ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ހަބަރު

އައިސޮލޭޝަން ފެސިލިޓީއަށް ޗައިނާއިން ފާހާނާ ބަރިއެއް ހަދިޔާކޮށްފި

Feb 18, 2020
2

މިހާރު ފެތުރެމުންދާ ކޮރޯނާ ވައިރަސްއާ ގުޅިގެން ކަރަންޓީނު ކުރަން ޖެހޭ މީހުން ކަރަންޓީނު ކުރުމަށް ފަރުކޮޅުފުށީގައި ގާއިމްކޮށްފައިވާ އައިސޮލޭޝަން ފެސިލިޓީއަށް ޗައިނާގެ ސީމެކް ކުންފުނިން ފާހާނާ ބަރިއެއް ހަދިޔާކޮށްފިއެވެ.

ރާއްޖޭގައި ހަރަކާތްތެރިވާ ޗައިނާގެ އެންމެ ބޮޑު އެއް ކުންފުނި ކަމަށްވާ ޗައިނާ މެޝިނަރީ އިންޖިނިއަރިން ކޯޕަރޭޝަން (ސީމެކް) އިން ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ފަރުކޮޅުފުށި ހިމެނޭ ސަރަހައްދުގައި ގާއިމްކޮށްފައިވާ އައިސޮލޭޝަން ފެސިލިޓީގައި ހެދި ފާހާނާ ބަރި ނިންމައި، ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަނާއި މިހާރު ވަނީ ހަވާލުކޮށްފައެވެ. މި ތަން ހަވާލުކޮށްދެއްވީ ސީމެކްގެ ފަރާތުން އެކުންފުނީގެ ރާއްޖެ އޮފީހުގެ އެންމެ އިސްވެރިޔާ ލިއު ޝިއާއޯޑާއެވެ. އަދި އެޗްޑީސީގެ ފަރާތުން މިތަނާ ހަވާލުވެވަޑައިގެންނެވީ އެކުންފުނީގެ ޗެއާމަން ސުހައިލް އަހުމަދެވެ.

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ސުހައިލް ވިދާޅުވީ ސީމެކުން ރާއްޖޭގައި އޮޕަރޭޓްކުރަން ފެށިފަހުން ރާއްޖެއަށް އެކި ގޮތްގޮތުން ފައިދާހުރި ޕްރޮޖެކްޓްތައް ހިންގާފައިވާ ކަމަށެވެ. ހާއްސަކޮށް ހުޅުމާލޭގައި އެކުންފުނިން ހިންގާފައިވާ ހައުސިން ޕްރޮޖެކްޓްތައް އޭނާ ފާހަގަކުރެއްވިއެވެ.

ސީމެކްގެ ފަރާތުން ވާހަކަ ދައްކަވަމުން ލިއު ޝިއާއޯޑާ ވިދާޅުވީ ކޮރޯނާ ވައިރަސްގެ ސަބަބުން ކުރިމަތިވެފައިވާ މިހާލަތުގައި ދިވެހިރާއްޖޭގެ ފުރިހަމަ އެއްބާރުލުން ލިބޭކަމަށެވެ. އެގޮތުން ރައީސް އިބްރާހިމް މުހައްމަދު ސާލިޙް ޗައިނާގެ ރައީސް ޝީ ޖިންގްޕިންގްއަށް ސިޓީފުޅެއް ފޮނުއްވިކަމާއި، ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދުވެސް ދިވެހިން ތިބީ ޗައިނާ ރައްޔިތުންނާއިއެކުކަން ހާމަކުރައްވައި މެސެޖެއް ފޮނުއްވިކަން ލިއު ފާހަގަކުރެއްވިއެވެ. ހަމައެއާއިއެކު، ދިވެހި ރައްޔިތުންގެ ފަރާތުން ޗައިނާއަށް އެއް މިލިއަން މަސްދަޅު ހަދިޔާކުރަން ނިންމިކަން އޭނާ ފާހަގަކުރެއްވިއެވެ. އަދި މީގެ އިތުރުން، ދިވެހިންނާއި ޗައިނާއިން ގުޅިގެން މަސައްކަތް ކޮށްފިނަމަ ނުކުރެވޭނެ އެއްވެސް ކަމެއް ނޯންނާނެކަމަށް ޤަބޫލުކުރައްވާކަމަށްވެސް ލިއު ވިދާޅުވިއެވެ.

އައިސޮލޭޝަން ފެސިލިޓީގައި ގާއިމްކުރި ފާހާނާތަކުގެ އިތުރުން މިރަސްމިއްޔާތުގައި ސީމެކުން ވަނީ ކޮރޯނާ ވައިރަސްއާއި ދެކޮޅަށް ރާއްޖެއިން އަޅަމުންދާ ފިޔަވަޅުތަކަށް ބޭނުންވާނެ ބައެއް ސާމާނުވެސް ހަދިޔާކޮށްފައެވެ. އެގޮތުން މެޑިކަލް ޕްރޮޓެކްޓިވް އިކުއިޕްމަންޓާއި ޑިސްއިންފެކްޓެންޓް ފަދަ ތަކެތި އެރަސްމިއްޔާތުގައި ރާއްޖެއަށް ހަދިޔާކޮށްފައިވެއެވެ.