ގައުމީ ފުޓްބޯޅް ޓީމް

ޒުވާން ޓީމަށް ކުރިން އާސެނަލްއަށް ކުޅުނު ސްޓެޕަނޯވް

ރާއްޖޭގެ 19 އަހަރުން ދަށުގެ ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗަކަށް، ކުރިން އާސެނަލް އަށް ކުޅުނު ލެޓްވިއާގެ އީގޯ ސްޓެޕަނޯ ވްސް ހަމަޖައްސައިފި އެވެ.

ސްޓެޕަނޯވްސް ވަނީ 2000 ވަނަ އަހަރުން 2003 ވަނަ އަހަރަށް އާސެނަލްގެ ޓީމުގައި ހިމެނިފަ އެވެ. އޭނާ އެންމެ ފަހުން މަސައްކަތް ކުރީ ލެޓްވިއާގެ 17 އަހަރުން ދަށުގެ ގައުމީ ޓީމުގެ ކޯޗެއްގެ ގޮތުގަ އެވެ.

ނަވާރަ އަހަރުން ދަށުގެ ގައުމީ ޓީމުގެ ކޯޗުގެ ގޮތުގައި ސްޓެޕަނޯވްސް ތައާރަފް ކުރުމަށް ބޭއްވި ޕްރެންސް ކޮންފަރެންސްގައި ވާހަކަ ދައްކަމުން އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ވިދާޅުވީ، މިދިޔަ އަހަރު ރާއްޖޭގައި ބޭއްވި ޔޫއެފާ އެސިސްޓް 17 އަހަރުން ދަށުގެ މުބާރާތުގައި ވާދަ ކުރި ލެޓްވިއާގެ ޓީމު އެ މުބާރާތަށް ތައްޔާރު ކުރުމުގައި ސްޓެޕަނޯވްސްގެ މަސައްކަތް ހިމެނޭ ކަމަށާއި އެ މުބާރާތުގައި ލެޓްވިއާގެ ޓީމުން ދެއްކި ކުޅުމާއެކު، ސްޓެޕަނޯވްސް އާއެކު ރާއްޖޭގެ 19 އަހަރުން ދަށުގެ ޓީމުވެސް ރަނގަޅު ލެވަލަކަށް ގެންދެވިދާނެ ކަމަށް ގަބޫލު ކުރާ ކަމަށެވެ. އައްޑޫ ސިޓީގައި މިދިޔަ އަހަރު ޖުލައި މަހު ބޭއްވި އެ މުބާރާތަށް ލެޓްވިއާ ޓީމާއެކު ސްޓެޕަނޯވްސް ރާއްޖެ އައިސްފައެއް ނުވެ އެވެ.

ސްޓެޕަނޯވްސްގެ މަސައްކަތަކަށް ވާނީ އަންނަ އަހަރު ބާއްވާ 19 އަހަރުން ދަށުގެ މުބާރާތްތަތަކަށް ގައުމީ ޓީމު ތައްޔާރު ކުރުމެވެ. ބައްސާމް ވިދާޅުވީ 19 އަހަރުން ދަށުގެ ގައުމީ ޓީމު އެކުލަވާލުމަށްޓަކައި ކުރިއަށް އޮތް 10 ދުވަސްތެރޭ ޓްރެއަލްތަކެއް ބާއްވާނެ ކަމަށެވެ. ދެ ވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތަށް ތައްޔާރު ވުމުގެ ގޮތުންވެސް އަންޑަ 19 ޓީމުން ވަނީ، ކޯޗް އަހްމަދު ނާޝިދު (ނާދު) ގެ ބެލުމުގެ ދަށުން ޓްރެއަލްއެއް ބާއްވާފަ އެވެ.

"އަޅުގަނޑުމެންގެ ވިސްނުން މިހުރީ ކުރިއަށް އޮތް 10 ވަރަކަށް ދުވަހުގެ ތެރޭގައި ޓްރެއަލްސްތަކަށް ގޮވާލައި ސެލެކްޝަންތަކެއް ހެދިގެން އަންޑަ 19 ޓީމަށް ރާއްޖޭގެ އެކިކަންކޮޅުތަކުން ކުދިން ހޮވިގެން ދިއުން،" މިއަދުގެ ޕްރެސް ކޮންފަރެންސްގައި ވާހަކަ ދައްކަމުން ބައްސާމް ވިދާޅުވި އެވެ. "ފުރަތަމަ މި ފައްޓަނީ މާލެއަށް ބޭސްކޮށްފައި އެއަށް ފަހު އަތޮޅުތެރޭގައި ވަކި ދުވަސްވަރަކަށް ވަކި ރަށަކަށް އެ ސަރަހައްދެއްގެ ކުދިން އެއްވެވޭ ކަހަލަ ގޮތަކަށް ރާވައިގެން އަތޮޅު ތެރެއަށްވެސް ހަމަ ސިލެކްޝަނެއް ހެދުމުގެ މަސައްކަތް ކުރިއަށް ދާނެ."

ސްޓެޕްނޯވްސް ބުނީ، ރާއްޖޭގައި މަސައްކަތް ކުރަން ދައުވަތު ލިބުމަކީ ލިބޭ އުފަލެއް ކަމަށެވެ. އަދި ރާއްޖޭގެ ފުޓްބޯޅައަށް އެޑޮޕްޓް ވުމަށް ވަގުތުކޮޅެއް ބޭނުންވާ ކަމަށެވެ. އެއަށްފަހު އޭނާ މަސައްކަތާމެދު ތަފްސީލުތަކެއް ދޭނެ ކަމަށް ބުންޏެވެ.

އަންޑާ 19 ޓީމުގައި ދާއިމީ ކޯޗެއްގެ ގޮތުގައި އެންމެ ފަހުން ހުރީ، ޓީސީގެ މިހާރުގެ ކޯޗް ޝާޒްލީ މުހައްމަދު (ޝާޒް) އެވެ. އޭނާގެ ކޯޗް ކަމުގެ ދަށުން އަންޑަ 19 ޓީމުން ވަނީ މިދިޔަ އަހަރު ސާފް ޗެމްޕިއަންޝިޕްގެ 19 އަހަރުން ދަށުގެ މުބާރާތުގެ ތިން ވަނަ ހޯދާފަ އެވެ. އަންޑަ 19 ޓީމުގެ ކޯޗު ކަމުން އޭނާ އިސްތިއުފާ ދިނީ ޓީސީގެ ކޯޗް ކަމާ ހަވާލު ވުމަށެވެ. ދެ ވަނަ ޑިވިޝަން މުބާރާތުގައި ނާދު ޓީމަށް އިރުޗާދު ދިނީ ވަގުތީ ކޯޗެއްގެ ހައިސިއްޔަތުންނެވެ.

ބައްސާމް ވިދާޅުވީ، ރާއްޖޭގައި އެކްޓިވްކޮށް މަސައްކަތް ކުރާ ދިވެހި ކޯޗުންގެ އަދަދު މަދުވުމުން ކުލަބުތަކުން އެ ކޯޗުން ބޭނުންވާ ކަމަށެވެ. ބައްސާމް ވަނީ 16 އަހަރުން ދަށުގެ ގައުމީ ޓީމަށްވެސް ބިދޭސީ ކޯޗެއް ހަމަޖައްސާނެ ކަމަށް ވިދާޅުވެފަ އެވެ. ސޯޅަ އަހަރުން ދަށުގެ ގައުމީ ޓީމުގެ ކޯޗުގެ ގޮތުގައި އެންމެ ފަހުން ހުރީ މުހައްމަދު ނިޒާމް އެވެ. އެ ޓީމުން އޭނާ އިސްތިއުފާ ދިނީ ބަންގުލަދޭޝްގެ ސައިފް ސްޕޯޓްސް ކުލަބުން ލިބުނު ފުރުސަތަކާ ގުޅިގެންނެވެ.