"ޓައިގާ ޒިންދާ ހޭ" ޑައިރެކްޓްކުރި އަލީ އައްބާސް ޒަފަރަށް "މިސްޓަ އިންޑިއާ" ގެ ޓްރިލޮޖީގެ ނުވަތަ މި ސީރީޒްގެ ތިން ފިލްމެއް ލިޔެ، ޑައިރެކްޓްކުރުމުގެ ފުރުސަތު ލިބިއްޖެ އެވެ.
ޒީ ސްޓޫޑިއޯޒް އިން ޕްރޮޑިއުސްކުރާ މި ފިލްމަކީ 1987 ގައި ނުކުތް އަނިލް ކަޕޫރާއި ޝްރީދޭވީގެ ބްލޮކްބަސްޓާ ފިލްމު "މިސްޓަ އިންޑިއާ"ގެ ސްޕިން-އޯފް އެއް ކަމަށް މީޑިއާ ރިޕޯޓްތައް ބުނެ އެވެ. މާނައަކީ މިހާރު އުފައްދާ ފިލްމުތައް ބިނާ ކުރާނީ ކުރީގެ ފިލްމާ ގުޅުވައިގެންނެވެ.
މި ޕްރޮޖެކްޓް އަދި އޮތީ ސްކްރިޕްޓް ލިޔުމުގެ ސްޓޭޖްގަ އެވެ. ފިލްމަށް ތަރިން ހަމަޖައްސާނީ ފުރަތަމަ ޑްރާފްޓް ނިމުމުންނެވެ.
މި އުފާވެރި ޚަބަރު ޝެއާ ކުރަމުން އަލީ އައްބާސް ޒަފަރް ކުރި ޓުވީޓްގައި ބުނެފައި ވަނީ ޒީ-ސްޓޫޑިއޯ އާ ބައިވެރި ވެގެން "މިސްޓަ އިންޑިއާ" ފަދަ މޮޅު ފިލްމެއްގެ ޓްރިލޮޖީއެއް އުފެއްދުމުގެ ފުރުސަތު ލިބުމަކީ ވަރަށް އުފާކުރާ ކަމެއް ކަމަށެވެ. އަދި އެންމެން ވެސް އެ ފިލްމަކާއި އެއް ފިލްމުގެ ކެރެކްޓާތަކެއް އިންތިހާއަށް ލޯބިވީ ފިލްމެއްގެ ސްޕިން-އޯފް އެއް އުފެއްދުމުގެ މަސައްކަތަކީ ހީވެސް ނުކުރާ ވަރުގެ ބޮޑު ޒިންމާއެއް ކަމަށް ވެސް ޑައިރެކްޓަރު ބުނެފައި ވެއެވެ.
މިވަގުތު ސްކްރިޕްޓް ލިޔުމުގެ މަސައްކަތް ކުރިޔަށް ގެންދާ ކަމަށާއި އެއްވެސް އެކްޓަރަކަށް ފިލްމުގައި ބައިވެރިވުމުގެ ދައުވަތު އަދި ނުދޭ ކަމަށް ވެސް ޑައިރެކްޓަރު ބުނެފައި ވެއެވެ.
"ސްކްރިޕްޓް ނިންމާލެވުނީމަ ތަރިން ހޯދުމުގެ މަސައްކަތް ފަށާނީ،" ޒަފަރް ބުނެފައި ވެއެވެ.
ޒަފަރް މި ވަގުތު މަސައްކަތްކުރަނީ ޑިޖިޓަލްކޮށް އޭނާ އުފައްދާ ފުރަތަމަ ފިލްމު ނިންމުމަށެވެ. މިއީ ސައިފް އަލީ ޚާން ލީޑް ރޯލު ކުޅޭ ފިލްމެކެވެ. މިއީ ދި އެމެޒޯން ޕްރައިމް ވީޑިއޯ ސީރީޒް ޕޮލިޓިކަލް ތުރިލާ އެކެވެ. ސައިފްގެ އިތުރުން ސުނިލް ގްރޯވަރު، ގޯހަރް ޚާން، އަމީރާ ދަސްތޫރު އަދި މުހައްމަދު ޒީޝާން އައްޔޫބް މި ފިލްމުގައި ބައިވެރިވެ އެވެ.