ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ރާއްޖޭގައި ހުންނަވާ ޗައިނާގެ ސަފީރު ޒަންގް ލިއޮން މިއަދު ބައްދަލު ކުރައްވައިފި އެވެ.
މަޖިލީހުގެ އިދާރާގައި އޮތް އެ ބައްދަލު ކުރެއްވުމަށް ފަހުގައި ސަފީރު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ޗައިނާގައި ހަލުވިކަމާ އެކު ފެތުރެމުންދާ ނުރައްކާތެރި ކޮވިޑް19 ވައިރަސްއާ ގުޅިގެން އެ ގައުމުން އަޅަމުންދާ ފިޔަވަޅުތަކުގެ މައުލޫމާތު ރައީސް ނަޝީދާ ހިއްސާ ކުރައްވާފައިވާނެ ކަމަށެވެ.
ޗައިނާއަށް ކުރިމަތިވެފައިވާ ހާލަތުން އަވަހަށް އަރައިގަނެވޭނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް އެ ބައްދަލުވުމުގައި ރައީސް ނަޝީދު ވިދާޅުވެފައިވާ ކަމަށް ސަފީރު ކުރެއްވި ޓްވީޓްގައި ވިދާޅުވެފައިވެ އެވެ. އަދި މި ހާލަތުގައި ޗައިނާއަށް ނަޝީދު ހިތްވަރު ދެއްވާފައިވާ ކަމަށް ސަފީރުގެ ޓްވީޓްގައިވެ އެވެ.
ރައީސް ނަޝީދާއި ޗައިނާގެ ސަފީރާއި މިއަދު މަޖިލީހުގެ އިދާރާގައި ބައްދަލު ކުރެއްވިއިރު، ޗައިނާގެ ސަރުކާރަށް ދިވެހި ސަރުކާރުން ދައްކަން ޖެހޭ ލޯނާ ގުޅޭ ގޮތުން ދެ ބޭފުޅުންގެ މެދުގައި މީގެ ކުރިން ވަނީ ބޮޑެތި ބަހުސްތަކެއް ކުރައްވާފަ އެވެ. އެ ލޯނާ ގުޅޭ ގޮތުން ނަޝީދު ދައްކަވާ ވާހަކަތަކަށް ޗައިނާގެ ސަފީރު އަބަދުވެސް ރައްދު ދެއްވަ އެވެ.
މީގެ ކުރިން ރާއްޖޭން ޗައިނާ އަށް ދައްކަން ޖެހޭ ދަރަނި 3.4 ބިލިއަން ޑޮލަރަށް އަރާ ކަމަށް ރައީސް ނަޝީދު ވިދާޅުވުމުން ސަފީރު ވަނީ އެ ކަން ދޮގު ކުރައްވާފަ އެވެ. އޭނާ ވިދާޅުވީ، ރާއްޖޭން ދައްކަން ޖެހެނީ 1.5 ބިލިއަން ޑޮލަރު ކަމަށެވެ.