް އެނގިގެން ދާނެ ކަމަށް ޖުމްހޫރީ ޕާޓީގެ ޑެޕިއުޓީ ލީޑަރު އަމީން އިބްރާހިމް ވިދާޅު ވެއްޖެ އެވެ.

މި ސަރުކާރުގެ ކޯލިޝަންގައި ހިމެނޭ ލީޑަރުން ހިމެނޭ ފޮޓޯއަކާއި، ޖަރުމަންގައި ބޭއްވި ރަސްމިއްޔާތެއްގައި ކުރީގެ ނައިބު ރައީސް ޑރ. ޖަމީލް ޖުމްހޫރީ ޕާޓީއަށް ސޮއި ކުރެއްވި ރޭ ނަގާފައިވާ ފޮޓޯއަކާއެކު އަމީން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރާއްޖޭގައި އޮތީ ހަމައެކަނި ދެ ޕާޓީ ނޫން ކަމާއި އެންމެން ތަބާވަނީ ވެސް އެ ދެ ޕާޓީގެ ފިކުރަށް އެކަނި ނޫންކަން ތާރީހު ބުނެދޭ ކަމަށެވެ. އަދި ވަގުތު ޖެހުމުން އެކަން ވަރަށް ރަނގަޅަށް އެނގިގެންދާނެ ކަމަށް ވެސް އަމީން ވިދާޅުވެފައި ވެއެވެ.

އަމީން މިހެން ވިދާޅުވެފައި މިވަނީ ޖޭޕީގައި ހުންނެވުމަށް ފަހު ޖަމީލް ޕީޕީއެމާ ގުޅިވަޑައިގެންފައި ވަނިކޮށެވެ. ޖަމީލް ވަނީ ޕީޕީއެމަކީ ރައްޔިތުންނަށް އޮތް ހަމައެކަނި "ޗޮއިސް" ކަމުގައި ވިދާޅުވެފަ އެވެ.

ޖަމީލް، ޕީޕީއެމާއި ގުޅިވަޑައިގަތުމުން އެ ޕާޓީގެ އިސް ބޭފުޅުން ގެންދަވަނީ ޖަމީލަށް ވަރަށް ބޮޑަށް ތައުރީފު ކުރައްވަމުންނެވެ. އަދި ޖަމީލަކީ "ކިންގް މޭކާ" އެއް ކަމަށް ސިފަ ކޮށްފައި ވެސް ވެއެވެ.

އެކަމަށް ވެސް ޖުމްހޫރީ ޕާޓީގެ އިސް ބޭފުޅުން ވަނީ ފާޑުވިދާޅުވެފައި ވެއެވެ. ޖުމްހޫރީ ޕާޓީގެ ނާއިބު ރައީސް އަހުމަދު ސައުދު ވިދާޅުވީ މަލްޓިޕާޓީ ޑިމޮކްރަސީ ފެށިގެން އައި ހިސާބުން ފެށިގެން ކޮންމެ ރިޔާސީ އިންތިހާބެއްގައި ވެސް ކެންޑިޑޭޓުން ބެލީ ޖޭޕީގެ ލީޑަރު ގާސިމް އިބްރާހިމްގެ ތާއީދު ލިބޭނެ ގޮތެއް ކަމަށެވެ. އަދި ކޮންމެ ބޭފުޅަކު ވެސް ރައީސް ކަމުގެ މަގާމަށް ވަޑަައިގަންނަވަނީ ގާސިމްގެ ހިއްސާ ވަރަށް ބޮޑަށް އޮވެގެން ކަމަށެވެ.

"މާޒީ ހަނދާން ނެތުނީތޯ؟ މަލްޓިޕާޓީ ޑިމޮކްރަސީ ފެށުނު ހިސާބުން ވެސް ކޮންމެ ރިޔާސީ ކެންޑިޑޭޓެއް ވެސް ބެލީ ގާސިމް އިބްރާހިމްގެ ތާއީދު ލިބޭތޯ، އަދި ކޮންމެ ބޭފުޅަކު ރައީސުލްޖުމްހޫރިއްޔާ ކަމަށް ހޮވުނީ ގާސިމްގެ ވަރަށް ބޮޑު ހިއްސާއެއް އޮވެގެންކަން ހަނދާންނެތުނީތޯ؟" ސައުދު ސުވާލު ކުރައްވާފައި ވެއެވެ.

ދެހާސް އަށް ވަނަ އަހަރުގެ ރިޔާސީ އިންތިހާބާއި 2013 ގެ ރިޔާސީ އިންތިހާބު އަދި 2018 އިގެ އިންތިހާބު ވެސް ކާމިޔާބު ކުރުމުގައި ޖުމްހޫރީ ޕާޓީ އާއި ގާސިމްގެ ދައުރު ވަރަށް ބޮޑެވެ.

ރިޔާސީ އިންތިހާބުތަކުގެ ތެރެއިން 2008 އާއި 2013 ގެ އިންތިހާބުގައި ގާސިމް ވަނީ ވާދަވެސް ކުރައްވާފަ އެވެ. ނަމަވެސް ދެވަނަ ބުރަށް ވަޑައިގެންނެވޭ މިންވަރަށް ވޯޓް ލިބިވަޑައިގެންފައެއް ނުވެއެވެ. އެ ދެ ފަހަރުވެސް އެންމެ ގިނަ ވޯޓް ލިބިވަޑައިގެން ދެ ކެންޑިޑޭޓުން ވަނީ ގާސިމްގެ ތާއީދު ހޯދަން މަސައްކަތް ކުރައްވާފަ އެވެ. ގާސިމްގެ ތާއީދާއެކު ވެރިކަމަށް ވަޑައިގެން ކޮންމެ ބޭފުޅަކު ވެސް ވަނީ ގާސިމަކީ "ކިންގް މޭކާ" އެއްގެ ގޮތުގައި ސިފަ ކުރައްވާފަ އެވެ.