ފިނިޕޭޖް

އެ ސީކުއެލް: ކަލާޔާނުލާގެ ސީކުއެލްއަކަށް އިންތިޒާރުކުރެވޭތަ؟

"ކަލާޔާނުލާ" އާ ބެހޭ ގޮތުން އެ ފިލްމުގެ ބޮޑު ފޭނަކާ އަނގަތަޅާލުމުގެ ފުރުސަތެއް ލިބުނެވެ. ފިލްމުގެ މޮޅު ކަމަށާއި އޭގައި ލީޑް ރޯލު ކުޅެފައިވާ ޔޫސުފް ޝަފީއު (ޔޫއްޕެ) އާއި އައިޝަތު ޝިރާނީ އަދި ނިއުމާ މުހައްމަދުގެ މޮޅުކަމަށް ތައުރީފު އެއްލައި ނިމުމުން އެ ފިލްމުގެ ދެ ވަނަ ބަޔަކަށް އިންތިޒާރުކުރަންތޯ މި ސުޕަ-ފޭންއާ ސުވާލުކޮށްލީމެ އެވެ.

އޭނާ ބުނީ އެހެން އެއްވެސް ފިލްމަކަށް ނުކުރެވޭ ވަރުގެ އިންތިޒާރެއް މި ފިލްމުގެ ދެ ވަނަ ބަޔަށް ކުރެވުނު ކަމަށެވެ.

"އަދިވެސް ބޭނުންވޭ ކަލާޔާނުލާގެ ދެ ވަނަ ބައި ބަލާލަން. އޭގައި ދެން ވާނެ ގޮތެއް ބަލާލަން ވަރަށް ބޭނުން،" ސުޕަފޭން ބުންޏެވެ.

އެއީ ތެދެކެވެ. ނަހުލާ 2005 ވަނަ އަހަރު ގެނެސްދިން "ކަލާޔާނުލާ" އަކީ އެ ފިލްމެއް ބަލައިގެން އެތައް ބައެއްގެ ހިތްނުފުރުނު ފިލްމެވެކެވެ. އެ ފިލްމެއް އެތައް ފަހަރަކު ބަލަން ބޭނުންވި ނުވަތަ އެ ފިލްމެއްގެ އިތުރު ބަޔަކަށް އެދި ދުޢާ ކުރެވުނު ފިލްމެކެވެ. މިއީ ބައެއް ފިލްމުތަކުގެ ވައްތަރެވެ. އެންމެފަހުން ބެލުންތެރިޔާއާ ވަކިވެގެން ދާނީ ރޮއްވާލައިފަ އެވެ.

"ކަލާޔާއާނުލާ" އަކީ އޭގެ ވަރުގަދަ މިސާލެކެވެ. ނަހުލާ އެ ފިލްމު އަނބުރަމުން އަނބުރަމުން ގޮސް އެންމެ ފަހުން ނިންމާލާފައި އޮތް ގޮތަކީ ބެލުންތެރިންގެ ހިތް އެ ފިލްމުގެ ތެރެއަށް ގެނބިގެންދާ ފަދަ ގޮތެކެވެ. "ކަލާޔާނުލާ" ވަކިވެގެން ދިޔައީ އެ ފިލްމު ބެލި މީހުންގެ ހިތް ހިފައިގެންނެވެ.

"އެހެންވީމަ ކިހިނަކުން ދިރިއުޅޭނީ ކަލާޔާނުލާ."

ފިލްމުގެ ވަފާތެރި ފޭނުން ކުޅެމުންދާ ހިތާމަވެރި ރާގަކީ މިއީ އެވެ.

"އެ ސީކުއެލް" ގެ ނަމުގައި ފަށާ މި ސިލްސިލާ އަކީ ބެލުންތެރިންގެ މިފަދަ ހިތާމަވެރި ރާގުތައް މުނިފޫހިފިލުވުމަކަށް ބަދަލުކޮށްލަން ލިބޭ ފުރުސަތެއް ކަމަށް ބަލަމާ ހިނގާށެވެ. ގެނެސްދޭނީ ބެލުންތެރިންގެ ހިތް ހިފައިގެން ފިލި ދިވެހި ފިލްމުތަކާއި އެހެން ވެސް މަޝްހޫރު އެފަދަ އުފެއްދުންތަކާ ބެހޭ ގޮތުން ތަޅާލެވޭ އަނގަ އެވެ.

އެހެންވީމަ މިފަހަރުގެ ހޮވުމަކީ "ކަލާޔާނުލާ" އެވެ. އެކަމަކު މިއީ އެއްގޮތަކަށް ވެސް ހަމައެކަނި ނަހުލާގެ ފިލްމުތަކަށް ހާއްސަ ސިލްސިލާއެއް ނޫނެވެ. މިއަށް "އެ ސީކުއެލް" އެކޭ ކިޔައިގެން މި އުޅެނީ ނަހުލާގެ އާދަޔާހިލާފު މަސައްކަތްތަކަށް ދޭ ޓްރިބިއުޓެއްގެ ގޮތުގަ އެވެ.

އެހެންނޫނަސް ނަހުލާ "އެކޮއި" އެކޭ ކިޔުނު ފިލްމެއް އިއުލާނުކުރި ހިސާބުން ހެއްދެވި ހުރިހައި އެއްޗެއްގެ ނަމުގެ ކުރިއަށް ދިވެހިން "އެ" އިތުރުކުރަން ފެށުމުގެ މާ ކުރިން ވެސް މި "އެ" އަކީ ދިވެހި ސިނަމާއާ ހިތާއި ހިތުގެ ގުޅުމެއް ފައްކާކޮށްފައި އޮތް "އެ" އެކެވެ. މިސާލަކަށް "އެ ދުވަސް" އާއި "އެ ދަތުރު" އަދި "އެ ބައްޕަ" އާއި "އެ ދަރިފުޅު" ވެސް އެ އޮތީ ދިވެހި ފިލްމީ ދާއިރާ އިން ގެނެސްދީފަ އެވެ.

އެހެންވީމަ ނަހުލާ "އެކޮއި" އެއް އުފައްދަން އިއުލާނުކުރީމަ މީހުން ދެން ކޮން މާލާތެއްކުރާކަށް ހެއްޔެވެ؟

މިހައި ހިސާބުން "އެ-ވާހަކައެއް" ނިންމާލާފައި "އެ-ސީކުއެލް" އަކަށް އެނބުރި ގަންނަމާ ހިނގާށެވެ.

ބެލުންތެރިން "ކަލާޔާނުލާ" ގެ ދެ ވަނަ ބައެއް ބޭނުންވި ގޮތަށް މި ފިލްމަކީ ނަހުލާ ވެސް އޭގެ ދެ ވަނަ ބައެއްގެ ހުވަފެން ދެކުނު ފިލްމެކެވެ. ފިލްމުގެ ހައުސް ފުލް 25 ޝޯ އޮލިމްޕަހުގައި ދެއްކި ދުވަސްވަރު ވެސް މި ފިލްމުގެ ދެ ވަނަ ބައެއް އުފައްދަން އުޅޭކަމުގެ އަޑު ވަރަށް ގަދަވި އެވެ.

މީގެ ދެ އަހަރުވަރު ކުރިން އަޅުގަނޑަށް ދިން ހާއްސަ އިންޓަވިއުއެއްގައި ވެސް، "ކަލާޔާނުލާ" ގެ ދެ ވަނަ ބައެއް އުފެއްދުމުގެ ޝައުގުވެރިކަން ނަހުލާ ފާޅުކުރި އެވެ.

"ދެ ވަނަ ބައެއް އުފައްދަން ވަރަށް ބޭނުންވެގެން އުޅުނު ފިލްމެއް ކަލާޔާނުލާ އަކީ. އެކަމަކު ވާގޮތަކީ ޝިރާނީއެއް މިހާރު ފިލްމެއް ނުކުޅޭ އަދި ފިލްމުން ފެނުނު ގިނަ މީހުން ވެސް ވަރަށް ބޮޑަށް ބަދަލުވެފައި މިހާރު ތިބީ. އެ ފިލްމަކީ ދެ ވަނަ ބައެއް ގެނެސްދޭން ވަރަށް ބޭނުންވި ފިލްމެއް،" އެ އިންޓަވިއުގައި ނަހުލާ ބުންޏެވެ.

މި ފިލްމެއްގެ ދެ ވަނަ ބަޔަކަށް އޭނާ ތައްޔާރުވެގެން ހުރި މިންވަރަކީ ފިލްމަށް ކިޔާނެ ނަމެއް ނިންމައި އޭގެ ސްކްރިޕްޓްގެ ވެސް ބޮޑު ބައެއް ނިންމާފައި އޮތުމެވެ. ނަމަވެސް ފިލްމު ކުރިއަށް ގެންދަން ރާވާފައި އޮތް ގޮތް އޭނާ ކިޔައެއް ނުދެ އެވެ.

"ކިހިނަކުން ދިރިއުޅޭނީ ކަލާޔާ ނުލާ ކިޔާއިފަ އޮންނާނެ މިހާރު ވެސް އޭރު ފެށި ސްކްރިޕްޓެއްގެ މަސައްކަތް. މިހާރު ވެސް 10 ދުވަސް ތެރޭގައި ނިންމާލެވިދާނެ އެ ސްކްރިޕްޓް. އެކަމަކު މި ފިލްމުގެ ދެ ވަނަ ބައެއް އުފައްދަން ބޭނުންވިޔަސް އެކަން އެހާ ފަސޭހައެއް ނުވާނެ،" ނަހުލާ ބުނީ މިހެންނެވެ.

އެއީ ތެދެކެވެ. ނަހުލާގެ ވިސްނުން ހުރީ ޝިރާނީގެ ކެރެކްޓާއާ އެކު ފިލްމު ކުރިއަށް ގެންދަން ނަމަ ނުވަތަ އެ ކެރެކްޓާ ހަމަ ޝިރާނީ އަށް ދީގެން ކުރިއަށް ގެންދަން ނަމަ "ކަލާޔާނުލާ 2" އެ ގޮތުގައި އުފައްދަން ވަރަށް އުނދަގޫވެދާނެ އެވެ. ސަބަބަކީ "ކަލާޔާނުލާ" އަށް ފަހު ޝިރާނީ ފިލްމީ ދާއިރާ އިން އެއްކޮށް ރިޓަޔާކޮށް މިހާރު ބުރުގާ ވެސް އަޅާފައިވާތީ އެވެ. އެކްޓްކުރުމުގެ އެއްވެސް ހިޔާލެއް އޭނާ ނެތް ކަމަށް ވަރަށް ފަހުން ޓީވީއެމްގެ ވަގުތު ޕްރޮގްރާމްގެ ފެނިލުމެއްގައި ވެސް ބުނެފައިވެ އެވެ. 

އެހެންވީމަ "ކަލާޔާނުލާ 2" އަށް ޝިރާނީ ލިބޭކަށް ނެތެވެ. ދެން މި ފިލްމުގެ ލީޑް ރޯލު ކުޅުނު އަނެއް ދެ ތަރިންނަށް ބަލާއިރު ޔޫސުފް ޝަފީއު ވެސް ފިލްމީ ދާއިރާއާ ވަރަށް ދުރުވެއްޖެ އެވެ. ފިލްމު ކުޅުން ހުއްޓާލުމުގެ ވާހަކަ އޭނާ ތަކުރާރުކޮށް ދައްކަމުން ދާއިރު ބަތަލާ ނިއުމާ މުހައްމަދު ވެސް ދައްކަނީ ފިލްމު ކުޅުން ހުއްޓާލާ ވާހަކަ އެވެ. ނަމަވެސް ބެލުންތެރިން އޭނާ ބަލައިގަންނަ ނަމަ އަދިވެސް ފިލްމު ކުޅޭނެ ކަމަށް ވެސް ބުނެ އެވެ.

އެކަމަކު ހުދުބަލީގެ އަސަރު ނިއުމާގެ ހަށިގަނޑަށް ވަރަށް ބޮޑަށްކޮށް އޭނާގެ ސިފައަށް ބޮޑު ބަދަލެއް އަންނަމުން ދިއުމަކީ "ކަލާޔާނުލާ" ގެ ދެ ވަނަ ބައި ކުޅެން ނިއުމާ ފާސްނުވެދާނެ ކަމެކެވެ.

އެހެންވީމަ ނަހުލާ ވެސް އެބުނާ ފަދައިން މި ތިން ތަރިން އެމީހުންގެ "ކަލާޔާނުލާ" ރޯލަށް އަލުން އޮންބޯޑްކުރަން އެއްގޮތަކަށް ވެސް ފަސޭހައެއް ނުވާނެ އެވެ. އެހެން ނަމަވެސް ނިއުމާ އާއި ޔޫސުފް ޝަފީއު ގޮވައިގެން އަދިވެސް މި ފިލްމެއްގެ ދެ ވަނަ ބައެއް ގެނެސްދެވިދާނެ އެވެ.

"އެގޮތަކީ ޝިރާނީގެ ކެރެކްޓާ ފިލްމުން މަރާލަންވީ. ނުވަތަ ކޮންމެވެސް އެހެން ސަބަބުތަކެއް މެދުވެރިވެގެން ވެސް ޔޫއްޕެގެ ކެރެކްޓާ އާއި ޝިރާނީގެ ކެރެކްޓާ ދުރުކޮށްލަންވީ،" ފިލްމުގެ ސުޕަފޭނެއްގެ ހިޔާލު ހުރީ މިހެންނެވެ.

މިއީ އެއްގޮތަކަށް ވެސް ދެރަ ހިޔާލެއް ނޫނެވެ. އަދި "ކަލާޔާނުލާ" ގެ ދެ ވަނަ ބައެއް އުފެއްދުމަށް ބޭނުންވާ ނަމަ މި އައިޑިއާއެއްގެ ތެރެއިން މި ފިލްމުގެ ދެ ވަނަ ބައިގެ ޕްލޮޓް ނިކަން ފައްކާކޮށް ތަރައްގީވެސް ކުރެވިދާނެ އެވެ.

ވާހަކަ ދެއްކި ގިނަ ބެލުންތެރިން ބުނީ ދެ ވަނަ ބައެއް އަންނަ ނަމަ ބަލަން ބޭނުން ވަނީ ފިލްމުގައި ނިއުމާ އާއި ޔޫއްޕެ ކުޅުނު ކެރެކްޓާތަކަށް ދެން ވާނެ ގޮތް ކަމަށެވެ. ހަގީގަތުގައި ވެސް ޝިރާނީގެ ކެރެކްޓާއަކީ ގިނަ ބެލުންތެރިން އެ ކެރެކްޓާއެއް ދެކެ އެހާ ލޯބިވާ ކެރެކްޓާއެއް ނޫނެވެ.

"ފިލްމުގައި ޝިރާނީ ކުޅެފައި ވަނީ ވަރަށް ސެލްފިޝް ރޯލެއް. އެކަމަކު ޔޫއްޕެ އާއި ނިއުމާއާ ދެމެދު އޮތީ އަސްލު ލަވް ސްޓޯރީއެއް،" ފިލްމު ބެލި މީހަކު ކިޔައިދިނެވެ.

އެހެންވީމަ މިވަރަށް ދިޔައީމަ ފިލްމުގައިވީ ގޮތާއި އެ ފިލްމު ނިމިގެން ދިޔަ ގޮތަށް ކުޑަކޮށް ބަލައިލާންވާނެ ނޫން ހެއްޔެވެ؟

"ކަލާޔާނުލާ" ގައި ނިއުމާ އާއި ޔޫއްޕެ ކުޅެފައިވާ ދެ ކެރެކްޓާ އަކީ ކުޑައިރުގެ ދެ އެކުވެރިންނެވެ. ޔޫއްޕެ އަކީ ނިއުމާގެ ފާޑެއްގެ ކްރަޝްއެކެވެ. ޔޫއްޕެ ކިޔަވައި މޮޅުވެގެން އައިސް (ޝިރާނީގެ ކެރެކްޓާ) އާ ކައިވެނިކުރަނީ ނިއުމާގެ އެ "ކްރަޝް" ގެ ހަގީގަތް ނޭނގި ހުރެ އެވެ.

ދެން ފެނިގެން ދަނީ ހިތު އަޅައިގެން އުޅުނު ލޯބި ހާސިލުނުވެ ނިއުމާ އެހެން މީހަކާ ކައިވެނިކުރާ މަންޒަރެވެ. ދެން މި އެންމެންގެ ހަޔާތަށް ވެރިވަނީ ބަދުނަސީބެވެ. ޔޫއްޕެ އާއި ޝިރާނީގެ ލޯބި ނުރައްކަލަށް ހުށަހެޅިގެން ދަނީ ދެ މީހުންނަށް ދަރިން ނުލިބިދާނެ ކަމުގެ އިންޒާރު އައިސް ދެ މީހުންނަށް ލޯބި ވެސް ނުކުރެވޭ ހިސާބަށް މައްސަލަ ގޯސްވުމުންނެވެ.

ދެން ފެނިގެން ދަނީ ފިރިހެނަކަށްވީތީ ހިތުގައި އުތުރިއަރައިގަންނަ އެދުންވެރިކަމެއްގެ ތެރެއިން ޔޫއްޕެގެ ކެރެކްޓާ އަށް ދެ ވަނަ އަންބެއް މުހިންމުވެގެންދާ ގޮތެވެ. އޭނާގެ ދެ ވަނަ އަންބަކަށް ހަދަނީ ނިއުމާ އެވެ.

މިއީ ނިއުމާ އާއި ޝީރާނީގެ ކެރެކްޓާއާ ދެމެދު ހުޅުގަނޑެއް ރޯވެ އަނދަން ފަށާ ހިސާބެވެ. އެންމެފަހުން މި އަލިފާންގަނޑު ނިއްވާލެވެނީ ލޯބީގެ ގުޅުމަށް ފަރުވާއެއް ހޯދައިގެން އެނބުރި އަންނަ ޝިރާނީގެ ބިރު ދެއްކުމާއި އިންޒާރުތަކުގެ ތެރެއިން ޔޫއްޕެ ނިއުމާ ވަރިކުރަން އެއްބަސްވާ ހިސާބުންނެވެ.

ފިލްމު ނިމިގެންދާއިރު ނިއުމާގެ ކެރެކްޓާ ހުންނަނީ ޔޫއްޕެ ކެރެކްޓާގެ ދަރިއަކަށް ބަލިވެ އެވެ. އަދި މި ދެ މީހުން ވަރިވާކަން ވެސް ފިލްމަކުން ސާފެއް ނުވެ އެވެ.

އެހެންވީމަ ނަހުލާ މި ފިލްމެއް ނިންމާލާފައި މި އޮތީ ވެސް އޭގެ ދެ ވަނަ ބައެއް ބޮލުތެރޭގައި ކުރަހައިގެން އިނދެ ކަމަށް ނިންމިދާނެ އެވެ.

މީގެ ފުރަތަމަ ފިލްމު ނިމިގެން ދިޔަ ގޮތަކީ އޭގެ ދެ ވަނަ ބައި ފުށްގަނޑެއްހެން މޮޑެލަން ފުރުސަތު ލިބޭ ގޮތެކެވެ. ޔޫއްޕެގެ ކެރެކްޓާ އާއި ނިއުމާގެ ކެރެކްޓާ ވަރިވިކަމެއް ވެސް ޔަގީނެއް ނުވެ އެވެ. އަނެއްކޮޅުން ޔޫއްޕެ ކެރެކްޓާގެ ދަރިއަކަށް ނިއުމާގެ ކެރެކްޓާ އިނީ ބަލިވެ އެވެ. އެހެންވީމަ އެކަން އެނގިހުރެ ޔޫއްޕެ އެހިސާބުން ނިއުމާ ވަރިކުރާނެހެނެއް ވެސް ހީއެއް ނުވެ އެވެ. 

އެހެންވީމަ އެ ފިލްމު ނިމިގެން ދިޔަ ގޮތުން ވާހަކަ އަށް އެނބުރި އައުން އެންމެ އައުލާކަން ބޮޑީ ވެސް ނިއުމާ އާއި ޔޫއްޕެގެ ކެރެކްޓާ އެވެ. ދެން އެމީހުންނަށް ލިބެން މި އުޅޭ ދަރި އެވެ.

ފާހަގަކޮށްލަން ޖެހެނީ މި ފިލްމުގެ ފޭން ފެވަރިޓުންނަކީ ނިއުމާ އާއި ޔޫއްޕެގެ ކެރެކްޓާކަމެވެ. ވަކިން ހާއްސަކޮށް ނިއުމާ ކުޅެފައިވާ ބަދުނަސީބު އަންހެން ކުއްޖެއްގެ ރޯލަށް ސިމްޕަތީ ނުވާ ހަމަ އެންމެ ބެލުންތެރިއެއް ވެސް ނެތެވެ. އެހެންވީމަ ދެ ވަނަ ބައެއް އުފައްދާއިރު އެންމެ މުހިންމު ކެރެކްޓާއަކަށް ނިއުމާ ކުޅެފައިއެވާ "ނާޒު" ނުވަތަ ނާޒުކު ކެރެކްޓާ ހެދުން ވަރަށް ވެސް މުހިންމެވެ.

ދެ ވަނަ ބަޔަށް ނަހުލާ ދީގެން އުޅުނު ނަމަކީ "ކިހިނަކުން ދިރިއުޅޭނީ ކަލާޔާނުލާ"، މިހެންނެވެ. އެހެންވީމަ މި ނަމަށް ވިސްނާއިރު ވެސް ފިލްމުގެ ދެ ވަނަ ބައިގެ ޕްލޮޓް އެނބުރެނީ ނިއުމާ އާއި ޔޫއްޕެގެ ކެރެކްޓާ ވަށައިގެންކަން އެބަ އެނގެ އެވެ.

އެހެންވީމަ ނިއުމާ އާއި ޔޫއްޕެ މި ފިލްމުގައި ފައްކާކުރި ހަގީގީ ލޯތްބައްޓަކައި ނަމަވެސް ޝިރާނީގެ ސެލްފިޝް، އެޓިޓިއުޑް ދައްކާ އެ ކެރެކްޓާ މަރާލަމާ ހިނގާށެވެ.

"ރަނގަޅުވާނެ އެ ކެރެކްޓާ އަށް ކޮންމެވެސް އެހެން ބައްޔެއް ޖެހިގެން މަރުވެއްޖެއްޔާ،" ފޭނަކު ބުނީ މިހެންނެވެ.

އެއްގޮތަކުން ބަލާއިރު އެއީ ވެސް ގޯސް ހިޔާލެއް ނޫނެވެ. ސަބަބަކީ ނިއުމާ ކެރެކްޓާގެ ހިތް ހަލާކުކޮށްލި ގޮތުން ޝީރާނީގެ ކެރެކްޓާ އަށް އެއްވެސް ދިވެއްސެއްގެ ހިތެއް ނުރުހޭތީ އެވެ.

ޝީރާނީގެ ކެރެކްޓާ މަރާނުލައި ވެސް ޔޫއްޕެ އާއި ނިއުމާގެ ލޯބީގެ ވާހަކަ އަލުން ގެނެސްދެވިދާނެ އެވެ. އެގޮތަކީ މި އެވެ.

ފިލްމުގައި ދައްކުވައި ދޭނީ ލޯބި ހާސިލުކުރަން ނުވަތަ ނިއުމާވީ ތަނެއް ހޯދަން ޔޫއްޕެ ކެރެކްޓާ ކުރާ ދަތުރެކެވެ. މިސާލަކަށް ފުރަތަމަ ފިލްމުގައި ފެނިގެން ދިޔަ ކަންކަމަށް ދެ ތިން އަހަރު ފަހުން ދެ ވަނަ ފިލްމުގެ ވާހަކަ ފެށިދާނެ އެވެ. 

އޭރު ޔޫއްޕެ އާއި ޝިރާނީގެ ލޯބި އޮންނާނީ ނިމުމަކަށް އައިސްފަ އެވެ. އެހެން ނޫނަސް ޝިރާނީގެ ކެރެކްޓާ އަކީ ފިލްމުގައި ޔޫއްޕެގެ ވެސް ފެވަރިޓެއް ނޫނެވެ. އަސްލަށް ޔޫއްޕެގެ ވެސް ހިތް އޮތީ ނިއުމާގެ ކެރެކްޓާގެ އަތުގަ އެވެ. އެހެންވީމަ ދެން ދައްކުވައި ދޭނީ ޝީރާނީއާ ވަކިވުމަށް ފަހު ހިތްދަތިކަމާއި އެކަނިވެރިކަމުގެ ތެރޭގައި ޔޫއްޕެ އުޅެމުންދާ ދުވަސްތަކެކެވެ. 

އޭރު ނިއުމާ ވާނީ ޔޫއްޕެ ދޫކޮށް މާ ދުރު ހިސާބަކަށް ގޮސްފަ އެވެ. މިސާލަކަށް ކޮންމެވެސް ރަށަކަށް ނުވަތަ އޭނާވީ ތަނެއް ޔޫއްޕެ ކެރެކްޓާއަކަށް ނޭނގެ އެވެ.

މި ފެށުން އިތުރަށް ވަރުގަދަވާނީ ޔޫއްޕެ ކެރެކްޓާ ހަމަ އަސްލަށް ވެސް ނިއުމާގެ ކެރެކްޓާ ވަރިކުރިކަން ދެ ވަނަ ބައި ފެށޭތަނުން ނުވަތަ ކޮންމެވެސް އެހެން ހިސާބަކުން އެނގުނިއްޔާ އެވެ. އެއީ ޔޫއްޕެ އަށް ފިލަން ނިއުމާގެ ކެރެކްޓާއަށް ދޭ ސަބަބެކެވެ. އަދި ޔޫއްޕެ ކެރެކްޓާގެ އަމިއްލަ ދިރިއުޅުން ފުން އަނދިރިކަމެއްގެ ތެރެއަށް ވެސް ވެއްޓޭ ސަބަބެއް ގެނެސްދިނުމަށެވެ.

ޔޫއްޕެ ކެރެކްޓާ ނިއުމާ ވަރިކުރަނީ މަޖުބޫރީ ހާލަތެއް ނުވަތަ ޝިރާނީ ކެރެކްޓާ އަނެއްކާވެސް ކޮންމެވެސް ފަންޏެއް އެ ދެމެދަށް ވައްޓައިގެންނެވެ. މިސާލަކަށް އޭނާ ބަނޑުބޮޑީ އެހެން މީހެއްގެ ދަރިއަކަށޭ ވެސް ބުނެވިދާނެ ނޫން ހެއްޔެވެ؟ ފަހުން ޝީރާނީ ހެދީ މި ދޮގުކަން ޔޫއްޕެ އަށް އިހްސާސްވާއިރު އޮންނަނީ ވަގުތު ފައިތުވެފަ އެވެ. އެހިސާބުން ޔޫއްޕެ ކެރެކްޓާގެ ހަޔާތް އެފުށް މިފުށަށް ޖެހެނީ އެވެ. 

 

ދެން އޭނާ ފެންނާނީ ލޯބީގައި ދީވާނާވެފައިވާ އަދި އަމިއްލަ ދަރި އާއި އެ ދަރިފުޅުގެ މަންމަ ހޯދުމަށް ކެތްމަދުވެ އެކަމަށް ކޮންމެ ފަދަ ގުރުބާނީއެއްވެސް ވާން ތައްޔާރަށް ހުންނަ މީހެއްގެ ރޯލުންނެވެ.

އޭރުން ޔަގީނަށް ވެސް "ނަހޫ-ސްޓައިލް" ގެ އެޕިކް ރޮމޭންސް ޓްރެޖެޑީއެއް ފެނިގެންދާނެ އެވެ.