ޗައިނާގެ ކުންފުންޏަކުން އުފެއްދި ކޮވިޑް-19 އިގެ 5،000 ޑޯޒް ވެކްސިން ރާއްޖޭގައި އެބަހުރި ކަމަށް ހެލްތް އިމާޖަންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން ބުނެެފި އެވެ. ރާއްޖޭގައި ހުރީ ޗައިނާ ސަރުކާރުގެ ހިއްސާ އޮންނަ ޗައިނާގެ ނޭޝަނަލް ފާމަސޫޓިކަލް ގްރޫޕް (ސިނޯފާމް) އިން އުފެއްދި ވެކްސިނެވެ.
އެޗްއީއޯސީގެ ތަރުޖަމާން ޑރ. ފާތިމަތު ނަޒްލާ ރަފީގު ވިދާޅުވީ ޗަައިނާގެ 5،000 ޑޯޒް ވެކްސިނަކީ ހެޔޮ އެދޭ ފަރާތަކުން ހަދިޔާ ކުރި ޑޯޒްތަކެއް ކަމަށެވެ. ހަދިޔާކުރި ވަކި ފަރާތެއް ނުބުނެއެވެ. ނަމަވެސް މިއީ ޗައިނާ ސަރުކާރުން ހަދިޔާކުރި ވެކްސިނެއް ނޫން ކަމަށް ވިދާޅުވިއެވެ.
ނަޒްލާ ވިދާޅުވީ އެ ވެކްސިން ރާއްޖެ ގެނެސް ސްޓޯކޮށްފައިވާ ކަމަށާ ވެކްސިން ބޭނުން ކުރަން ފަށާނީ މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީގެ ހުއްދަ ލިބުމުން ކަމަށެވެ. އެ ވެކްސިނާއި ގުޅުންހުރި މައުލޫމާތު ތައް ފަހުން ހާމަކުރާނެ ކަމަށްވެސް ވިދާޅުވިއެވެ.
ޗައިނާ ވެކްސިން އެ ގައުމުގެ އާބާދީގެ އެތަށް މިލިއަން ބަޔަކަށް މިހާރުވެސް ވަނީ ދީފައެވެ. އަދި ބައެއް ގައުމުތަކުން ދަނީ އެ ވެކްސިން ބޭނުން ކުރަމުންނެވެ. ބައެއް ގައުމުތަކުން އެތަށް މިލިއަން ޑޯޒެއްގެ ވެކްސިން ހޯދުމަށް ޗައިނާގައި އެދިފައިވެސްވެއެވެ.
އިއްޔެ އިން ފެށިގެން ކޮވިޑް ވެކްސިން ޖެހުމުގެ ޕްރޮގްރާމް ރާއްޖޭގައި ވަނީ ފަށައިފަ އެވެ. ރާއްޖޭގައި މިވަގުތު ދެނީ ކޮވިޝީލްޑް ވެކްސިނެވެ. ނަމަަވެސް އެހެން ވެކްސިންތައް ރާއްޖެ ގެންނާނެ ކަމަށް ހެލްތް މިނިސްޓަރު އަހުމަދު ނަސީމް ވަނީ ވިދާޅުވެފައެވެ. ރާއްޖޭގެ ހުރިހާ ހޮސްޕިޓަލެއްގައި މާދަމާ ކޮވިޑް-19 އިގެ ވެކްސިން ދޭން ފެށޭނެ ކަމަށް އެޗްއީއޯސީން ބުނެފައިވާއިރު ރާއްޖޭގައި ހުރީ ކޮވިޝީލްޑްގެ 100،000 ޑޯޒް ވެކްސިނެވެ. އެއީ 50،000 މީހުންނަށް ދެވޭނެ މިންވަރެކެވެ.