މެންޗެސްޓާ ސިޓީ

ތިންވަނަ ޑިވިޝަނަށް ވައްޓާލިއަސް ގާޑިއޯލާ ހުންނާނެ

މެންޗެސްޓާ ސިޓީ ތިން ވަނަ ޑިވިޝަނަށް ވައްޓާލިއަސް، މަގާމުގައި ދެމިހުންނާނެ ކަމުގެ ޔަގީންކަން ސިޓީގެ ކޯޗް ޕެޕް ގާޑިއޯލާ، އެ ޓީމުގެ ކުޅުންތެރިންނަށް ދީފި އެވެ.

ސްކައި ސްޕޯޓްސްއިން ބުނެފައި ވަނީ، ކުޅުންތެރިންނާ ބައްދަލުކޮށް ގާޑިއޯލާ އެކަމުގެ ޔަގީންކަން ދީފައިވާ ކަމަށް އެ ނޫހަށް ކަށަވަރުވެފައިވާ ކަމަށެވެ. ސިޓީގެ ފޯވަޑް ރަހީމް ސްޓާލިންވެސް ޓީމުގައި މަޑުކުރާނެ ކަމަށް، ހަމަ އެ ބައްދަލުވުމުގައި އޭނާ ވެސް ބުނެފައިވާ ކަމަށް ސްކައިއިން ބުނެ އެވެ.

"އަހަރެމެން ކުޅެން ޖެހެނީ ކޮންމެ ލީގެއްގައި ނަމަވެސް އަހަރެން މިތާންގައި ދެމިހުންނާނަން،" ކުޅުންތެރިންނާ މުހާތަބުކޮށް ގާޑިއޯލާ ބުނެފައިވާ ކަމަށް ސްކައި އިން ރިޕޯޓް ކޮށްފައި ވެއެވެ. "އެމީހުން އަހަރެމެން ލީގް ދޭއް [ތިން ވަނަ ޑިވިޝަނަށް] ވައްޓާލިއަސް އަހަރެން މިތާންގައި ހުންނާނަން، މިއީ އަހަރެމެން އެކައްޗެއްގެ ގޮތުގައި ތިބެންވީ ވަގުތު."

އެ ބައްދަލުވުމުގައި ކުލަބުގެ ސީއީއޯ ފެރާން ސޮރިއާނޯވެސް ބައިވެރިވެފައިވާ ކަމަށް ސްކައިން ބުނެ އެވެ. އެ ބައްދަލުވުމުގައި ސޮއިއާނޯ ވިދާޅުވެފައި ވަނީ ސިޓީގެ މައްޗަށް އަޅާފައިވާ ބޭންގެ އަދަބު ނޯންނާނެ ކަމަށް ވިދާޅުވެފަ އެވެ. އަދި ސިޓީން ގާނޫނާ ހިލާފަށް އެއްވެސް ކަމެއް ކޮށްފައި ނުވާ ކަމުގެ ޔަގީންކަން އޭނާ ވަނީ ކުޅުންތެރިންނަށް ދީފަ އެވެ.