މުހައްމަދު އަސްލަމް

އަސްލަމްގެ ވިސްނުން: ނުހިއްކައި ފަޅުތަކުގައި "ފްލޯޓިން އައިލެންޑް" ހެދުން

ރާއްޖޭގެ ފަޅުތަކަށް ވެލި އަޅައިގެން ހިއްކުމުގެ ބަދަލުގައި ފަޅުތަކާއި ވިލުތަކުގައި "ފްލޯޓިން އައިލެންޑް" ތަރައްގީ ކޮށްގެން އެ ތަނުގައި މީހުން އާބާދު ކުރާ ވިސްނުމެއް ސަރުކާރުން ގެންގުޅެން ޖެހޭ ކަމަށް ގަބޫލު ކުރައްވާ ކަމަށް ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް ރައްޔިތުންގެ މަޖިލީހުގައި މިއަދު ވިދާޅުވެއްްޖެ އެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާގައި މިނިސްޓަރު އަސްލަމް ހާޒިރުވެވަޑައިގެންނެވީ ތިމަރަފުށި މަގު ހެދުމުގެ މަޝްރޫއު އާއި ކިނބިދޫ އާއި ވޭމަންޑޫ ކޯޒްވޭގެ މަޝްރޫއާ ގުޅޭ ގޮތުން ތިމަރަފުށި ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޒު ކުރައްވާ ސުވާލަށް ޖަވާބު ދެއްވުމަށެވެ.

ވޭމަންޑޫ އާއި ކިނބިދޫ ކޯޒްވޭގެ މަޝްރޫއާ ގުޅޭ ގޮތުން ކުރެއްވި ސުވާލުގެ ޖަވާބުގައި މިނިސްޓަރު އަސްލަމް ވިދާޅުވީ އޭގެ ޑިޒައިން ހެދުމުގެ މަސައްކަތް ހަވާލު ކުރުމުން އެ މަސައްކަތް ނިންމައި އޭގެ ޑީޒައިން ކޮންސެޕްޓް ހަވާލުކޮށްފައިވާާ ކަމަށެވެ. އެކަމަކު ތިމާވެއްޓަށް ބޮޑު އަސަރެއް ކުރާނެ ގޮތަކަށް ޑިޒައިން އޮތުމުން އަލުން އެ މަސައްކަތް ކުރަން އަންގާފައިވާނެ ކަމަށެވެ.

"މި ވަރުގެ ދިގު މިނުގައި [3.5 ކިލޯމީޓަރުގައި] ގުދުރަތީ ގޮތުން މާތް ރަސްކަލާނގެ ލައްވާފައި އޮތް ތަނެއްގައި އެ ގޮތަށް އަޅުގަނޑުމެން ވެލިން ބައްދާލީމައި ދެން ދިމާވާނެ މައްސަލަތައް މާ ބޮޑު ވާނެ. އެހެންވީމަ މިހާރު އޮތް ކޮންސެޕްޓްއެއް އަޅުގަނޑު ގަބޫލެއް ނުކުރަން. ކޮންސަލްޓެންޓް ގާތު ބުނެފިން މި ގޮތް ކަމު ނުދާ ކަމަށް." އަސްލަމް ވިދާޅުވި އެވެ.

އަސްލަމް ވިދާޅުވީ، ވޯޓާވޭއެއް އަޅައިގެން ސްޓީލް މަތީގައި ތަނބު ޖަހައިގެން އެ ފަޅު މަތީގައި މަގު ހެދުން އެއީ އެންމެ ރަނގަޅު ގޮތް ކަމަށެވެ. ތިމާވެއްޓަށް އަސަރު ނުކުރާނެ ގޮތަށް އެ މަސައްކަތް ކުރެވެން އެބަ އޮތް ކަމަށް އޭނާާ ވިދާޅުވި އެވެ. އެކަމަކު އެ ކަމަށް ގާތްގަނޑަކަށް 700 މިލިއަން ރުފިޔާ ހޭދަވާނެ ކަމެއް ލަފާ ކުރެވޭއިރު، މިދިޔަ ދެ އަހަރުގެ ބަޖެޓުގައި މަޝްރޫއަށް ކަނޑައަޅާފައި އޮތީ ގާތްގަނޑަކަށް ދެ މިލިއަން ރުފިޔާ ކަމަށް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑު ދެކޭ ގޮތުގައި މި ކަން ކުރެވެން އެބަ އޮތޭ ވޯޓާވޭއެއް އަޅައިގެން. އަޅުގަނޑު ދެކޭ ގޮތުގައި މި މޫދާއި ވިލު ތެރޭގައި ބައްތި ޖަހާފައި މަގެއް ގޮތުގައި މަގެއް ހަދައިގެން އުޅެވޭނެ. އެ ކަމަށް ބޭނުންވާ އުޅަނދުތައް މި އެޅޭނެ. މި ފަރު މަތީގައި މި ދިގު ފާލަމެއް އަޅައިގެން މި ފަރު ހަލާކު ކޮށްލައިގެން އުޅުމަށް." އަސްލަމް ވިދާޅުވި އެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާގައި އަސްލަމް ވަނީ ރަށްރަށުގެ ބިން ހިއްކަން ޖެހުމުން ދިމާވާ ތިމާވެށީގެ މައްސަލަތައް ފާހަގަ ކުރައްވައި އެހެން ވިސްނުމެއް ގެންގުޅެން ޖެހިފައިވާ ކަމަށް ވިދާޅުވެ ހިޔާލެއް ހުށަހަޅުއްވާފަ އެވެ. އެއީ ރާއްޖޭގެ ފަޅު ބޮޑު ރަށްތަކުގެ ފަޅުގައި "ފްލޯޓިން އައިލެންޑް" އެއް ތަރައްގީ ކޮށްގެން މީހުން އާބާދު ކުރާ ގޮތުގެ ވިސްނުމެކެވެ.

މިނިސްޓަރު އަސްލަމްގެ އެ ވާހަކައާ ގުޅިގެން މިނިސްޓަރުގެ އެ ތަސައްވަރު އިތުރަށް ތަފުސީލް ކޮށްދެއްވުމަށް މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު އެދިވަޑައިގެންނެވި އެވެ. އަދި ނަޝީދަށް އެ ތަސައްވަރު ސިފަވާ ގޮތެއް ވެސް ވިދާޅުވި އެވެ.

"އެއީ ރަށުގެ ފަޅުގައި ސަރުކާރުން އަޅާނީ މަގުތަކެއް، އެ މަގުތައް ހުންނާނީ ސްޓީލް ނުވަތަ ތަނބުތައް މަތީގައި، ދެން ވޯޓާ ވިލެޖް ގޮތަށް ފަޅުން ނޫނީ އަޅާ މަގުން ގެދޮރު ދޫކުރާނީ، އަދި ސަރުކާރުން އެ ތަނުގެ ނަރުދަމާ އާއި ފެނުގެ ހިދުމަތް ވެސް ފޯރުކޮށްދޭ ގޮތަށް،" ނަޝީދު ވިދާޅުވި އެވެ.

ދެން އަސްލަމް ވިދާޅުވީ، އެއީ ކޮންމެ ރަށެއްގައި ވެސް ކުރެވެން އޮތް ކަމެއް ނޫން ކަމަށާއި ނަމަވެސް ރާއްޖޭގައި ފަޅުތައް ބޮޑެތި ރަށްތަކުގައި އެ މަސައްކަތް ކުރެވެން އެބަ އޮތް ކަމަށެވެ. އެފަދަ ބޮޑެތި ފަޅުތައް ނުހިއްކައި ތަނބު ޖަހައިގެން ފަޅު މަތީގައި މަގުތައް ބިނާކޮށް އެ މަގުގެ މަތީގައި ގޯތި ދޫކުރެވޭ ގޮތުގެ ވިސްނުން ކަމަށެވެ.

"ރައްޔިތުންނަށް ފަޅު މަތީގައި ވޯޓާވޭ މަގުތައް ހަދައިގެން އެ ތަނުގައި ގެދޮރު އަޅައިގެން. މިއީ ރާއްޖޭގެ ކޮންމެ ރަށެއްގައި ކުރެވޭނެ ކަމެއް ނޫން، އެބަ ހުރި ބޮޑު ފަޅެއް އޮންނަ ރަށްރަށް. އެފަދަ ފަޅުތަކުގައި ގޯތި ކަނޑާފައި ގޯތި ދޫކުރެވޭނެއޭ، އެ ފަޅު ނުހިއްކައި، މިއީ ރާއްޖެ އޮތް ގުދުރަތީ ގޮތަށް މާ ރަނގަޅު ގޮތެކޭ،" އެ މަސައްކަތް ގެންދާނެ ގޮތުގެ ތަފުސީލެއް ދެއްވަމުން އަސްލަމް ވިދާޅުވި އެވެ.

އަސްލަމް ވިދާޅުވީ، އެ މަޝްރޫއުތައް ކުރިއަށް ގެންދިއުމަށް ދާނެ އަގުތަކުގެ ހިސާބު ކުރުމާއި، އެ ކަމުގައި ދިމާވާނެ ދަތިތަކާ މެދު ވިސްނަން އެބަ ޖެހޭ ކަމަށެވެ. އެކަމަކު އޭނާ ދެކެވަޑައިގަންނަވާ ގޮތުގައި، ރާއްޖޭގެ ތަރައްގީގެ ތަސައްވުރު ބަދަލު ކުރަން ޖެހޭ ކަމަށެވެ.

"އަޅުގަނޑުމެންގެ ވިސްނުމަށް ބަދަލެއް ގެންނަން ޖެހޭ. އޯޝާނިކް ނޫނީ އޯވާ ވޯޓާ ލިވިންގެ ވިސްނުމެއް އަޅުގަނޑުމެންގެ އެބަ އޮންނަން ޖެހޭ، ދެ ރަށުގެ [ވޭމަންޑޫ އާއި ކިނބިދޫގެ] ރައްޔިތުންނާ އަޅުގަނޑުމެން އަންނަ ހަފުތާގައި ބައްދަލުވެސް ކުރާނަން، އަޅުގަނޑު ދެކޭ ގޮތުގައި އެ ރައްޔިތުން ވެސް ރަނގަޅު ގޮތް ކިޔައިދިނުމުން ބަލައިގަންނާނެ،" އަސްލަމް ވިދާޅުވި އެވެ.

އަސްލަމްގެ ވާހަކައާ ގުޅިގެން މަޖިލީހުގެ ރައީސް ނަޝީދު ވިދާޅުވީ އެއީ ރަނގަޅު ވިސްނުމެއް ކަމަށެވެ. މަޖާޒީ ގޮތަކަށް އެމަނިކުފާނު ވިދާޅުވީ "އޯވާ ވޯޓާ ދިރިއުޅުމަކަށް" ރައްޔިތުންނާއި މެންބަރުން ތައްޔާރުވެވަޑައިގަތުމަށެވެ.