ހަބަރު

އޯޑިއޯގައި ޖިނާއީ ކުށުގެ އަމަލެއް ހިމެނޭތީ ތަހުގީގު ކުރަނީ

ލީކް ކޮށްލާފައިވާ އޯޑިއޯތަކުގެ ތެރެއިން ޖިނާއީ ކުށުގެ އަމަލެއް ހިމެނޭ އޯޑިއޯ އެއްގެ މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ބުނެފި އެވެ.

ޓުއަރިޒަމް މިނިސްޓަރު އަލީ ވަހީދު އާއި ޔޫތް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަދި މަޝްހޫރު ފުޓުބޯޅަ ކުޅުންތެރިއާ އަސްއަދު އަލީ (އަޑުބަރޭ) އާއި އިތުރު ބަޔަކު ވާހަކަތަކެއް ދައްކާ ކަމަށް ބުނާ އޯޑިއޯތަކެއް ބައިބައިޔަށް ޓުވިޓާގައި ބަޔަކު ވަނީ ލީކް ކޮށްލާފަ އެވެ.

ފުލުހުން ބުނީ މި އޯޑިއޯތަކާއި ގުޅިގެން މިހާތަނަށް އެއްވެސް ފަރާތަކުން ފުލުހުންނަށް މައްސަލަ އެއް ހުށަހަޅާފައިނުވާ ކަމަށެވެ. ނަމަވެސް އެ އޯޑިއޯ ތަކުގެ ތެރޭގައި ޖިނާއީ ކުށުގެ އަމަލެއް ހިމެނޭ ފަދަ އޯޑިއޯ އެއް ހިމެނޭކަން ފާހަގަ ކުރެވޭތީ އެ މައްސަލަ ކަމާބެހޭ ފަރާތްތަކާއި ގުޅިގެން ބަލަމުންދާ އަންނަ ކަމަށެވެ.

އެޕިސޯޑު އެޕިސޯޑަށް ލީކުކޮށްލި މި އޮޑިއޯތަކުގައި ސަރުކާރަށާއި މިނިސްޓަރުންނަށް ވަރަށް ބޮޑަށް ފާޑު ކިޔާފައި ވެއެވެ. އަދި ޓްރާންސްޕޯޓު މިނިސްޓަރު އައިޝަތު ނަހުލާއާ ގުޅޭގޮތުން ވާހަކަ ދައްކާ އެކަމަނާއަށް ޖިންސީ ފުރައްސާރަކޮށް "ފްލާޓް" ވެސް ކޮށްފައި ވެއެވެ.

މި އޯޑިއޯއަކީ މި މަހުގެ 13 ވަނަ ދުވަހު އަލީ ވަހީދާ، އޭނާގެ އެކުވެރިންތަކެއްގެ މެދުގައި ދެކެވެނު ވާހަކަތަކެއް ކަމަށް ބުނެ ވެއެވެ. އޯޑިއޯގައި އަޑުބަރޭގެ އަޑު ވެސް އިވޭ ކަމަށްވެ އެވެ. އަޑުބަރޭއަކީ އަލީ ވަހީދުގެ ގާތް އެކުވެރިއެކެވެ.

މި އޯޑިއޯ ތަކަކީ ސައްހަނޫން އޯޑިއޯ ތަކެއް ކަމަށާއި އޭނާގެ މައްޗަށް ތަހްގީގު ކުރުމަށް އަލީ ވަހީދު ވަނީ ސަރުކާރުގެ ކަމާގުޅޭ އިދާރާތަކަށް ވަނީ ގޮވާލާފަ އެވެ.