ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް ވެކްސިން

"ޗައިނާގެ 200،000 ޑޯޒް ލިބޭނެ ދުވަހެއް ނޭނގެ"

ޗައިނާގެ ކުންފުންޏަކުން އުފެއްދި ކޮވިޑް-19 އިގެ 100،000 ޑޯޒް ވެކްސިން ރާއްޖެއަށް ހަދިޔާ ކުރަން ނިންމާ އެކަން އިއުލާނު ކޮށްފައިވަނިކޮށް އިތުރު 100،000 ވެކްސިން ޑޯޒް ހަދިޔާ ކުރަން ނިންމާފައިވާ ކަމަށް ރާއްޖޭގައި ހުންނަވާ ޗައިނާގެ ސަފީރު ޖޭންގް ލީޖޮންގް ވިދާޅުވި ނަމަވެސް އެ ވެކްސިން އަދި ލިބޭނެ ދުވަހެއް ނޭންގޭ ކަމަށް ހެލްތް އިމާޖަންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން ބުނެފި އެވެ.

ޗައިނާއިން 100،000 ވެކްސިން ޑޯޒް ދޭނެ ކަމަށް ފުރަތަަމަ އިއުލާނުކުރީ މިދިޔަ މަހުގެ ހަތަރުވަނަ ދުވަހުއެވެ. އޭގެ އެއްމަސް ފަހުން އިއްޔެ ޗައިނާއިން ރާއްޖެއަށް ކަނޑައަޅާފައިވާ ސަފީރު ވިދާޅުވީ ކުރިން އިއުލާނުކުރި 100،000 ޑޯޒްގެ އިތުރުން އިތުރު 100،000 ޑޯޒް ދޭން ނިންމާފައިވާ ކަމަށެވެ. ސަފީރު މިހެން ވިދާޅުވީ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދުއާއެކު ބައްދަލު ކުރެއްވުމަށް ފަހުއެވެ.

އެ ވެކްސިން ލިބޭނެ ދުވަހަކާއި ގުޅޭގޮތުން ސުވާލު ކުރުމުން އެޗްއީއޯސީގެ ތަރުޖަމާން ޑރ. ފާތިމަތު ނަޒްލާ ވިދާޅުވީ ޗައިނާ ސަރުކާރުން 200،000 ޑޯޒް ދޭނެ ކަމަށް އިއުލާނު ކުރި ނަމަވެސް އެ ވެކްސިން ލިބޭނެ ވަކި ތާރީހެއް އަދި ނެތް ކަމަށެވެ.

"އެ ވެކްސިން [ޗައިނާ ވެކްސިން] އަންނާނެ ދުވަހެއް ކަންފޯމެއް އަދި ނުއެއްވޭ އިނގޭތޯ،" ނަޒްލާ ވިދާޅުވިއެވެ.

ޗައިނާ ސަރުކާރުގެ ހިއްސާ އޮންނަ ޗައިނާގެ ނޭޝަނަލް ފާމަސޫޓިކަލް ގްރޫޕް (ސިނޯފާމް) އިން އުފެއްދި ވެކްސިންވެސް ރާއްޖޭގަައި ބޭނުން ކުރާނެ ކަމަށާ މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީގެ ހުއްދަ ލިބުމުން ވެކްސިން ޖަހަން ފަށާނެ ކަަމަށް ހެލްތް މިނިސްޓްރީން ވަނީ ބުނެފައެވެ. އެ ބްރޭންޑްގެ 5000 ޑޯޒް ރާއްޖޭގައި މިހާރުވެސް އެބަ ހުއްޓެވެ.

މިދިޔަ މަހުގެ ފުރަތަމަ ދުވަހު ރާއްޖޭގައި ކޮވިޑް ވެކްސިން ޕްރަގްރާމް ފެށީ އިންޑިއާއިން ހަދިޔާކުރި 10،000 ވެކްސިން ޑޯޒްއާއެކުގައެވެ. އިއްޔެ ނިޔަލަށް 137،000 މީހުންނަށް ވަނީ ފުރަތަމަ ޑޯޒް ދީފައެވެ.

އިންޑިއާއިން ވަނީ އިތުރު 100،000 ވެކްސިން ޑޯޒް ރާއްޖެއަށް ހަދިޔާކޮށްފައެވެ. އެ ނިންމުން ހާމަކުރީ އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ސުބުރަހްމަންޔަން ޖައިޝަންކަރު މި މަހުގެ 20 ވަނަ ދުވަހު ރާއްޖެއަށް ކުރެއްވި ދަތުރުފުޅުގައެވެ. އެ ވެކްސިން ރާއްޖެ ގެނެސް މިހާރު ދަނީ ޖަހަމުންނެވެ.