ދުނިޔެ

ބުރުގާ އެޅުމާއި ތުނބުޅި ބަހައްޓާތީ ޗައިނާ މުސްލިމުން ބަންދުކުރޭ: ލީކު

Feb 18, 2020

ބެއިޖިންގް (ފެބްރުއަރީ 18) - ޗައިނާގެ ޝިންޖަންގް ޕްރޮވިންސްގައި ދިރިއުޅޭ ވީގޫރު މުސްލިމުން ކޭމްޕުތަކުގައި ބަންދު ކުރަން ސަރުކާރުން ގެންގުޅޭ "މިންގަޑު" ތަކެއް ފެންނަ ލިޔުންތަކެއް ލީކުވެއްޖެ އެވެ.

ދީނީ ހަރުކަށިކަމާ ދެކޮޅަށް މަސައްކަތް ކުރުމަށް ކަމަށް ބުނެ ޗައިނާގައި ދިރިއުޅޭ މުސްލިމުންގެ ހައްގުތައް ހަނި ކުރާކަމުގެ ތުހުމަތުތައް އަބަދުވެސް އަމާޒުވެފައި އޮންނަ ޗައިނާ ސަރުކާރާ ދެކޮޅަށް ހާމަވެފައިވާ އެންމެ ވަރުގަދަ ހެކީގެ ގޮތުގައި ގިނަ ބަޔަކު ދަނީ ސިފަކުރަމުންނެވެ.

ލީކުވެފައިވާ އެ ލިޔެކިޔުންތަކުގައި، ޝިންޖަންގް ގައި ދިރިއުޅޭ ގާތްގަނޑަކަށް 3،000 އެއްހާ މުސްލިމުންގެ ވަރަށް ޒާތީ މައުލޫމާތުތަކެއް އެކުލަވާލާފައިވާ ލިސްޓެއް ހިމެނެ އެވެ. އެ ލިސްޓުގައި އެ މީހުން ހެދުން އެޅުމުގެ ވައްޓަފާޅިން ފެށިގެން، ގަވައިދުން ނަމާދު ކުރޭތޯ އާއި، އާއިލާގެ މެންބަރުން އުޅޭ ގޮތުގެ ތަފްސީލީ މައުލޫމާތު ވަނީ ހިމަނައިފަ އެވެ.

އެގޮތުން އެއްބައި މީހުން، ބުރުގާ އަޅާތީ ކޭމްޕުގައި ބަންދުކޮށްފައިވާއިރު، އަނެއް ބައި މީހުން ބަންދުކުރުމުގެ ހަމައެކަނި ސަބަބަކަށްވެފައިވަނީ ތުނބުޅި ބެހެއްޓުމެވެ. އަދި ބޭރުގެ ކޮންމެވެސް ވެބްސައިޓަކަށް ވަތް އަންހެނަކުވެސް ކޭމްޕުގައި ބަންދުކޮށްފައިވެ އެވެ.

ޗައިނާ ސަރުކާރުން ތަކުރާރުކޮށް ބުނަމުންދަނީ، އެ ކޭމްޕުތަކަކީ "ޓްރެއިނިންގް ސްކޫލް"ތަކެއް ކަމަށެވެ. އަދި އެއްވެސް ހާލަތެއްގައި އެމީހުން ހައްގުތައް ހަނިނުކުރާކަމަށް ވަނީ ބުނެފަ އެވެ.

ނަމަވެސް، ލީކުވެފައިވާ އެ ލިޔެކިޔުންތަކުން ޗައިނާގެ ބައެއް ސަރަހައްދުތަކުގައި، ރޯދަ ހިފުމާއި، ތުނބުޅި ދިގު ކުރުމުގެ އިތުރުން، ނަމާދު ކުރުމާއި ބުރުގާ އެޅުން މަނާކޮށްފައިވާ ކަމުގެ ތުހުމަތުތަކަށް ބާރު ލިބެ އެވެ.

މިދިޔަ އަހަރުގެ ޖެނުއަރީ މަހު ޗައިނާގައި ދިރިއުޅޭ މުސްލިމުން އަމަލު ކުރަންޖެހޭ ގޮތްތައް ކަނޑައަޅާ ގަނޫނެއް ވެސް ސަރުކާރުން ވަނީ ފާސްކޮށްފަ އެވެ.

އެ ގާނޫނު ފާސްކޮށްފައިވަނީ، ޗައިނާގެ އަށް މުސްލިމު އެސޯސިއޭޝަނަކާއި ބައްދަލުކޮށް، ސޯޝަލިޒަމް އާއި އެއްގޮތްވާ ގޮތުގެ މަތިން، މުސްލިމުން "ގައިޑު" ކޮށްދިނުމަށް ސަރުކާރާއެކު އެއްބަސްވެފައިވާ ކަމަށް ބުނަމުންނެވެ.