ޓީސީ

އޭއެފްސީކަޕް ޓްރޭނިންއަށް ޓީސީން ގަތަރަށް

އަންނަ މަހު ފެށުމަށް ހަމަޖެހިފައިވާ އޭއެފްސީ ކަޕަށް ތައްޔާރުވުމަށް، ޓީސީ ސްޕޯޓްސް ކުލަބުން ޓްރޭނިން ކޭމްޕްގައި ގަތަރަށް ފުރައިފި އެވެ.

އަންނަ މަހު 10 ވަނަ ދުވަހު ފެށުމަށް ހަމަޖެހިފައިވާ އޭއެފްސީ ކަޕްގެ ގުރޫޕް ސްޓޭޖުގައި، ރާއްޖެއިން ސީދާ ޖާގަ ޓީސީއަށް ލިބުނީ މިދިޔަ ސީޒަންގެ ލީގް ޗެމްޕިއަން ހައިސިއްޔަތުންނެވެ. ގަތަރުގައި 10 ދުވަހަށް ޓްރޭނިންތައް ގެންދިއުމަށް ވަނީ ހަމެޖެހިފަ އެވެ.

މިއަދު ހެނދުނު މާލެއިން ފުރުމުގެ ކުރިން، ޓީސީގެ ކޯޗް ޝާޒްލީ މުހައްމަދު (ޝާޒް) 'އަވަސް' އަށް ބުނީ ޓްރެއިނިން ކޭމްޕްގެ ބޭނުމަކީ އޭއެފްސީ ކަޕަށް ޓީމުގެ ބޮންޑު ވަރުގަދަ ކުރުން ކަމަށެވެ. ޓްރޭނިން ނިންމާލަމުމަށް ފަހު ޓީސީގެ ޓީމު މާލެ އަންނަނާނީ މި މަހުގެ 28 ވަނަ ދުވަހު އެވެ. ޓީސީން ވަނީ ކުރިން އެފްއޭއެމުން ދިން ފުރުސަތުގައި ސައުދީ އަރަބިއްޔާގަިއވެސް ކޭމްޕް ކޮށްފަ އެވެ. ގަތަރު ޓްރެއިނިން ކޭމްޕަގައި އެކުވެރި ކަމުގެ މެޗެއް ކުޅޭ ގޮތަށް ހަމަޖައްސާފައެއް ނުވެ އެވެ.

އޭއެފްސީ ކަޕްގައި ޓީސީން ކުޅޭ ފުރަތަމަ މެޗުގައި އަންނަ މަހު 11 ވަނަ ދުވަހު ނުކުންނާނީ، ނިއު ރޭޑިއަންޓަށް ކުރިން ކޯޗް ކޮށްދިން ސްޕެއިންގެ އޮސްކާ ބުރުޒޯން ބަރޭރަސް މިހާރު ކޯޗް ކޮށްދޭ ބަންގުލަދޭޝްގެ ބޮށުންދަރާ ކިންގްސް އާ ދެކޮޅަށެވެ. އެ މެޗު އޮންނާނީ ޑާކާގަ އެވެ. ޓީސީގެ ފުރަތަމަ ހޯމް މެޗުގައި އޭގެ ހަތަރު ދުވަސް ފަހުން ނުކުންނާނީ އިންޑިއާގެ ޗެންނާއީ ސިޓީއާ ދެކޮޅަށެވެ.

އޭެފްސީ ކަޕް ޕްލޭއޮފް ބުރުގައި ރާއްޖޭގެ މާޒިޔާ، މާދަމާ ނުކުންނާނީ އިންޑިއާގެ ބެންގަލޫރު އެފްސީ އާ ދެކޮޅަށެވެ. އެ މެޗު ކުޅުމަށް ހަމަޖެހިފައި ވަނީ މާލޭގަ އެވެ. މި ސަރަހައްދުގެ ފަހު ޖާގައަށް ވާދަ ކުރާނީ މާޒިޔާ އާއި ބެންގަލޫރެވެ.