މާޒިޔާ

ބެންގަލޫރާ ދެކޮޅަށް އޮތީ ތަފާތު ވިސްނުމެއް

ބެންގަލޫރު އެފްސީ އާ ދެކޮޅަށް މިފަހަރު ކުޅޭ މެޗުގައި މާޒިޔާއިން ގެންގުޅޭނީ ތަފާތު ވިސްނުމެއް ކަމަށް، މާޒިޔާގެ ކޯޗް މަރުޔާން ސެކްލޮވްސްކީ ބުނެފި އެވެ.

އޭއެފްސީ ކަޕް ޕްލޭއޮފް ބުރުގެ ފުރަތަމަ ލެގް މެޗުގައި މާދަމާ ހަވީރު މާލޭގައި މާޒިޔާއިން ބެންގަލޫރު އެފްސީއާ ދެކޮޅަށް ނުކުންނާނެ އެވެ. މާޒިޔާއިން ވަނީ އޭއެފްސީ ކަޕްގެ ގުރޫޕް ސްޓޭޖުގައި 2017 ވަނަ އަހަރު ސެކްލޮވްސްކީގެ ކޯޗްކަމުގެ ދަށުން ބެންގަލޫރާ ދެކޮޅަށް ކުޅެފަ އެވެ. މާޒިޔާއިން އެ މެޗުގައި ގެންގުޅުނީ ޑިފެންސިވް ސްޓްރެޓެޖީ އެކެވެ.

މާދަމާގެ މެޗާ ގުޅޭ ގޮތުން ބޭއްވި ޕްރެސް ކޮންފަރެންސްގައި ވާހަކަ ދައްކަމުން ސެކްލޮވްސްކީ ބުނީ، 2017 ވަނަ އަހަރު ބެންގަލޫރާ ދެކޮޅަށް މާޒިޔާއިން ކުޅުނު އިރު އޮތީ ތާފަތު ހާލަތެއްގައި ކަމަށާއި އެހެންވެ އޭރު އެ ހާލަތަށް ވިސްނައިގެން ގެންގުޅުނީ އެ ސްޓްރެޓެޖީއެއް ކަމަށެވެ. މިފަހަރު ޕްލޭ އޮފް ބުރުގައި އޮތުމުން މާދަމާ ބްންގަލޫރާ ދެކޮޅަށް ކުޅެން ޖެހޭނީ ތަފާތު ވިސްނުމެއްގައި ކަމަށެވެ.

"2017 ގައި އަހަރެމެން އޮތީ ގުރޫޕް ސްޓޭޖުގައި އެހެންވީމަ އޭރު ބްންގަލޫރާ ދެކޮޅަށް ކުޅުނު ގޭމް ތަފާތު، މިފަހަރު ބެންގަލޫރާ ދެކޮޅަށް ނުކުންނައިރު މިއޮތީ ޕްލޭއޮފް ގައި، ޕްލޭއޮފް ބުރުގައި ކުޅެނީ ދެހާފްގެ ދެ މެޗު، ފުރަތަމަ ހާފު މިއޮތީ މާލޭގައި، ދެ ވަނަ ހާފު ބެންގަލޫރުގައި، އެހެންވީމަ އަހަރެމެންގެ އެޕްރޯޗް ތަފާތު ވާނެ،" ސެކްލޮވްސްކީ ވާހަކަ ދެއްކި އެވެ. "ގުރޫޕް ސްޓޭޖުގައި ޕޮއިންޓަކުންވެސް ފުއްދާ ލެވިދާނެ އެކަމަކު ޕްލޭއޮފް ބުރުގައި ނަތީޖާ ބިނާ ވަނީ ދެ މެޗުގައި ކުރާ މަސައްކަތަކުން."

ޕްރިލިމިނަރީ ބުރުގެ ދެ ވަނަ ލެގް މެޗުގައި މާލޭގައި މިދިޔަ ބުދަ ދުވަހު ބަންގުލަދޭޝްގެ ޑާކާގައި އަބަހާނީ އާ ދެކޮޅަށް ކުޅުނު މެޗުގެ ދެ ވަނަ ހާފުގައި މާޒިޔާއަށް ވަނީ ލަނޑު ޖަހާނެ ގިނަ ފުރުސަތަތުތަކެއް ލިބިފަ އެވެ. ސެކްލޮވްސްކީ ބުނީ ބެންގަލޫރާ ދެކޮޅަށް ކުޅޭ މެޗުގައި އެކަންކަން ހައްލުވާނެ ކަމަށެވެ. އަދި މެޗުގައި ލިބޭ ފުރުސަތަުތަކުގެ ބޭނުން ހިފޭނެ ކަމަށް އުންމީދު ކުރާ ކަމަށް ސެކްލްވްސްކީ ބުންޏެވެ.

މާޒިޔާއިން ވަނީ ރާއްޖޭގެ ދިވެހި ޕްރިމިއާ ލީގް ކަށަވަރު ކޮށްފަ އެވެ. އެހެންނަމަވެސް ބަންގަލޫރު ވާދަ ކުރާ އިންޑިއާގެ ސްޕަ ލީގް ދަނީ ކުރި އަށެވެ. މާދަމާ މާލޭގައި ކުޅޭ މެޗަށް ފަހު، އަންނަ ހޮނިހިރު ދުވަހު އިންޑިއާގެ ސްޕަ ލީގްގައި އޭޓީކޭ އާ ދެކޮޅަށް ބެންގަލޫރު ވާދަ ކުރާނެ އެވެ. ސެކްލޮވްސްކީ ބުނީ ލީގްގައި ކައިރިކައިރީގައި މެޗުތަކެއް ކުޅެން ޖެހުނު ނަމަވެސް އޭގެ އަސަރު ބެންގަލޫރަށް ކުރާނެ ކަމަށް ގަބޫލު ނުކުރާ ކަމަށާއި އެ ޓީމަކީ އެއަށްވުރެ ޕްރޮފިޝަނަލް ޓީމެއް ކަމަށެވެ.

"މިހާރުވެސް އެ ޓީމަށް ވަނީ އިންޑިއާ ސުޕަ ލީގްގެ ޕްލޭއޮފް ޖާގަ ކަށަވަރުވެފަ، އެހެންވީމަ އަހަންނަކަށް ހީއެއް ނުވޭ، އެ ޓީމަށް އޭގެ އަސަރު ކުރާނެ ހެނެއް،" ސެކްލޮވްސްކީ ބުންޏެވެ. "އަނެއްކާ އެ ޓީމަކީ އެއަށް ވުރެ ޕްރޮފިޝަނަލް ޓީމެއް."