ބޮލީވުޑް

އަނަންޔާއަށް ފިލްމްފެއާ އެވޯޑު ލިބުމުން ޗަންކީއަށް ރޮވިއްޖެ

އަލަށް ވިދަމުން އަންނަ ޒުވާން ބަތަލާ އަނަންޔާ ޕާންޑޭއަކީ ތަންކޮޅެއް ކުރީގެ ހިންދީ ފިލްމުތަކުން ވަރަށް ގިނަ ބަޔެއްގެ މަގްބޫލުކަން ހޯދާފައިވާ ޗަންކީ ޕާންޑޭގެ ދޮށީ ދަރިފުޅެވެ. މިދިޔަ ހަފުތާގައި ބޭއްވި މިއަހަރުގެ ފިލްމްފެއާ އެވޯޑު ދިނުމުގެ ހަފުލާގައި އަނަންޔާއަށް ވަނީ ބެސްޓް ޑެބި އެވޯޑު ނުވަތަ އަލަށް ތައާރަފްވީ އެންމެ މޮޅު ބަތަލާގެ އެވޯޑު ލިބިފަ އެވެ.

މިމަހުގެ 15 ވަނަ ދުވަހުގެ ރޭ އޮތް މި ރަސްމިއްޔާތުގައި އަނަންޔާ އާއެކު އޭނާގެ ބައްޕަ ޗަންކީ އަށް ބައިވެރިވޭ ގޮތް ނުވި ނަމަވެސް އަނަންޔާ އެވޯޑާ ލިބުމުން އުފަލުން ގޮސް ޗަންކީއަށް ރޮވުނެވެ.

ޗަންކީ އަށް މިހާ ބޮޑަށް އަސަރު ކުރީ އޭނާގެ 34 އަހަރަށް ވުރެ ދިގު ފިލްމީ ކެރިއަރުގައި މިފަދަ އެވޯޑެއް ހޯދިފައި ނުވާތީ އެވެ. އަނަންޔާ އަށް އެވޯޑު ލިބުނީ "ސްޓޫޑަންޓް އޮފް ދަ އިޔާ 2" ގައި އަދާކުރި ރޯލަށެވެ.

އިންޑިޔާގެ ނޫހަކަށް ދީފައިވާ އިންޓަވިއު އެއްގައި ޗަންކީ ބުނި ގޮތުގައި 34 އަހަރު ވަންދެން ފިލްމު ކުޅުނުއިރު އޭނާއަށް ލިބުނީ މުޅިއެކުވެސް އެންމެ ހަތަރު ނޮމިނޭޝަނެވެ. އެއީ "ތޭޒާބް"، "އާންކޭން"، "ހައުސްފުލް" އަދި "އަޕްނާ ސަޕްނާ މަނީ މަނީ" ކުޅެގެންނެވެ. ނަމަވެސް އެންމެ ފިލްމުފެއާ އެވޯޑެއް ވެސް އޭނާއަށް ލިބިފައެއް ނުވެ އެވެ.

"ހަމަ އަސްލުވެސް އަހަންނަށް ރޮވުނު. އަހަރެންނަށް ގަބޫލު ކުރަން ވެސް ދަތިވި އަހަރެންނަށް ހާސިލު ނުކުރެވުނު ޝަރަފެއް އަހަރެންގެ ދަރިފުޅަށް އެހާ ޅަ އުމުރުގައި ލިބިދާނެ ކަމަކަށް. ހަގީގަތުގައި ވެސް ދަރިފުޅަށް ލިބުނީ ހައްގު އެވޯޑެއް،" ޗަންކީ ބުންޏެވެ.

އެވޯޑު ހާސިލު ކުރުމަކީ އަނަންޔާ ވަރަށް ކުޑައިރުއްސުރެ ދެކެމުން އައި ހުވަފެނެއް ކަމަށް ވެސް ޗަންކީ ބުންޏެވެ.

"އޭނާ ވަރަށް ކުޑައިރުވެސް އެވޯޑު ލިބުމުން ހަދާނެ ގޮތް ޕްރެކްޓިސް ކުރާތަން އަހަރެން ދުށިން. ލޯގަނޑު ކައިރީ ހުރެގެން ފިލްމްފެއާ އެވޯޑޫ ލިބުނީމަ ހަދާނެ ގޮތް އޭނާ އަބަދުވެސް ޕްރެކްޓިސް ކުރާނެ. އެންމެ ފަހުން ފިލްމްފެއާ އެވޯޑެއް އަހަރެމެންގެ ގެޔަށް ވެސް އަތުވެއްޖެ،" ޗަންކީ ބުންޏެވެ.

އޭނާ ބުނި ގޮތުގައި ދަރިފުޅަށް މިފަހަރު ފިލްމްއެވޯޑު ލިބޭނެކަން 100 ޕަސެންޓް ޔަގީންވި އޭނާ އެހާ ހާހެއް ނުވީހެވެ. ނަމަވެސް އެވޯޑު އިއުލާން ކުރަން ދެން ވެސް އޭނާ ހުރީ ވަރަށް ހާސްވެފައި ކަމަށް ވެސް ޗަންކީ ބުންޏެވެ. އެވޯޑު ހަފުލާއަށް ނުދެވުނީތީ ވެސް މިހާރު ޗަންކީ ހިތާމަ ކުރެ އެވެ.

ޗަންކީ ބުނިގޮތުގައި "ސްޓޫޑަންޓް އޮފް ދަ އިޔާ 2"ގެ ޝޫޓިން އަނަންޔާ ފެށީ ދުވަހު އޭނާ ފުރަތަމަ ޝޮޓް ދިން ތަނަށް ވެސް ޗަންކީއަށް ނުދެވުނެވެ. އަދި ފުރަތަމަ އެވޯޑު ލިބުނު އިވެންޓުގައި ވެސް ބައިވެރިއެއް ނުވެވުނެވެ. ނަމަވެސް ދަރިފުޅުގެ ކާމިޔާބީން އޭނާ ވަނީ އުފަލުން ފޮޅިފަ އެވެ.

އަނަންޔާގެ ކުރިޔަށް ހުރި ފިލްމުތަކުގެ ތެރޭގައި އިޝާން ޚައްތަރު އާއެކު ކުޅޭ "ޚާލީ ޕީލީ" އާއި ދީޕިކާ ޕަދުކޯން އާއި ސިދާންތު ޗަތުރަވޭދީ އާއެކު ކުޅޭ ފިލްމެއް ހިމެނެ އެވެ.