އެމްއާރުއެމް

އަލީ ވަހީދުގެ ދައުވާތައް ނެގުމަކީ ޖިންސީ ގޯނާކުރުމަށް ދިން ހިތްވަރެއް: އެމްއާރްއެމް

ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދުގެ މައްޗަށް ދައުލަތުން އުފުލި ޖިންސީ ގޯނާއާ ގުޅޭ ދައުވާތައް ކުރިއަށް ނުގެންދަން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ނިންމުމާމެދު ކަންބޮޑުވުންފާޅުކޮށް އެއީ އެފަދަ އަމަލުތައް ކުރާ މީހުންނަށް ލިބުނު ހިތްވަރެއް ކަމަށް މޯލްޑިވްސް ރީފޯމް މޫވްމަންޓް (އެމްއާރްއެމް) އިން ބުނެފި އެވެ.

އަލީ ވަހީދުގެ މައްސަލަތައް ސާބިތުކުރަން ހުށަހަޅާފައިވާ ހެކިތަކުން އެ މައްސަލަތައް މިހާރު ސާބިތުވާނެ ކަމަށް ގަބޫލުނުކުރެވޭތީ އެ މައްސަލަތައް ކުރިއަށް ނުގެންދަން ޕީޖީ އޮފީހުން ނިންމުމާއި ގުޅިގެން އެމްއާރްއެމް އިން ނެރުނު ބަޔާނެއްގައި ވަނީ އަނިޔާ ލިބުނު މީހުންނަށް އިންސާފު ލިބުމުގެ ފުރުސަތު ގެއްލިފައިވާތީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.

މި މައްސަލަ ކުރިއަށް ނުގެންދެވުމަކީ ޖިންސީ ގޯނާ އާއި ރޭޕް ފަދަ ބޮޑެތި ކުށްތައް މަދުކޮށް ހުއްޓުވުމުގައި ކުރާ މަސައްކަތަށް ލިބުނު ވަރަށް ބޮޑު ދެރައެއް ކަމަށް އެމްއާރްއެމް އިން ވަނީ ބުނެފަ އެވެ.

"އެފަދަ އަމަލުތަކުގެ ވިކްޓިމުންނަށް ލިބޭ އިތުރު ނިކަމެތި ކަމެކަމަކާއި، އެފަދަ އަމަލުތައްކުރާ މީހުންނަށް ލިބުނު އިތުރު ހިތްވަރެއް ކަމުގައި ވެސް ދެކެން،" އެމްއާރްއެމްގެ ބަޔާނުގައި ބުނެފައިވެ އެވެ.

ޖިންސީ ގޯނާގެ މައްސަލަތަކުގައި ހެކިންނަށް ބިރު ދެއްކުމުގެ ސަބަބުން ދައުވާ ކުރަން ބޭނުންނުވެ މައްސަލަތައް އަނބުރާ ގެންގޮސްފައިވާ ކަމަށާއި މި މައްސަލާގައިވެސް އެގޮތަށް ކަންހިނގާފައިވުން އެކަށީގެންވާ ކަމަށް އެމްއާރްއެމް އިން ވަނީ ބުނެފަ އެވެ.

އެމްއާރްއެމް އިން ބުނީ ޖިންސީ ފުރައްސާރަ ކުރުމާއި ޖިންސީ އަނިޔާ ކުރުމާއި ގެވެށި އަނިޔާ ފަދަ ކުށުގެ މައްސަލަތައް ނުބެލި ޝަރީޢަތުގެ މަރުހަލާ ދިގުލައިގެން ދިއުމަކީ އަނިޔާ ލިބޭ މީހުންނާއި ހެކިބަސް ދޭ މީހުންނަށް ވަރަށް ބޮޑަށް ފިއްތުންތައް ކުރިމަތިވެ މާޔޫސްވެގެން މައްސަލަ އިތުރަށް ކުރިޔަށް ގެންދިއުމުގެ ހިތްވަރު އެލިގެންދާ ކަމެއް ކަމަށެވެ.

"އެންމެފަހުން ގޮތްހުސްވެގެން މައްސަލަ އަނބުރާ ގެންދަނީ. އިންސާފު ހޯދުމަށްކުރާ މަސައްކަތުގައި ޝަރީޢަތުގެ މަރުޙަލާ ދިގުދެމިގެން ދިއުމަކީ އިންސާފު ނުލިބުން ފަދަ ކަމެއް،" އެމްއާރްއެމް އިން ބުނެފައިވެ އެވެ.

އަލީ ވަހީދުގެ މައްޗަށް އުފުލާފައިވާ މައްސަލަތައް ދައުލައުން އަނބުރާ ގެންދިޔައީ މިމަހުގެ ހަ ވަނަ ދުވަހު އެވެ.

އަލީ ވަހީދަށް އުފުލާފައިވާ ދައުވާތައް

  • ޖިންސީ އަނިޔާކުރުމުގެ ކުށުގެ ދައުވާ
  • ރޭޕް ކުރަން އުޅުމުގެ ކުށުގެ ދައުވާ
  • ބޭއަދަބީ ގޮތުގައި ޖިންސީ ގުނަވަން ހާމަ ކުރުމުގެ ކުށުގެ ދައުވާ
  • ޖިންސީ ގޯނާ ކުރުމުގެ ކުށުގެ ދައުވާ
  • ޖިންސީ ގޯނާ ކުރަން އުޅުމުގެ ކުށުގެ ދައުވާ
  • ހުއްދަ ނޫން ޖިންސީ މުއާމަލާތެއް ހިންގުމަށް އެދުމުގެ ދެ ދައުވާ

އަލީ ވަހީދުގެ މައްސަލަތައް ކުރިއަށް ނުގެންދަން ޕީޖީ ނިންމެވީ އޭނާގެ މައްޗަށް ދައުވާކޮށްފައި ވަނިކޮށް ރާއްޖެއިން ބޭރަށް ވަޑައިގެންނެވި ގޮތަށް އަނބުރާ ވަޑައިނުގަތުމުން ކޯޓުން އެ މައްސަލަތައް ސެޕްޓެމްބަރު 22، 2022 ގައި އަނބުރާ ޕީޖީ އޮފީހަށް ފޮނުވާލުމުންނެވެ. ކޯޓުން މައްސަލަތައް ފޮނުވާލުމާއެކު ޕީޖީ އޮފީހުން ވަނީ އަލީ ވަހީދު ރާއްޖެ ވަޑައިގަތުމުން އެ މައްސަލަތައް އަލުން ކޯޓަށް ހުށަހެޅުމަށް ކަމަށް ބުނެ މައްސަލަ އޮކްޓޫބަރު 2، 2022 ގައި ޕޮލިހަށް ފޮނުވާލާފަ އެވެ.

ޕީޖީ އޮފީހުން ނެރުނު ބަޔާނެއްގައި ފުލުހުންނާ ހަވާލާދީ ބުނެފައިވަނީ އަލީ ވަހީދާ ދެކޮޅަށް ކުރިން ތަހުގީގަށް ބަޔާން ދިން މީހުންނާއި އޭނާއާ ދެކޮޅަށް ހެކިބަސް ދޭން ތިބި މީހުން އެ މައްސަލަތައް ކުރިއަށް ގެންދަން ބޭނުން ނުވާ ކަމަށް ފުލުހުންނަށް ލިޔުމުން އަންގާފައިވާ ކަމަށެވެ.

އެހެންވެ އަލީ ވަހީދުގެ މައްސަލަތައް ކުރިއަށް ނުގެންދަން ނިންމީ އެ މައްސަލަތައް އަލުން މުރަޖައާކުރުމަށްފަހު ކަމަށްވެސް ބަޔާނުގައިވެ އެވެ. އަލީ ވަހީދުގެ މައްސަލަތަކުގައި މައިގަނޑު ހެއްކަކީ އަނިޔާ ލިބުނު މީހުންނާއި ހެކިންގެ ހެކި ބަސް ކަމަށާއި އެ ހެކި ބަހާ ނުލައި މައްސަލަ ކުރިއަށް ނުގެންދެވޭނެ ކަމަށްވެސް ފާހަގަކޮށްފައިވެ އެވެ.