ދިވެހި ސިނަމާ

މޮގާގެ "ނޮވެންބަރު" ޖުލައި 6 ގައި

Feb 19, 2020

ޑާކްރެއިން އެންޓަޓެއިންމަންޓުގެ އާ ފިލްމު "ނޮވެންބަރު" ރިލީޒް ކުރާނެ ތާރީހު އިއުލާނު ކޮށްފި އެވެ.

ރާއްޖޭގެ އެންމެ ކާމިޔާބު އެއް ފިލްމު ސްޓޫޑިއޯއިން ބުނީ އެ ސްޓޫޑިއޯގެ އާ ފިލްމު ރިލީޒް ކުރާނީ އަންނަ ޖުލައި ހަ ވަނަ ދުވަހު ކަމަށެވެ. "މާމުއި" ގެ ކާމިޔާބީއަށް ފަހު ޑާކްރެއިންއިން ގެނެސްދޭ ފިލްމު "ނޮވެންބަރަ" ކީ ލޯބީގެ އަސަރު ގަދަ ވާހަކައެއްގެ މައްޗަށް އުފައްދާ ފިލްމެކެވެ.

ބޮޑު ކާސްޓަކާއެކު އުފައްދާ މި ފިލްމުގެ މަންޒަރުތައް ސިންގަޕޫރުގައި ވެސް ވަނީ ނަގާފަ އެވެ. މޮގާ ބުނީ ފިލްމުގައި ވަރަށް ހިތްގައިމު މަންޒަރުތައް ހިމަނާފައިވާނެ ކަމަށާ ފިލްމުގެ 50 ޕަސެންޓް ނަގާފައި ވާނީ ސިންގަޕޫރުގައި ކަމަށެވެ.

މީގެ އިތުރުން އައްޑޫ އާއި ބައެއް އެހެން ރަށްރަށުގައި ވެސް "ނޮވެންބަރު" ގެ މަންޒަރުތައް ވަނީ ނަގާފަ އެވެ.

"ނޮވެންބަރު" ގެ މުހިންމު ރޯލުތަކުން ފެނިގެން ދާނީ ޖުމައްޔިލް ނިމާލް އާއި މަރިޔަމް މަޖުދާ އެވެ. އަދި "މާމުއި" އިން ބެލުންތެރިންގެ މެދުގައި މަގުބޫލުކަން ހޯދި އަލީ ޝިފާއުގެ އަންހެނުން އައިޝަތު ޔާދާ ވެސް "ނޮވެންބަރު" ން ފެނިގެންދާނެ އެވެ.

ކުރީގެ ފިލްމީ ތަރި އިސްމާއީލް ވަޖީހު ވެެސް މި ފިލްމުން ފެނިގެން ދެއެވެ. މޮގާ ބުނީ ފިލްމުގައި އިސްމާއީލް ފެނިގެން ދާނީ ވަރަށް މުހިންމު ރޯލަކުން ކަމަށެވެ. މީގެ ކުރިން އިސްމާއީލް ވަނީ ޑާކްރެއިންގެ "މާމުއި" އަދި "މީ ލޯތްބަކީ" ގައިވެސް ފެނިލާފަ އެވެ.

"ފިލްމުގައި ވަޖީހުގެ ދައުރު ވަރަށް މުހިންމު. ވަރަށް މުހިންމު ކެރެކްޓާއެއް އެއީ މި ފިލްމުގައި. އޭގެ އިތުުރުން ފާހަގަ ކޮށްލަން ބޭނުން އިސްމާއީލް މި މަސައްކަތަށް ތައްޔާރުވެފައިވާ މިންވަރު، އަދި އޭނާގެ އެކްޓިންގެ ފުރިހަމަކަން. ކުރިއެކޭ ހަމަ އެއްވެސް ތަފާތެއް ނެތް. ވަރަށް މޮޅު."

މީގެ އިތުރުން "ނޮވެންބަރު" ގައި އިސްމާއިލް ވަޖީހުގެ ދަރިފުޅު ތަރީޝް، ސިންގަރޫ ރައްޔިތެއް ކަމަށްވާ ޝެރަން އެންޖީ ވެސް ފެނިގެންދާނެ އެވެ.

ޑާކްރެއިންގެ 13 ވަނަ ފީޗާ ފިލްމު "ނޮވެންބަރަ" ކީ އައިޝަތު ފުއާދު އާއި އަހުމަދު ތޮލާލްގެ ސްކްރީން ޕްލޭއަކަށް ތައްޔާރުކުރާ ފިލްމެކެވެ. ޑައިރެކްޓް ކޮށްފައި ވަނީ ޑައިރެކްޓަރު އަލީ ޝިފާއު (ޗިއްޕެ) ގެ އިތުރުން އައިޝަތު ފުއާދެވެ.

އެ ސްޓޫޑިއޯގެ ފިލްމު "ބަޅިނދު" ގެ މަސައްކަތް މިހާރު ވަނީ ފަށާފަ އެވެ.