ހަބަރު

ބިލާލް ގެނައުން ކެންސަލްކޮށް އިވެންޓް ފަސްކޮށްފި

މަޝްހޫރު ދީނީ އިލްމުވެރިޔާ، ޑރ. އަބޫ އަމީނާ ބިލާލް ފިލިޕްސް ރާއްޖެ ގެންނައުން މިވަގުތަށް މަޑުޖައްސާލާފައިވާ ކަމަށް ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފް ވިދާޅުވެއްޖެ އެވެ.

މީގެކުރިން ވެސް ރާއްޖެ ވަޑައިގެންނެވި ބިލާލްއަށް ދައުވަތު ދެއްވީ ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފެވެ. މިނިސްޓަރު މަހުލޫފް ވަނީ ދައުވަތު ގަބޫލު ކުރެއްވީތީ ބިލާލަށް ޝުކުރު އަދާ ކުރައްވާފަ އެވެ.

މަހުލޫފް ވިދާޅުވީ ބިލާލް ވަޑައިގަންނަވަނީ ސުލްހަ އާއި މަސަލަސްކަން ޒުވާނުންނަށް ޕްރޮމޯޓް ކުރައްވައި ދަރުސް ދެއްވަން ކަމަށެވެ. ނަމަވެސް މަހުލޫފްގެ މި ޓްވީޓާއެކު ގަލޮޅު އުުުތުރު ދާއިރާގެ މެންބަރު އީވާ އަބްދުﷲއާ މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހުމީ އަދި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަނީ އެކަމާ ދެކޮޅު ހައްދަވާ ކަމަށް ވިދާޅުވެފައެވެ.

އަދި ބިލާލް ރާއްޖެ ގެނައުމަށް ނުފެންނަ ކަމަށާ އެއީ ދުނިޔޭގެ ގިނަ ގައުމުން އިސްލާމީ އިލްމުވެރިއެއް ކަމަށް ގަބޫލުކުރާ ބޭފުޅެއް ނޫން ކަމަށްވެސް އެ ބޭފުޅުން ވިދާޅުވިއެވެ. މީގެ އިތުރުން ސޯޝަލް މީޑިއާގައި އެތައް ބަޔަކު ގެންދިޔައީ ބިލާލް ރާއްޖެ ގެނައުމަށްވެސް ގޮވާލަމުންނެވެ. އަދި ރާއްޖޭގެ މަޝްހޫރު ދީނީ އިލްމުވެރިންވެސް ގެންދެވީ އެކަމަށް ގޮވާލައްވަމުންނެވެ.

މިރޭ މިނިސްޓަރު މަހުލޫފް ކުރައްވާފައިވާ ޓްވީޓެއްގައި ވިދާޅުވީ އުފެދިފައިވާ ސުވާލުތަކާއި އަދި ކަންބޮޑުވުންތަކާއި ގުޅިގެން ކަމާގުޅުންހުރި ބައެއް އިދާރާޔަކުގެ ލަފާ ހޯދުމަށް ޝައިހް ޑރ. ބިލާލް ފިލިޕްސްގެ އިވެންޓް މަޑުޖައްސާލާފައިވާ ކަމަށެވެ.

ބިލާލަށް ޔޫޕަރްގެ ބައެއް ގައުމުތަކުން ފިޔަވަޅު އަޅާ އެ ގައުމުތަކަށް އެރުން ވަނީ މަނާކޮށްފައެވެ. ނަމަވެސް މުސްލިމުންގެ މެދުގައި އޭނާއަކީ ވަރަށް މަގުބޫލް އިލްމުވެެރިއެކެވެ. ހާއްސަކޮށް ޒުވާނުންގެ މެދުގައި އޭނާގެ މަގުބޫލްކަން ބޮޑެވެ.