(16 ފެބްރުއަރީ 2020 އާ ގުޅޭ)
"ކޮންގެއަކު ކުއްޖެއް... މާލެތަ؟" އިބާ ސުވާލުކުރިއެވެ. އޭނާގެ ދަރިފުޅަށް އިބާ ޚިޔާރުކުރީ ހުރިހާ ގޮތަކުން ސާރާ ކަމުގޮސްގެންނެވެ. އެހެންވެ ސާރާއާ އެ އަންހެންކުއްޖާ އަޅާކިޔެންހުރި ގޮތަކަށް އޭނާ އަޅާކިޔާނޭކަން ޔަގީނެވެ.
ހޭޒަލްއަކީ ކޮންގެއަކު ކުއްޖެއްކަން މަންމައަށް ދާރިއަން އޮޅުފިލުވައިދިނެވެ. އަދި މިހާރު އޭނާގެ ހަޔާތަށް ގެންނަން ކުއްޖަކު ހޮވާފައި ހުރުމުން މަންމަ އެދޭ ފަދައިން އޭނާ ވެސް ކައިވެނި އަވަސްކުރަން ބޭނުންވާކަން ހާމަކުރިއެވެ. ދުވަހެއް ބުނުމުން އެ ޢާއިލާއާ ބައްދަލުކުރަން ހޭޒަލް ގެންނާނޭކަން ވެސް ދާރިއަން ބުންޏެވެ. އިބާއަށް މިލުބުނު އައު މަޢުލޫމާތާމެދު ކަންތައްކުރާނޭ ގޮތެއް ނުނިންމުނެވެ. ކުއްލިއަކަށް ދާރިއަން އައިސް އޭނާ ކައިވެނި ކުރާނޭ ކުއްޖަކު އެބަހުއްޓޭ ބުނުމުން އެކަން ޤަބޫލުކުރަން ވެސް އިބާއަށް ދަތިވީއެވެ. މިހާ ދުވަހު ސާރާއާއި ދާރިއަންގެ ޖޯޑު ފުރިހަމަ ކުރުމަށް އޭނާ ކުރި އުއްމީދު ސީދާނުވާނޭކަން އިބާއަށް ޔަގީން އެކޮށްދިނީ ޚުދު އޭނާގެ ދަރިފުޅެވެ. ދެން ހަދާނީ ކިހިނެއްބާއޭ އިބާގެ ހިތަށް އަރަމުންދިޔައެވެ.
"މަންމާ... ބައްޕަ ވެސް ބުނެބަލަ... ކޮންއިރަކުން ހޭޒަލް ގެންނަންވީ، ކައިވެނި އަވަސްކުރަން ބޭނުން" ދާރިއަން ބުންޏެވެ. އިބާއަށް ދާރިއަންގެ އަތްތިލައިގެ ތެރެއިން އޭނާގެ ވައަތްތިލަ ދަމައިގަނެވުނެވެ.
"ތިބުނާ ކުއްޖެއްގެ ގޮތެއް އަހަރެމެންނަށް އެނގެނީއެއްނޫން... އިއްޔެ މެންދުރަކުނޫން ދޯ ކައިވެނީގެ ވާހަކަ މަންމަ ދެއްކީ، މިއޮއް ހުރިހާ ދުވަހު ތިބުނާ އަންހެންކުއްޖާ ކޮބާ؟ ކީއްވެ ދާރިއަންއަށް އަހަރެމެން ގާތު ތިވާހަކަ ނުބުނެވެންވީ... ކުއްޖަކާ ރައްޓެހިވެގެން އުޅޭއިރު އަހަރެމެންނަށް ވެސް އެކަން އެނގެންވާނެއެއްނު" އިބާ މުޅިއަކުން ދާރިއަންގެ ނިންމުމާ ގަޔާނުވިކަން އެންމެންނަށް ވެސް އެނގުނެވެ.
"މަންމާ، ކޮންމެ ކަމަކަށް ވެސް ވަގުތެއް ކަނޑައެޅިފައޭ، މީ އެވަގުތު..." ދާރިއަން މަޑުމައިތިރިކަމާއެކު މަންމައަށް ވިސްނައިދެވޭތޯ ބެލިއެވެ. މަންމަގެ މިޒާޖު ދާރިއަންއަށް އެނގެއެވެ. ހޭޒަލްގެ ހުރިހާ ހަޤީޤަތެއް ފާޅުނުކުރީ އެހެންވެއެވެ. ސާރާއަށް ޓަކައި މަންމަގެ ހިތުގައި ޚާއްޞަ ގަދަރެއްވާކަން ދާރިއަންއަށް އެނގެއެވެ. ވީއިރު މަންމަގެ ހޮވުން އެއްފަރާތްކޮށް އެކަކަށް ވެސް ނޭނގޭ އަންހެންކުއްޖަކު ދާރިއަން ޚިޔާރުކޮށްފިންކަން ބުނުމުން އެ މަންމަގެ ޖަޒުބާތުތަކަށް ވާނޭ ގޮތެއް ވެސް ދާރިއަންއަށް ވިސްނެއެވެ.
"އަހަންނަކަށް ދެން ނޭނގެ، ދާރިއަންއަށް ފެންނަ ގޮތަކަށް ކަންތައްކުރަންވީނު" އިބާ ކުއްލިއަކަށް ތެދުވިއެވެ. އެތަނުގައި ތިބި އެކަކަށް ވެސް ބަލާލުމެއްނެތި އޭނާ ހަލުވިކޮށް ހިނގައިގަތީ ކޮޓަރިއަށް ދިއުމަށެވެ.
"ދަރިފުޅު ސީރިއަސްކޮށް ދެއްކި ވާހަކައެއްތަ؟... ނޫނީ މަންމަ ކައިވެނީގެ ވާހަކަދައްކާތީ..." ޒުކަންއަށް ދާރިއަން އަތުން އިޝާރާތެއްކޮށްލުމާއެކު ދައްކަމުންދިޔަ ވާހަކަ މެދުކަނޑާލިއެވެ.
"ކައިވެންޏާމެދު ދޮގެއް ނުހަދާނަން، ސަމާސާއެއް ވެސް ނުކުރާނަން... ހޭޒަލްއަކީ އަޅުގަނޑު ޚިޔާރުކުރި ކުއްޖާ، އޭނާ ވެސް ހުރީ ކައިވެންޏާ ރުހިގެން، ދެން އޮތީ ޢާއިލާގެ ރުހުން ހޯދުން" ދާރިއަން ބުންޏެވެ.
"މަންމައަށް އެހެންއެވީ ކީއްވެކަން ދާރިއަންއަށް އެނގެއެއްނު، ބައްޕަ ވެސް ހިތަށް އެރި، ދަރިފުޅު ކުއްޖަކު ޚިޔާރުކުރިއިރު އެކަން އަންގާލި ނަމައޭ" ޒުކަންގެ ޚިޔާލު ފާޅުކުރިއެވެ.
"ކުރިން އެނގުމުން ވާނެކަމެއްނޯންނާނެ، ކައިވެނި ހަމަނުޖެހެނީސް އަޅުގަނޑު ޚިޔާރުކުރާ އަންހެންކުއްޖަކު މިގެއަށް އައިސް އުޅޭކަށް އެއްބަހެއްނުވެވޭނެ، މިގެއަށް އައިސް މަންމައަށް އެހީތެރިވެ އަޅުގަނޑުގެ ކަންކަން ކޮށް، އަޅުގަނޑުގެ ކޮޓަރިއަށް ވަދެ... މިހުންނަނީ ކައިވެނިނުކުރާ ހިލޭ އަންހެނަކު ލައްވާ އަޅުގަނޑު ކުރުވާނެ ކަންކަމެއްނޫން، ކޮންމެ ގޮތެއް ވިޔަސް ކައިވެނި ނުކުރާހާ ހިނދަކު އޭނާ ވާނީ ހިލޭ އަންހެނަކަށް" ދާރިއަންގެ ވާހަކައިން އެތަނުގައި ތިބި އެންމެންނަށް ވެސް ހީވީ އޭނާ އެދެއްކީ ސާރާ އުޅޭ ގޮތުގެ ވާހަކަހެންނެވެ. މާމަދަރިފުޅުގެ ވާހަކަ އިވި ތަހުމީނާގެ ހިނިތުންވުން ފުޅާވެލިއެވެ. މަޑުމަޑުން އޭނާއަށް ބޯޖަހާލެވުނެވެ. އުމުރުން އެންމެ ހަގު ކުއްޖާއަށް ވިޔަސް ދާރިއަން އެދެއްކީ އެތަނުގައި ތިބި އެންމެންނަށް ވެސް އިބްރަތަކަށްވާވަރު ވާހަކައެއްކަން ތަހުމީނާ ޤަބޫލުކުރިއެވެ.
"ޒުކަން!... އިބާގެ ރުޅި މަޑުވީމަ ދަރިފުޅު އޭނާއަށް ވިސްނައިދީ، މަންމަ ވެސް އެބުނާކުއްޖަކު ނުދެކެން، އެކަމަކު މަންމަ ރުހިއްޖައިން، ކައިވެނީގެ ކަންކަން ހަމަޖައްސަން މަންމައަށް ފެނޭ" ތަހުމީނާގެ ތުންފަތުގައިވީ ހިނިތުންވުމެކެވެ.
މަންމައާ ދެކޮޅުވުމަކީ އެއްވެސް އިރަކު ޒުކަން ކުރިކަމެއްނޫނެވެ. އޭނާ ވެސް އެ އިނީ ބަސްހުއްޓިފައެވެ. ދާރިއަންގެ މިހުންނަނީ ކާކުގެ ވިސްނުމެއްބާއޭ ޒުކަން ހިތަށް އަރައެވެ. އޭނާ އެ ދަރިފުޅަށް އެފަދަ ތަރުބިއްޔަތެއް ނުދެއެވެ. ޚުދު އޭނާއަކީ ވެސް އެފަދަ ޚިޔާލުތަކެއް ގެންގުޅޭ މީހެއްނޫނެވެ. އެފަދަ ކަންކަމަކީ ވިސްނާ ފިކުރުކުރަންޖެހޭހާ މުހިއްމު ކަންކަން ކަމުގައި ޒުކަން ނުދެކެއެވެ. މިހާރު ޒަމާން ބަދަލުވެ އާދަކާދައާއި ސަގާފަތް މިވަނީ ބަދަލުވެފައެވެ. ދާރިއަން ފާހަގަކުރި ކަހަލަ ވިސްނުން ބޯދާވެފައެވެ. މަޑުމަޑުން އިސްލާމީ ރިވެތި އުސޫލުތައް ވަޅުޖެހި ހުޅަނގުގެ ތަހުޒީބުގެ ވިދުން ގަދަވެއްޖެއެވެ. މުޢުމިނެއްގެ ގޮތުގައި އުފަންވުމަށްވުމަށް ފަހު ކާފަރުކަމުގެ ކުލަތައް ރީތިވެ އެކަންކަން ޤަބޫލުކުރެވި އެގޮތްގޮތް ޢާއްމުވެފައިވެއެވެ. އެހެންވިޔަސް އެ ދަރިފުޅުގެ ހަރުދަނާ އުސޫލުތައް ފެނި ޒުކަންގެ ނަފްސަށް ބަޔާންކުރަން ނޭނގޭ ފިނިކަމެއް އިޙްސާސް ކުރެވުނެވެ. ދާރިއަންއަކީ އޭނާގެ ލޭ ހިނގާ ދަރިއަކަށްވުމުން އެކަމާ ފަޚުރުވެރިވެއެވެ.
މަޝްވަރާ ކުރާނީ ފަހުން ކަމުގައި ތަހުމީނާ ބުނެ ދާރިއަން ގާތު އޭނާއާއެކު ކޮޓަރިއަށް އައިސް ދިނުމަށް ބުންޏެވެ. އައިކު ފުންމައިގެން ތެދުވީ އެމީހުން ދައްކާ ވާހަކައެއް އަޑުއެހުމުގެ ޝައުގުގައެވެ. މާމައާއި ދާރިއަންއާއެކު އޭނާ ހިނގައިގަތުމުން ތަހުމީނާ ބަލާލިއެވެ.
"ކޮއްކޮގެ ނަމޫނާއަކަށްވާންވީ އައިކު، އެކަމަކު މާމައަށް އަބަދުވެސް ފާހަގަވޭ އައިކުއަށްވުރެ ކޮއްކޮ ބަސްއަހާކަން، ދަރިފުޅު ވެސް ތިއުޅޭ ތާކުންތާކު ނުޖެހޭ ގޮތް ދޫކޮށްލައި ކޮއްކޮ ފަދަ ހަރުދަނާ ޒުވާނަކަށް ވާން މަސައްކަތް ކޮށްބަލަ، ބައްޕަގެ މަސައްކަތުގައި ބައިވެރިވެ، ދިރިއުޅުމެއް ފަށަން ޚިޔާލުކޮށް... ތި ގަޑިގަޑިންއަށް ނަމާދަށް އަރާ ހެދޭތޯ ބަލާބަލަ" ތަހުމީނާއާއެކު އައިކު އަންނާތީ އޭނާ ބުންޏެވެ. ވަގުތުން އައިކުގެ މިސްރާބު ބަދަލުވެއްޖެއެވެ. ތަހުމީނާ އެކަހަލަ ވާހަކައެއް ދައްކަންޏާ އައިކު ބަލާނީ މާމައާ ވީހާ ވެސް ދުރަށް ދެވޭތޯއެވެ.
"އެ ދިޔައީނު... މަށަށް އެނގޭ އެކަހަލައެއް ވާހަކައެއް އޭނާ އަޑެއް ނާހާނެކަން" ތަހުމީނާގެ ގާތުގައި ހުރި ދާރިއަންއަށް ބަލާލައި ބުނެލިއެވެ. އޭނާ މާމައާ ބަދަލުކޮށްލީ ލުއި ހިނިތުންވުމެކެވެ. އޭނާއަށް ވެސް އައިކުގެ ގޮތް އޮތީ އޮޅިފައެއްނޫނެވެ.
ތަހުމީނާގެ ކޮޓަރިއަށް ވަދެވުމުން ދޮރު ލައްޕާލާފައި އޭނާގެ ގާތުގައި އެނދުގައި އިށީނުމަށް ދާރިއަން ކައިރީ ބުނެލިއެވެ. މާމަ އެދުނުހެން ދާރިއަން ކަންތައް ކުރިއެވެ. ފުރަތަމަ ވެސް ތަހުނީ ފަރުވާތެރިކަމާއެކު ދާރިއަންގެ މޫނަށް ބަލާލިއެވެ. އޭނާއަށް ނިކަން ބޮޑަށް ހިނިތުންވެލިއެވެ. ހޭޒަލްގެ ނިންކިޔާލާފައި ވަރަށް ރީތި ނަމެކޭ ތަހުމީނާ ބުނެލިއެވެ. ދާރިއަންއަށް ވެސް ހިނިތުންނުވެވުނީ ދެނެވެ. މާމަ އޭނާ ހޭޒަލްގެ ވާހަކަ އޮޅުން ފިލުވާހިތުންކަން ދާރިއަން ދެނެގަތެވެ.
"ދަރިފުޅު އޭނާ ގާތު އިންނަން އެހީ ދޯ... މާމަގެ ހިތް ބުނަނީ ޖަވާބު ލިބުނީމައޭ މާމަމެން ކައިރީ އެވާހަކަ ތިބުނީ" ތަހުމީނާގެ ހިތުގައި އޮތް އެއްޗެއް ހާމަކުރިއެވެ.
ދާރިއަން އެއްބަސްވުމުން ތަހުމީނާ އެދުނީ ހޭޒަލްގެ ފޮޓޯއެއް އޮތިއްޔާ ދައްކާލުމަށެވެ. އެ އަންހެންކުއްޖާ ހުންނަ ގޮތް ބަލާ ހިތްވީ ކަމުގައި ބުންޏެވެ. ދާރިއަންގެ އަތުގައި ހުރީ ހޭޒަލް ބުރުގާ ނާޅާއިރުގެ ފޮޓޯތަކެވެ. އެހެންވެ މާމަ އެދުނެއްކަމަކު އެ ފޮޓޯތަކެއް އޭނާ ނުދެއްކިއެވެ. ހޭޒަލްއަށް ކައިވެނިކުރަން ހުށަހެޅި ރޭ ދާރިއަން ހުރީ ހޭޒަލްގެ ފޮޓޯއެއް ނަގާ ހިތުންނެވެ. އެކަމަކު އެ ފުރުޞަތު ނުލިބުނީއެވެ.
"މާމައަށް ކަމުދާނެ، މާޝާ ﷲ، ވަރަށް ރީތިވާނެ... ވަރަށް ހިތްހެޔޮވާނެ، ދޮންކޮށް ހިކިކޮށް ހުންނާނީ" މާމަގެ ހިތްހަމަޖެހުމަށް ހޭޒަލް ސިފަކޮށްދޭން ދާރިއަން މަސައްކަތްކުރިއެވެ.
"މަންމައާ މެދު ދާރިއަން ނުވިސްނާ، މާމައަށް ޔަގީން ދަރިފުޅުގެ ބައްޕަ މި ނިންމުމާމެދު ޤަބޫލުކަން" ދާރިއަންގެ ކޮނޑާ ދިމާއިން އަތުގައި ތަހުމީނާ ފިރުމާލިއެވެ.
"މާމާ... އަޅުގަނޑު ވަރަށް މުހިއްމު ވާހަކައެއް އަދި ނުބުނަން" ހޭޒަލްއާ ރުހޭކަން ތަހުމީނާ ހާމަކުރީ ހުރިހާ ހަޤީޤަތެއް ނޭނގިކަން ދާރިއަންއަށް އެނގެއެވެ. އޮޅުވާލައިގެން ކައިވެންޏެއް ނުކުރެވޭނެއެވެ. އެގޮތަށް އެކަން ކުރުމުގެ ވިސްނުމެއް ވެސް ދާރިއަންގެ ނެތެވެ. އޭނާ މާމައަށް ގޮވާލިއެވެ.
"ހޭޒަލްއަކީ މީހަކާ އިނދެ ވަރިވެފައި ހުރި ކުއްޖެއް..." ދާރިއަންގެ ނަޒަރު ހުރީ ތަހުމީނާއާ އަމާޒުވެފައެވެ.
ހިމޭންކަމެއް ތަހުމީނާއަށް ވެރިވިއެވެ. ތަހުމީނާގެ ނަޒަރު ދާރިއަންއާ ވަކިކޮށްލިއެވެ. އޭނާ ވިސްނަން އިރުކޮޅަކު އިނުމަށްފަހު ދާރިއަންއާ ސުވާލުކުރިއެވެ. ހޭޒަލް ވަރިވިތާ ކިހާ ދުވަހެއް ވެދާނެތޯއާއި ދަރިއަކު ހުރިތޯ ތަހުމީނާ އެއްސެވެ. އެ ސުވާލުތަކަށް ދާރިއަން ޖަވާބުދިނެވެ. އަދި އޭނާ ހޭޒަލްއަށް އިންނަން ނުހަނު ބޭނުންކަން ބުންޏެވެ.
"މާމައަށް ތިކަން ބޮޑުކަމަކަށްނުވޭ، އެކަމަކު ދަރިފުޅުގެ މަންމަ އުޅޭނޭ ގޮތް އެނގެއެއްނު... އަހަރެމެންގެ ދީނުގައި ކައިވެންޏަކީ ވެސް އަންހެނުންނަށް ލިބިދޭ ރައްކާތެރިކަމެއް، ވަރިވެފައި އިން އަންހެނަކާ ކައިވެނިނުކުރެވޭނޭ އެއްވެސް އުޒުރެއްނެތް، ދަރިފުޅު އެ އަންހެންކުއްޖާ ތި ޚިޔާރުކުރީ ވަރަށް ވިސްނާފައިކަން މާމަ ޤަބޫލުކުރަން" ތަހުމީނާ ބުންޏެވެ.
"ރަނގަޅުވަގުތެއް ބަލާފައި މަންމަ ގާތު ބުނާނަން، މާމަ ޕްލީޒް މަންމައަށް ވިސްނައިދެއްޗޭ، ހޭޒަލްއަކީ ވަރަށް ރަނގަޅުކުއްޖެއް، މަންމަ އޭނާއާ މެދު ގޯސްކޮށް ހިތާފާނެތީ ކަންބޮޑުވަނީ" ދާރިއަން ބުންޏެވެ.
ތަހުމީނާއަށް ހުރިހާކަމެއް ކިޔާދެވުނީތީ ދާރިއަންއަށް ހިތްހަމަޖެހުން ލިބުނެވެ. ވީހާ ވެސް އަވަހަކަށް ހުރިހާކަމެއް ހެމެޖެހޭތޯ ތަހުމީނާ ބާރު އަޅާނޭކަމަށް އެއްބަސްވިއެވެ. އެހެންވެ ކޮޓަރިއަށް ދާރިއަން އައީ އުފާވެރި ހިނިތުންވުމަކާއެކުއެވެ.
* * * * *
އާ ދުވަހެކެވެ. ފަތިސް ނަމާދުކޮށްގެއަށް އައި މަގުމަތީ ޒުކަންއާ ދާރިއަން ވާހަކަދެއްކިއެވެ. ބައްޕައަށް ވެސް ހޭޒަލްއަކީ މީހަކާ އިނދެ ވަރިވެފައި ހުރި އަންހެންކުއްޖެކަން ބުނެދިނެވެ. އަދި ކައިވެނި އަވަސްކޮށްދިނުމަށް ދާރިއަން އެދުނެވެ. މަންމަގެ ރުހުން ހޯދާ ދިނުމަށް ބައްޕަ ގާތު ދާރިއަން އެދުނެވެ. ޒުކަންއަށް ޤަބޫލެއްނުކުރެވުނެވެ. ދާރިއަންއަށް އެފަދަ އަންހެންކުއްޖަކު ކަމުދިއުމުންނެވެ. އެހެންވިޔަސް ދަރިފުޅު ބޭނުންވާ ކޮންމެ ގޮތެއް އޭނާއަށް އެންމެ ރަނގަޅެވެ. އޭނާ އިބާއާ އެއްބައިވަމުން އައީ ދާރިއަންއަށް ޚާއްޞަ ކުއްޖަކު ހުރިކަން ނޭނގޭތީއެވެ. އެކަމަކު މިހާރު އޭނާ ވެސް އެހުރީ އެ އަންހެންކުއްޖަކާ ބައްދަލުވާނޭ އިރެއްގެ އިންތިޒާރުގައެވެ. އެކަންވާން އޮތީ އިބާ ރުއްސައިގެންނެވެ.
އެނދުމަތީ އުއްޑުން އޮށޯވެލައިގެން ދާރިއަން އޮތެވެ. އޭނާ އެއްއަތުން ފޯނު ހިފަހައްޓާލައިގެން އަނެއްއަތް ބޯދަށަށް ލައްވާލައިގެން އޮތެވެ. ފޯނުން ފެންނަން ހުރީ އޭނާ ހޭޒަލްއަށް ރޭގައި ފޮނުވި މެސެޖަށެވެ. އައި ލަވް ޔޫ ޖަހާފައި އޮތް އެ މެސެޖަށް ބަލަން އޮވެ ދާރިއަން ހިނިތުންވިއެވެ. ޚުދު އޭނާއަށް ވެސް ޤަބޫލުނުކުރެވިގެން އުޅޭ ކަހަލައެވެ. އެ ތިން ލަފުޒު ހޭޒަލްއަށް ފޮނުވުނީމައެވެ. ދޭތެރެއަކުން ހިނިތުންވުން ފުޅާވެ ލުއި ހީނލުމަކަށް ބަދަލުވެއެވެ. އޭނާގެ ހިތާއި ސިކުނޑީގައި ކޮންމެވެސް ޝުޢޫރުތަކެއް ހިނގާކަން ޔަގީނެވެ. ރަކިވުމާއި ލަދުވެތިކަމުގެ އަސަރު އެމޫނުގައި ވިއެވެ.
"ގުޅަންވީތަ؟" ފޯނަށް ބަލަން އޮވެ ދާރިއަން ބުންޏެވެ. ހީވީ ފޯނާ ސުވާލުކުރީ ހެންނެވެ.
"ބައްދަލުކުރާހިތްވަނީ... ފެންނާނެނަމައޭ ހިތަށް އަރާ" ދާރިއަން އަނެއްކާ ވެސް ވާހަކަދެއްކިއެވެ.
* * * * *
އެކަނިވެލަން ބޭނުންވެ ހޭޒަލް ހުރީ ހާމަފެންޑާގައެވެ. އަނދިރިކަން ފިލާ ދުނިޔެމަތި މުޅިން އަލިކޮށްފިއެވެ. ހާމަފެންޑާގައި ގޮނޑިޖަހާފައި ހުރި ބައިގަ ހޭޒަލް އިނެވެ. ފުން ވިސްނުމަކަށް ގެއްލިފައެވެ. އޭނާ ދެފަޔަށް އަވިއަރާ ހޫނުވަމުން ދިޔައިރު ވެސް ގުޑައިނުލިއެވެ. ނަމަވެސް ސަމާލުކަން އެހެން ދިމާއަކަށް ދޭން ޖެހުނީ ރިޒްވާނު އެތަނަށް އައުމުންނެވެ. އޭނާ އައިސް ހޭޒަލްގެ ކައިރީ ހުރި ގޮނޑީގައި އިށީނެވެ.
"ދާރިއަންއަށް ޖަވާބެއް ދީފިންތަ؟" ރިޒްވާނު އެނގެން ބޭނުންވިއެވެ.
ރިޒްވާނަށް ޖަވާބު ދިނުމަށް ހޭޒަލް ބޯޖަހާލިއެވެ. ދާރިއަން ގުޅާނަމޭ ބުނެފައި އޮތްކަން ހޭޒަލް ހަނދާންވީ ދެނެވެ. އޭނާގެ އަތުގައި ފޯނު ވެސް ނެތެވެ. ރިޒްވާނު ދެން އެދުނީ ދާރިއަން ގާތު އޭނާއާ ބައްދަލުކޮށްލަން އެގެއަށް އައުމަށް ބުނުމަށެވެ. ދެން ވެސް ހޭޒަލް ބޯޖަހާލީއެވެ. އެކަމުގައި ހޭޒަލްއަށް ދެކޮޅު ހެދެން ނެތީއެވެ. ވާންހުރިކަމެއް ވާންހުރި ގޮތަކަށް ވާން ދޫކޮށްލުންނޫން ގޮތެއް ނެތީއެވެ. ހޭޒަލް ތެދުވެ ދާރިއަން ގުޅާނަމޭ ބުނިކަމާއި ފޯނު ނުލާކަން އާދެވުނީ ބުންޏެވެ. ރިޒްވާނު އިތުރު ސުވާލެއް ނުކުރުމުން އެތަނުން ހޭޒަލް ހިނގައްޖެއެވެ.
ކޮޓަރިއަށް ވަންގޮތަށް އެނދުއަރިމަތީ ކަބަޑުމަތިން ހޭޒަލްގެ ފޯނު ނެގިއެވެ. ފޯނު ހުޅުވާލަމުން އެނދުގެ އަރިމަތީ އިށީނެވެ. ބައިގަޑިއިރެއްހާ ކުރީން ދެފަހަރު ދާރިއަން ގުޅާފައި އޮތެވެ. އަދި ވަގުތުވީމާ ދާރިއަންއަށް އަންގާލަ ދިނުމަށް އެދި މެސެޖެއް ވެސް ފޮނުވާފައި އޮތެވެ. ހިތްވަރު ނެރޭ ފަދައިން ހޭޒަލް ފުންނޭވާއެއް ލިއެވެ. ސުކޫތުކޮޅަކަށް ފޯނަށް ބަލަން އިނދެފައި ދާރިއަންއަށް ޑައިލް ކުރިއެވެ. ގުޅުނުތާ ގިނައިރެއްނުވެ ދާރިއަން ކޯލަށް ޖަވާބުދިނެވެ. ކުރިން ނުވާ ޖެހިލުންވުމެއް ހޭޒަލްއަށް ކުރިމަތިވިއެވެ. އޭނާގެ ނަމުން ދާރިއަން ގޮވާލީ ވާހަކަނުދައްކައިގެން ހޭޒަލް ދެނަހުއްޓެވެ.
"ފޯނު ކޮޓަރީގަ ބާއްވާފަ ނުކުމެވުނީ، އެހެންވެ ގުޅިކަން ނޭނގުނީ" ހޭޒަލް ބުންޏެވެ.
"އެއީ މައްސަލައެއްނޫން، ކިހިނެއްތަ؟... ސައިބޮއެފިންތަ؟..." ދާރިއަން އާދައިގެ ގޮތުގައި ވާހަކަފެށިއެވެ. އޭނަގެ ސުވާލުތަކަށް ހޭޒަލް ޖަވާބުދިނެވެ. އެއާއެކު ދާރިއަން ދެން އެދުނީ ހޭޒަލްއާ ބައްދަލުކޮށްލާ ވާހަކަދައްކަން ބޭނުންވާކަމެވެ. އެކަމަށް ވަކިޖަވާބެއް ނުދީ ދާރިއަންއާ ބައްދަލުކުރަން ރިޒްވާނު ބޭނުންވާކަން ހޭޒަލް ހާމަކުރިއެވެ.
"މިއަދު އޮފީސް ނިންމާފަ ދިޔަޔަސް އެންމެރަނގަޅުތަ" ދާރިއަން ބުނެލި އަޑު އިވުނެވެ. ވިސްނަން ހުރެފައި ހޭޒަލް ހޫން ލައްވާލިއެވެ.
"ޒެލް... އަދިވެސް އަހަރެން އަހާލަން ބޭނުން، ޔަގީންވެގެންތަ ބުނީ އަހަންނާ އިންނާނަމޭ" ދާރިއަން އަހާލިއެވެ.
"އާން... ޔަގީން..." ހޭޒަލްގެ ޖަވާބުތައް ކުރެވެ. އޭނާ ތަންކޮޅެއް ގިނައިން ވާހަކަދައްކަން ދާރިއަން ހުރީ ބޭނުންވެފައެވެ. އެއަޑު އަހަން ބޭނުންވެފައި ހުރިވަރުންނެވެ.
"ދެން ބާއްވަނީ" ދާރިއަން އެއްޗެކޭ ނުބުނެ ހިމޭންކަން ވެރިވުމުން ހޭޒަލް ބުނެލިއެވެ. ދާރިއަންއަށް ބުނާނޭ އެއްޗެއް ނޭނގިގެން ހޫން ލައްވާލިއެވެ. އެއާއެކު ވަގުތު ކޯލު ކެނޑިއްޖެއެވެ.
އަތުގައި އޮތް ފޯނަށް ހޭޒަލްއަށް ބަލަން އިނދެވުނެވެ. އިރުކޮޅެއްގެ ތެރޭ އޭނާއަށް ދާރިއަންގެ މެސެޖެއް އައެވެ. ރެއެކޭ އެއްގޮތަކަށް "އައި ލަވް ޔޫ" ޖަހާފައި އޮތެވެ. މިފަހަރު ވެސް ހޭޒަލް އެ މެސެޖަށް ޖަވާބެއް ނުދިނެވެ. ބަލަން އިނދެފައި އޭނާ މެސެޖު ބައިން ނުކުމެ ފޯނުގެ އިސްކުރީނު ނިވާލީއެވެ. އަދި ރިޒްވާނު ހޯދަން އޭނާ ކޮޓަރިން ނުކުތެވެ.
* * * * *
ދޮރުގައި ޓަކި ޖަހާލައި ހުޅުވާލުމުން ދާރިއަން އިސްއުފުލާލިއެވެ. އެތެރެއަށް ވަދެގެން އަންނާތީ ފެނުނީ ސާރާއެވެ. ބަލަން އިން ކުރެހުންތަކުގެ ކަރުދާސްތައް އެއްކޮށްލައި ކުރިމަތީ ބަހައްޓާލި ގޮތުން ހީވީ ސާރާއަށް ދާރިއަންގެ ސަމާލުކަން ދިނީހެންނެވެ. އޭނާ އައިސް ހުއްޓިލީ ސީދާ ދާރިއަންގެ ކުރިމަތީގައެވެ. އެ ދެމެދުގައި ހުރަކަށްވީ ދާރިއަންގެ މޭޒެވެ.
"ގަސްދުގައި ނައީކަން އެނގޭ..." ދާރިއަންއަށް ބަލަން އިރުކޮޅަކު މަޑުކޮށްލުމަށްފަހު ސާރާ ބުންޏެވެ.
"އާން! ތިބުނީ ރަނގަޅަށް... އަހަރެން ސާރާ ގާތު ވެސް ބުނިން އަހަރެމެން ދެމީހުންނަކަށް ގުޅިގެން ނޫޅެވޭނޭ، އަހަރެން ސާރާއާ ކައިވެނިކުރާކަށް ބޭނުމެއްނޫން..." ދާރިއަންގެ ނަޒަރު ސާރާއަށް އަމާޒުކުރެވިފައި ހުރީ އޭނާ ބުނާ އެއްޗެއްގެ ޔަގީންކަން ސާބިތުކޮށްދިނުމަށެވެ. ސާރާ އެއްޗެއް ބުނޭތޯ ދާރިއަން ވާހަކަ މެދުކަނޑާލިއެވެ. ނަމަވެސް ސާރާ އެއްޗެކޭ ބުނަން ގަސްދުނުކުރީތީ ދާރިއަން ވާހަކަ ކުރިއަށް ގެންދިޔައެވެ.
"މަންމަ ބޭނުންވަނީ އަހަރެން މީހަކާ އިންނަން... ސޯ!... ކައިވެނިކުރަން ނިންމައިފިން..." ދާރިއަންއަށް އެހިސާބަށް ބުނެވުނުތަނާ ސާރާގެ މޫނުން ސިހުން ފާޅުވެލިއެވެ. ހީވީ އޭނާ އެތަނަށް އައީ ފަހަރެއްގައި ވެސް ދާރިއަން ފުށުން އެފަދަ ޚަބަރެއް ލިބޭނޭ ކަމަކަށްނޫނެވެ. ސާރާގެ މޫނުގެ ކުލަވަރަށް ދާރިއަން ސަމާލުކަމެއް ނުދިނެވެ.
"މަންމައާއި ބައްޕައަށް ވެސް މިހާރު އެނގޭނެ، ވީ އެންމެ އަވަހަކަށް ކައިވެނި ހަމަޖެހޭނެ، އަހަރެން ބައިވެރިޔަކު ޚިޔާރުކޮށްފިން، އެހެންވީމަ މިހާރު މަންމަމެން އަހަރެން ހުސްހަށިބަޔަށް ހުރެގެން ކަންބޮޑުވާކަށް ނުޖެހޭނެ" ދާރިއަން ބުންޏެވެ.
"ކާކާތޯ އިންނަނީ އަހާލެވިދާނެތަ؟" ސާރާގެ ހިތް އިތުރަށް ޒަޚަމް ވާނޭކަން އެނގިހުރެ އެއްސެވެ.
"ހޭޒަލް..." ދާރިއަން ބުނެލީ އެއްވެސް އަސަރެއްނެތިއެވެ. އޭނާ މަޑުމަޑުން ގޮނޑި ފަހަތަށް ޖައްސާލައި ތެދުވިއެވެ.
"ސާރާގެ ހިތުގައި އަހަންނާމެދު ހަސަދަ ނުލައްޗޭ، އަހަރެން ގަސްދުގައި ސާރާގެ ހިތުގައި ޖައްސަން ކުރިކަމެއްނޫންމީ، އަހަރެން މާކުރީން ވެސް ހުރީ ހޭޒަލްއާ އިންނަން ބޭނުންވެފަ، އަހަންނަށް އެފަދަ ގާތް ގޮތަކަށް ސާރާއާ މެދު ވިސްނިފިއެއްނެތް، އަހަންނަށް މަޖުބޫރުވެގެން ސާރާއާ ކައިވެނި ކުރިނަމަވެސް އަހަންނަށް ސާރާ އެދޭފަދަ ލޯތްބެއް ނުދެވޭނެ، އަބަދުހުރެވޭނީ ފޫހިކަމެއްގެ ތެރޭ... ކައިވެންޏެއް ކުރުމުގައި މަޖުބޫރުކަމެއް އޮވެގެންނުވާނެ، ދެމީހުން ވެސް އެކަމާ ރުހެންޖެހޭނެ... އަންހެނެއްގެ ގޮތުގައި ސާރާގެ ފުށުން އުނިކަމެއް ނުފެނޭ، އެކަމަކު މިއަދަށްފަހު އަހަންނާމެދު ސާރާގެ ހިތުގައިވި އިޙްސާސްތައް ފޮރުވާލައި، އެ އިޙްސާސްތަކުން ސާރާއަށް އެއްވެސް ފައިދާއެއްނުކުރާނެ، އެ އިޙްސާސްތައް ކުރިއަށްނެރި އަމިއްލަ އެދުން ހާސިލުކުރަން އުޅޭނަމަ އަމިއްލަ ނަފްސަށް އަނިޔާއާއި ތަކުލީފުނޫން އެއްޗެއް ނުލިބޭނެ... ﷲ މިންވަރުކުރެއްވި ގޮތާ ރުހި ހިތް ސާފުކޮށްލަދީ... އަހަރެމެންގެ އެކުވެރިކަމާއި، އަހަންނާ ވާހަކަދެއްކުމުން އެ އިޙްސާސްތަކާ ދުރަށްދާން އުނދަގޫވެއްޖެނަމަ އަހަންނާ ގުޅުން ކަނޑާލާ، އަހަރެން ސާރާގެ ނިންމުމަށް އިޙްތިރާމް ކުރާނަން"
ނުރޯން ހުރި ނަމަވެސް ދާރިއަންގެ ވާހަކަތަކުން ސާރާގެ ލޮލަށް ކަރުނަ ޖަމާވާން ފެށިއެވެ. އޭނާގެ ހިތުގައި ދާރިއަންއާމެދު އެއްޗެއް ނުވިޔަސް ހޭޒަލްގެ މައްޗަށް ހިތް ހެވެއް ނުކުރެވުނެވެ. އެ އަންހެނާ ނެތްނަމަ ކޮންމެ ގޮތަކުން ވިޔަސް ދާރިއަން ލިބޭނީ ސާރާއަށެވެ. ހިތްފުނޑުފުނޑުވީ ނަމަވެސް ދާރިއަންގެ ކުރިމަތީ ރޯކަށް ސާރާ ބޭނުމެއްނުވިއެވެ. އޭނާ އިސްއުފުލާލައި ފަންގިފިލާއަށް ބަލާލީ ކަރުނަތައް ހިންދާލުމަށެވެ. ފުންނޭވާއެއް ލާފައި ދާރިއަންއަށް ސާރާ ބަލާލިއެވެ. ތެދުހަށިގަނޑެއް ލިބިފައިވާ ދާރިއަން ފަޓުލޫނުގެ އަރިމަތީ ޖީބަށް ދެއަތްތިލަ ކޮށްޕާލައިގެން ސާރާއަށް ބަލަން ހުރީއެވެ. ދާރިއަން އެދުނަސް އެ ސޫރަ ސާރާގެ ހިތުން ފުހެލާނީ ކިހިނެއްކަމެއް އޭނާއަކަށް ނޭނގެއެވެ. އެހެންވިޔަސް އޭނާގެ ހިތް ދާރިއަންއަށް އެނގިއްޖެއެވެ. އެހިތުގައި ހަސަދައިގެ ގިނި ފާޅުވާނޭކަން ދާރިއަން ދެނެގެންފިއެވެ. ސާރާ ދެތުންފަތް ބައްދާލި ނަމަވެސް މަޑުތުރުތުރެއް އެ ތުންފަތަށް ވެރިވަމުންދިޔައެވެ. އަވަސްއަވަހަށް މޫނު އަނބުރާލައި ހަލުވިކޮށް ދާރިއަންގެ ކެބިންއިން ސާރާ ނުކުމެއްޖެއެވެ. ދޮރާ ދިމާއަށް ބަލަން މަޑުކޮށްލައިގެން ހުރުމަށްފަހު ކަނާއަތްތިލައިން ނިތްކުރީގައި ދާރިއަން ފިރުމާލިއެވެ. އަދި ގޮނޑީގައި އިށީނދެ ހަމަޖެހިލިއެވެ.
* * * * *
އެޕާޓްމެންޓުގެ ދޮރު ހުޅުވީ ރިޒްވާނެވެ. ދާރިއަން ފެނުމުން ހިނިތުންވެލިއެވެ. އެތެރެއަށް ވަނުމަށް ބުންޏެވެ. އެ ދެ މީހުން އައިސް ސިޓިންރޫމުގެ ސޯފާތަކުގައި އިށީނެވެ. ދާރިއަންގެ ނަޒަރު ގޭތެރެއަށް ދަތުރުކޮށްލުމާއެކު ރިޒްވާނު ދެނެގަތެވެ.
"ހޭޒަލްވީ ކޮޓަރީގައި" ރިޒްވާނު ބުނެލިއެވެ. ރަކިވެފައި އިން ފަދަ ހިނިތުންވުމަކާއެކު ދާރިއަން ބޯޖަހާލިއެވެ.
ހޭޒަލް ކޮޓަރީގައި އިނީ ދާރިއަން އަންނާނޭކަން އެނގޭތީ އޭނާއާ ކުރިމަތިލާން ޖެހިލުންވެގެންނެވެ. ކައިވެނި ކުރަން އެއްބަސްވުމުން ދާރިއަންގެ ޢަމަލުތައް ހުންނާނޭ ގޮތެއް ނޭނގޭތީއެވެ. އޭނާއަށް ވިސްނެނީ އޭނާގެ އަލަތު ކައިވެނިކުރެވެން އުޅުނުއިރު ކަންތައްތައް ހުރި ގޮތާމެދުއެވެ.
"ސައިބޯންވީނު... ކޮފީއެއް ގެނެސްދެންތަ؟... ދާރިއަންއާ އެކަނި ވާހަކަދައްކާލަން އައިސްދޭށޭ ބުނީ" ރިޒްވާނު ބުންޏެވެ.
"ކޮފީއެއް އޯކޭ" ދާރިއަން ބުނެލިއެވެ.
ރިޒްވާނު ދާރިއަން ގޮވައިގެން އައީ ބަދިގެއަށެވެ. އެތަނަށްވެރިފައި އޮތް ހަމަހިމޭންކަން ކަނޑުވާލީ ކޮފީ މެޝިނުގެ އަޑުފަށްގަނޑުންނެވެ. ރިޒްވާނުގެ ހަރަކާތްތަކަށް ބަލަން ކައުންޓަރު ދޮށުގައި ދާރިއަން އިނެވެ. ދެ ކޮފީ ތަށި ހިފައިގެން ރިޒްވާނު އައިސް ދާރިއަންގެ ކައިރީ އިށީނެވެ.
"އަޅުގަނޑު... އަޅުގަނޑު ހޭޒަލްއާ ކައިވެނިކުރަން ބޭނުން" ރިޒްވާނު އެއްވެސް އެއްޗެއް ނުބުނަނީސް ދާރިއަން އިސްނެގިއެވެ. ދާރިއަންއަށް ފަރުވާތެރިކަމާއެކު ރިޒްވާނު ބަލަން ފެށުމުން ދާރިއަން ބުނި އެއްޗެއް އޭނާއަށް ދޭހަނުވީހެން ހީވިއެވެ. އެހެންވެ ބުނި އެއްޗެއް ދާރިއަން ތަކުރާރުކޮށްލިއެވެ.
"ހޭޒަލްގެ ޢާއިލާގެ ރުހުމާއެކު" ދާރިއަންގެ ފުށުން ފާޅުވާ ޖެހިލުންވުމުގެ އަސަރު ރިޒްވާނަށް ކަމުދިޔައެވެ.
"ހޭޒަލްއާ ކައިވެނިކުރަން ނިންމީ ކީއްވެ؟" ރިޒްވާނު ސުވާލުކޮށްލިއެވެ.
"ދެ ދުނިޔޭގެ ބައިވެރިޔާއަށް ހޭޒަލްވާން އެދޭހާ ލޯބިވެވުނީ، މިކަމުގައި ﷲގެ މިންވަރުފުޅުނުވާނަމަ ދުވަހަކުވެސް ހޭޒަލް ލިބުމުގެ ނަސީބެއް އަޅުގަނޑަށް ނުލިބުނީސް" ލުއި ހިނިތުންވުމެއް ދާރިއަންގެ ތުންފަތަށް ވެރިވިއެވެ. އޭނާ ރިޒްވާނާ ނަޒަރު ސީދާކޮށްނުލި ނަމަވެސް އެ އަޑުގައިވި މަޑުމައިތިރިކަމާއި އެ މޫނޫގައިވި އަސަރުން ރިޒްވާނަށް ޖަވާބު ލިބުނެވެ.
"ދާރިއަންގެ ޢާއިލާގެ ޚިޔާލަކީ ކޮބާ؟" ރިޒްވާނު ސުވާލުކުރިއެވެ.
* * * * *
"ކިހިނެއްވެފަތަ ދާރިއަންއަށް އެހުރީ..." އިބާގެ އަޑު ކޮޓަރި ތެރޭ ގުގުމާލިއެވެ.
"އަހަންނަށް ހީވަނީ އިބާއަށްހެން ކަމެއްވީ... އަހަންނަށް އެއީ މައްސަލައެއްނޫން، މަންމަ ވެސް ބުނި އެއީ މައްސަލައެއްނޫނޭ، ރަނގަޅު ކުއްޖަކަށޭ އެވާނީ... ދާރިއަންއަށް އަހަރެން ވެސް އިތުބާރުކުރަން، އިބާ ތީ މަންމަ، އޭނާގެ ގޮތް އިބާއަށް ވެސް އެނގެއެއްނު" ޒުކަން ވެސް އިބާއަށް ދުލެއްނުދިނެވެ.
"އެނޫން އަންހެނެއް އޭނާއަށް ނުވީތަ... އުމުރަށް ވެސް ބަލާބަލަ... ސާރާ އަދި ދުވަހަކުވެސް މީހަކާ ނީނދޭ، އުމުރުން ވެސް އެހާ ޅަ... ދާރިއަންއާ ބަލާއިރު އެ ދެކުދީން މާގުޅޭ" އިބާ ބުންޏެވެ.
"ތިހެން ނަހަދާ އިބާ... ދާރިއަންގެ އުފަލަށްޓަކައި، އޭނާގެ ދިރިއުޅުން އާބާދުވިޔަނުދޭން އިބާގެ އަމިއްލަ އެދުން އިސްކުރުމުގެ ހައްޤެއްނޯންނާނެ، އެކުއްޖާގެ އަމިއްލަ އިޚްތިޔާރު ކައިވެނީގައި އޮންނަންވާނެ، އޭނާ ސާފުކޮށް އެބުނަނީ ސާރާ ކަމުނުދާ ވާހަކަ... އިބާ!... ތި ގޮތްދޫނުކުރުން ހަމަމިހާރު ހުއްޓާލާ... އިތުރަށް ސާރާގެ ނަން އިބާ ކިޔައިގެން ނުވާނެ، އަހަރެން އަޑުއަހާކަށް ބޭނުމެއްނޫން، ދާރިއަން ޚިޔާރުކުރި ކުއްޖާއަށް އަހަރެމެން ވެސް މަރުޚަބާ ކިޔަންޖޭހެނެ، މިޢާއިލާއިން އޭނާ ބަލައިގަންނަންޖެހޭނެ..." ޒުކަންގެ ނިންމުން އިއްވާލީ ހަރުކަށިކަމާއެކުއެވެ. އިބާގެ ނުރުހުމުގެ ނަޒަރު ޒުކަންއަށް ހުއްޓިފައި ހުރިއިރު އެ ދެ ލޮލުން ރުޅިވެރިކަމުގެ ކަނި ބުރާ ކަހަލައެވެ.
"ބަލާލަން ވެސް ހުތުރުވިއްޔާ ދެން ރަނގަޅުވާނީ..." ޖެއްސުމުގެ ރާގެއްގައި އިބާ ބުންޏެވެ. ޒުކަންއަށް ބޯހޫރާލެވުނެވެ. އިބާއަކީ ފެށުނީއްސުރެ ގޮތްދޫނުކުރާ ސިފަ ހުންނަ އަންހެނެއްކަން އޭނާއަށް އެނގެއެވެ. އޭނާ ގަޔާނުވާކަމެއްނަމަ އެކަމާ ރުއްސުމަކީ އުނދަގޫކަމެކެވެ. (ނުނިމޭ)