އަންހެނުން

ދަރިންނަށް ތައުރީފުކުރުމަކީ ނޭދެވޭ އަސަރުކުރާ ކަމެއްތަ؟

Jan 6, 2015

މިސާލަކަށް ތިބާގެ ހަތަރު އަހަރުގެ ދަރިފުޅު ކުރަހައިގެން އައި ތަސްވީރުގައި ފެންނަނީ ދިގު އިސްތަށިގަނޑަކާއި ބޮޑު ސިންގާ ބޮލެއް ލާފައިވާ، އެކަމަކު އިލޮށްޓެއްހާ ހިމަ ހަށިގަނޑެއް ލިބިފައިވާ އަންހެނެކެވެ. އެއީ އެ ކުއްޖާގެ މަންމަ އެވެ. ތިބާ އެވެ.

އެއަށް ފަހު އެ ކުރެހުން އައިސްއަލަމާރީގެ ދޮރުގެ ބޭރުގައި ތަތްކޮށްލާނީ އެވެ. ދަރިފުޅު އިތުރަށް އުފާކޮށް ދިނުމަށެވެ.

މިއީ އެންމެ ރަނގަޅު ގޮތް ހެއްޔެވެ؟ ދަރިފުޅަށް ހަގީގަތް ހާމަކުރުމުގެ ބަދަލުގައި ތައުރީފު އޮއްސައި އޭނާ ފޯކޮށްލުމަކީ ނޭދެވޭ އަސަރުތަކެއް ކޮށްފާނެ ހެއްޔެވެ؟

ކޮންމެއަކަސް އެންމެންނަކީ ވެސް ތައުރީފަށް ހިތްކިޔާ މީހުންނެވެ. އަދި ބައެއް މީހުން ގަބޫލުކުރާ ގޮތުން، ހާއްސަކޮށް މައިންބަފައިން ގަބޫލުކުރާ ގޮތުން މިގޮތަށް ދަރިފުޅަށް ތައުރީފު ކުރުމަކީ، ކުރާ ކަމެއް ކުރިއަށް ވުރެ ރަނގަޅަށް ނުވަތަ މޮޅަށް ކުރުމަށް ދަރިފުޅަށް ދެވޭ ހިތްވަރެކެވެ.

ނަމަވެސް ގަބޫލުކުރަން ޖެހޭ ހަގީގަތަކީ ހިތްވަރު ދިނުމާއި ތައުރީފުކުރުމުގެ މާނަ ވަރަށް ވެސް ތަފާތު ކަމަށެވެ. އަދި ކުރެވޭ ތައުރީފަކުން ކުއްޖަކު ހަލާކުވެސް ވެދާނެ ކަމެވެ.

ތަޖުރިބާކާރުން ބުނަނީ މައްސަލައަކީ ތައުރީފުކުރުމެއް ނޫން ކަމަށެވެ. މައްސަލަ އަކީ ތައުރީފުކުރާ ރާގު ކަމަށެވެ. މިސާލަކަށް "އެންމެ މޮޅީ ދަރިފުޅޭ" ނުވަތަ "ތިޔަށް ވުރެ މޮޅު ކަމެއް، މޮޅު ކުރެހުމެއް ނެތޭ" ބުނެ ތައުރީފުކުރުން ގޯސް ކަމަށެވެ.

އޭގެ ބަދަލުގައި "ވަރަށް މޮޅޭ" ބުނެ ނިންމާލެވިދާނެ ކަމަށެވެ.

ސިއްހީ ތަޖުރިބާކާރުން ބުނަނީ އާދަޔާހިލާފަށް ދަރިއަށް ތައުރީފުކުރުމަކީ އޭގެ ނުބައި އަސަރުކޮށްފާނެ ކަމެއް ކަމަށެވެ. އެގޮތުން އާ އުސްމިންތަކަކަށް ވާސިލުވުމަށް ކުރާ މަސައްކަތުގައި ދަރިފުޅަށް އިތުރު ގޮންޖެހުންތަކެއް ކުރިމަތިވެ އަމިއްލަ ނަފުސަށް އޮންނަ އިތުބާރު ހަލާކުވެގެން ދިއުމުގެ ފުރުސަތު ބޮޑު ކަމަށް މާހިރުން ބުނެ އެވެ.

ހިތްވަރު ބަލި ކުދިންނަށް ހިތްވަރު ދިނުމުގެ ބޭނުމުގައި އާދަޔާހިލާފަށް ތައުރީފުކުރުމަކީ މި މައްސަލަ އެފަދަ ކުދިންނަށް ބޮޑުވާނެ ކަމެއް ކަމަށް ވެސް ތަޖުރިބާކާރުން އިންޒާރު ދެ އެވެ.

އެހެންވީމަ ދަރިއަށް ތައުރީފުކުރަން ޖެހޭ ގޮތަކީ ކޮބައި ހެއްޔެވެ؟

ހަލާކުނުވާ ވަރަށް ތައުރީފު ކުރުމެވެ. ދެން ކޮންމެއަކަސް، މަންމަ އަކަށް އޭނާގެ ދަރިފުޅަށް ތައުރީފުނުކޮށެއް ނުވެސް ހުރެވޭނެ އެވެ. އެހެން ނަމަވެސް ތަޖުރިބާކާރުން ބުނަނީ ތައުރީފުކުރުމުގައި ހައްދުފަހަނަޅައި ގޮސްގެން ނުވާނެ ކަމަށެވެ.

އަދި ތައުރީފުކުރުމުގައި ވަކި މިންގަނޑުތަކެއް ވެސް ކަނޑައަޅައިގެން ނުވާނެ ކަމަށެވެ. މިސާލަކަށް އެންމެ މޮޅީ ދަރިފުޅުކަމަށް ނުވަތަ އެންމެ ރީތީ ދަރިފުޅުކުރަހާ ތަސްވީރު ކަމަށް ކަނޑައެޅުމަކީ، ދަރިފުޅުގެ އާންމު ފެންނަށް ވުރެ މައްޗަށް އަރަން އޭނާ އަށް ހުރަސްތަކެއް ކުރިމަތިވެދާނެ ކަމެއް ކަމަށެވެ.

އެންމެ ރަނގަޅު ގޮތަކީ ދަރިފުޅުގެ މިސްޓޭކްސްތައް ރަނގަޅުކޮށް ހިތްވަރު ލިބޭނެ ފަދަ ގޮތަކަށް ތައުރީފު ކުރުމެވެ. އަދި މަސައްކަތަށް ފާޑުކިޔާއިރު ވެސް ކޮންސްޓްރަކްޓިވް ކްރިޓިސިޒަމް ހިޔާރުކުރުމެވެ.

މިސާލަކަށް ދަރިފުޅު ކުރިއަށް ވުރެ ރީއްޗަށް ކުރެހުމެއް ކުރަހައިގެން ގެނެސްފި ނަމަ، "ވަރަށް ރީއްޗޭ. މިހާރު ކުރިއަށް ވުރެ ރީއްޗޭ" ކިޔާފައި ތައުރީފުކުރެވިދާނެ އެވެ.

ދަރިންނަށް އާދަޔާހިލާފަށް ތައުރީފުނުކުރުމަށް ތަޖުރިބާކާރުން ގޮވާލިޔަސް ތައުރީފުކުރުން ހުއްޓާނުލުމަށް ވެސް އެމީހުން ގޮވާލަ އެވެ. އެއީ ދަރިފުޅު ކުރާ މަސައްކަތަކަށް ނުވަތަ ކަމަކަށް އެއްގޮތަކަށް ވެސް ތައުރީފު ނުކުރާ ނަމަ، ތައުރީފުކޮށްގެން ނުކުންނަ ގޯސް ނަތީޖާ އަށް ވުރެ ނޭދެވޭ އަސަރުތަކެއް އޭނާ އަށް ކޮށްފާނެތީ އެވެ.